ސަރުކާރުގެ ތައުލީމީ ސިޔާސަތާއި މެދު ހިތްހަމަ ނުޖެހިގެން ބީއޭ ނަސީމު އެމްޑީޕީއިން ވަކިވެއްޖެއެވެ.
މިހަބަރު ޝެއިހް ބީއޭ ނަސީމު ވަނީ ދިއިސްލާމްއަށް ކަށަވަރު ކޮށްދެއްވާ އެބޭފުޅާ އެމްޑީޕީއިން ކެނޑުމަށް ޕާޓީއަށާއި އިލެކްޝަން ކޮމިޝަނަށް ފޮނުއްވި ސިޓީގެ ކޮޕީއެއްވެސް ދެއްވާފައެވެ. އެމްޑީޕީއަށް ޝެއިހް ބީއޭ ނަސީމު މިއަދު ފޮނުއްވި ސިޓީގައިވަނީ "ކަމާބެހޭ ފަރާތުން ރާވާ ތަންފީޛު ކުރަމުންދާ ކަންތަކަކީ ދިވެހި މުޖުތަމަޢަށް ނުހަނު ނުރައްކާތެރި ކަންތަތަކެއް" ކަމަށާއި "ކަމާއިބެހޭ ފަރާތްތަކުން ތައުލީމީ ނިޒާމު ރާވައި ތަންފީޛު ކުރަމުންދަނީ، ޢާންމު ރައްޔިތުންގެ އިޚްލާސްތެރި ޝުޢޫރު ތަކާއި ޚިލާފަށްކަމަށް ޤަބޫލުކުރާ ކަމަށާއި "އެމްޑީޕީގެ މެމްބަރެއްކަމުގައި ހުރުމަށް ޟަމީރު ތަންނުދޭތީ، އެމްޑީޕީގެ މެމްބަރުކަމުން އަޅުގަނޑު މިއަދުން ފެށިގެން ވަކިވީ." ކަމަށެވެ.
އަދި މީގެ އިތުރުން އިލެކްޝަން ކޮމިޝަނަށް ޝެއިހް ބީއޭ ނަސީމު މިއަދު ފޮނުއްވާފައިވާ ސިޓީގައިވަނީ "އެމްޑީޕީގެ ސަރުކާރުން ދިވެހިރާއްޖޭގެ ތަޢުލީމީ ނިޒާމަށް ގެންނަމުންދާ ބަދަލުތަކަކީ އެކަމުގެ ސަބަބުން އިސްލާމްދީނަށާއި، ދިވެހި ޤައުމަށް ވަރަށް ނުރައްކާތެރި ޙާލަތަކަށްވެއްޓި ދާނެކަންތައްތަކެއްކަމަށް އަޅުގަނޑަށް ފެންނާތީ އެމްޑީޕީގެ މެމްބަރުކަމުން މިއަދުން ފެށިގެން އަޅުގަނޑު ވަކިކޮށްދެއްވުން އެދި ދެންނެވީމެވެ." މިފަދައިންނެވެ.
ޝެއިހް ބީއޭ ނަސީމަކީ ފެށުނީންސުރެ އެމްޑީޕީގެ ދީނީ ގޮފީގެ އެންމެ އިސް ބޭފުޅާއެވެ. އަދި އެމްޑީޕީ އުފެދިގެން އައިއިރުވެސް އެޕާޓީގެ އިސް ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ޝެއިހް ބީއޭ ނަސީމުއަކީ މިދިޔަ ސަރުކާރުން އެތައް ފަހަރަކު ޖަލުގައި ބަންދުކުރެއްވި ބޭފުޅެކެވެ. ޝެއިހް ފަރީދަށްފަހު ޝެއިހް ބީއޭ ނަސީމު ވެސް އެމްޑީޕީ ދޫކުރެއްވީ އިސްލާމް ދީނަށް އެމްޑީޕީގެ އިސް ބޭފުޅުން އިހުތިރާމް ކުރުމެއްނެތި ކުރަމުން އަންނަ ކަންކަމަށް ކެތް ނުކުރެވިގެންނެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...