މިނިސްޓްރީ އޮފް އިސްލާމިކް އެފެއަރޒްއިން ދީނީ ޢިލްމުވެރިންނަށް އަމާޒުކޮށްގެން އިސްލާމީ ދަޢުވަތާބެހޭ ފޯރަމެއް ބާއްވައިފިއެވެ.
"ފިޤުހުއްދަޢުވާ ފިލްއިސްލާމް" ނަމުގައި ބޭއްވި މިފޯރަމަކީ ރާއްޖޭގެ ހުރިހާ ދީނީ ޢިލްމުވެރިންނަށް ބައިވެރިވެވޭގޮތަށް ހުޅުވާލައިގެން ބޭއްވި ފޯރަމެކެވެ.
މި ފޯރަމްގައި ބައިވެރިވި ޢިލްމުވެރިންނަށް މަޢުލޫމާތު ދެއްވީ ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ ގެ ލެކްޗަރަރ ޕްރޮފެސަރ ޑޮކްޓަރ ޢަބްދުޙަމީދު ޣާނިމެވެ.
ފޯރަމްގެ ބައިވެރިންނާ މުޚާޠަބު ކުރައްވާ ޕްރޮފެސަރ ދެއްކެވި ވާހަކަފުޅުގައި އިސްލާމްދީނުގައި ދަޢުވަތު ދިނުމުގައި ގެންގުޅެންޖެހޭ ހަމަތަކެއް ހުރިކަމަށް ވިދާޅުވެ، އެހަމަތައް ދެނެގަތުމުގެ މުހިންމުކަމާއި، ދީނުގެ ޝަރުޢީ ޙުކުމްތައް ދެނެގަތުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލެއްވިއެވެ. އަދި އެބައެއްގެ މުޖުތަމަޢުގައި ކަންކަން ހިނގާގޮތާއި ކަންކަން ހުރިގޮތާއި މީހުންގެ ވިސްނުމާއި މީހުންގެ ފިކުރު އަދި ދަޢުވަތުގެ ކަންކަމާ މެދު މީހުންގެ ހޭލުންތެރިކަމާ ޝައުޤުވެރިކަން ހުރި މިންވަރު ދީނީ ޢިލްމުވެރިން ދެނެގަތުމަކީ މުހިންމު ކަމެއްކަމުގައި ވިދާޅުވިއެވެ.
މުޖުތަމަޢުގެ ތެރޭގައި ދީނީ ކަންކަމާމެދު ޚިޔާލުތަފާތުވާން މެދުވެރިވާ ސަބަބުތައް ދެނެގަތުމާއި ޚިޔާލުތަފާތުންތަކާއެކުވެސް ދީނީ ދަޢުވަތު ކުރިއަށް ގެންދިއުމަކީ ހުރިހާ ކަމަކަށްވުރެވެސް މުހިންމު އަދި ސަމާލުކަން ދޭންޖެހޭ ކަމެއްކަމަށްވެސް ޕްރޮފެސަރ ޑޮކްޓަރ ޢަބްދުޙަމީދު ޣާނިމް ފާހަގަކުރެއްވިއެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...