ޔުނިވާސިޓީގެ ތިން ފެކަލްޓީއެއް ހިންގަމުންދާ ބާ ޖަމާލުއްދީން އިމާރާތުން ނިކުމެ ތަން ހުސްކުރުމަށް ހަތް ދުވަހުގެ މުހުލަތެއް ދިން ނަމަވެސް ވަންނާނެ ތަނެއް ނެތި އެގޮތަށް އަމަލުކޮށްފިނަމަ އެތައް ދަރިވަރުންގެ ކިޔެވުން ހުއްޓިގެންދާނެ ކަމަށް ދިވެހި ރާއްޖޭގެ ގައުމީ ޔުނިވާސިޓީން ބުނެފި އެވެ.
ޔުނިވާސިޓީގެ ކިޔެވުން ކުރިއަށް ގެންދާ ދެ އިމާރާތެއް ހުސްކުރުމުގެ މަސައްކަތް ހައުސިން މިނިސްޓްރީން ފުލުހުން މެދުވެރިކޮށް ކުރަމުން ދިއުމާއި ގުޅިގެން ޔުނިވާސިޓީން ނެރުނު ބަޔާނެއްގައި ވިދާޅުވީ، ގާނޫނީ ހައިސިއްޔަތު ލިބިފައިވާ ގާނޫނީ ޝަހުސަކާއި ދެކޮޅަށް ސަރުކާރުން މިފަދަ އިހާނެތި ގޮތަކަށް ޢަމަލު ކުރުމަކީ ކަންބޮޑުވާ ކަމެއް ކަމަށެވެ.
ވަންނާނެ ވަކި އިމާރާތެއް ނެތި ދަރިވަރުންތަކެއް މަގުމަތިވިޔަ ނުދިނުމަށް ޖީ ބްލޮކް ހުސްކުރުމަށް ދިން މުހުލަތު އިތުރު ކޮށްދިނުމަށް މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ ތެރޭގައި ވެސް ސަރުކާރުގެ ކިބައިން އެދިފައި ވާނެކަމަށް އެމްއެންޔޫޢިން ވަނީ ބުނެފައެވެ.
އެހެން ނަމަވެސް ޔުނިވާސިޓީގެ އެދުމަށް މިހާތަނަށް ސަރުކާރުން ޖަވާބެއް ދީފައި ނުވާކަމަށާއި، ކުއްލި ގޮތަކަށް ޢިމާރާތްތައް ހުސްކުރަން ސަރުކާރުން އެންގުމަކީ، އެތަނުން ބަދަލުވާނޭ އެހެން ޢިމާރާތެއްނެތި ކުރެވޭނޭ ކަމެއް ނޫންކަމަށް އެމްއެންޔޫގެ ބަޔާނުގައި ވިދާޅުވިއެވެ.
އަދި ސަރުކާރުން މިގޮތަށް ޢަމަލު ކުރުމުން އެތައް ދަރިވަރުން ތަކެއްގެ ކިޔެވުން ހުއްޓޭނެ ކަމަށްވެސް ޤައުމީ ޔުނިވާސިޓީން ވިދާޅުވިއެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...