ދުނިޔެ 2014 - އިންސާނީ ޙައްޤުތަކުގެ ރޮނގުން އދ އާއި ބާރުގަދަ ޤައުމުތައް ފޭލްވެފައި

2014 - އިންސާނީ ޙައްޤުތަކުގެ ރޮނގުން އދ އާއި ބާރުގަދަ ޤައުމުތައް ފޭލްވެފައި

2014 - އިންސާނީ ޙައްޤުތަކުގެ ރޮނގުން އދ އާއި ބާރުގަދަ ޤައުމުތައް ފޭލްވެފައި

ކިޔާލަން ހޭދަވާނީ 5 މިނިޓް

ފޮންޓް ސައިޒް

2014  ވަނަ އަހަރު ފާހަގަކުރެވެނީ އިންސާނީ ޙައްޤުތައް ރައްކާތެރިކޮށް ދެމެހެއްޓުމަށްޓަކައި އދ އާއި ދުނިޔޭގެ ނަން ހިނގާ ބާރު ހުރި ޤައުމުތައް އިންސާނީ ޙައްޤުތަކުގެ ރޮނގުން ފޭލުވެފައިވާ އަހަރެއްގެ ގޮތުގައެވެ.

އިންސާނީ ޙައްޤުތަކުގެ ނަމުގައި އެންމެ ނަގާކިޔާ އުޅޭ ދެތިން ޤައުމުގެ ޙަރަކާތްތައް ފެނުނީ ހިމޭންވެފައިވާ ތަނެވެ.  އެފަރާތްތަކަށް މީހުން ކުރަމުން ދިޔަ އިތުބާރު ދައްވެގެން ދިޔައެވެ. ޚާއްޞަ ގޮތެއްގައި އދ އާއި އެޖަމާޢަތުގެ މައި އިދާރާ ހުންނަ އެމެރިކާއާއިމެދު މީހުން ދެކެމުން ދިޔަ ގޮތް ބަދަލުވެގެން ދިޔައެވެ.

އެމެރިކާގެ ކައިރި މަޒީއިން ފެނިގެން ގޮސްފައިވަނީ އިންސާނީ ޙައްޤުތަކާއި ފަނާ ކުރުވަނިވި ނިއުކުލިއަ އަދި ބައިލޮޖިކަލް ހަތިޔާރާއި ދެކޮޅަށް އަޑުއުފަލާކަން ދެއްކި ޤައުމެއްގެ ގޮތުގައެވެ. ނަމަވެސް މިމަޢުލޫގައި ދުނިޔޭގެ ކުދި އަދި އިސްލާމީ ޤައުމުތަކުން އެމެރިކާއާއި އދގެ ބޮލަށް އަރާ ހިސާބަށް ކަންތައް ދިޔައެވެ.

އދ އާއި ދުނިޔޭގެ ބާރު ހުރި ޤައުމުތައް އިންސާނީ ޙައްޤުތަކުގެ ނަމުގައި ފުންމަމުން ދިޔަ ދުންމާރީގެ އަޑު މުޅިން ކެނޑިގެންދިޔަ ދުވަސްވަރެއް 2014 ވަނަ އަހަރު ފާހަގަ ކުރެވިގެން ދިޔައެވެ. އެއީ 8 ޖުލައިގައި ހައްދުފަހަނަ އަޅާފައިވާ އިސްރާއީލުން ޣައްޒާގެ ނިކަމެތި ރައްޔިތުންނާ ދެކޮޅަށް ކުރަމުން ދިޔަ ހަނގުރާމައިގެ ވަގުތުގައެވެ. 50 ދުވަހުގެ ނިޔަލަށް ކުރެވިގެންދިޔަ ހަނގުރާމައިގެ ފަހުންވެސް ހިނދުކޮޅަކަށް އދ އެމެރިކާއާއި އެޤައުމުގެ ބައިވެރިންގެ ފަރާތުން ފެނިގެން ދިޔައީ ހަމަ ހިމޭންކަމެވެ.

ހައްދުފަހަނައަޅާފައިވާ އިސްރާއީލުން ޣައްޒާގެ ނިކަމެތި ރައްޔިތުންގެ ތެރެއިން އެތަށް ބަޔަކު މަރަމުން ދިޔައިރު އެމެރިކާ އޮތީ ނިދިފައެވެ. އަދި އދ އާއި ބާރު ހުރި އެހެން ޤައުމުތަކުންވެސް އޮތީ ނިދާފައެވެ. އެހިނދުގައި އިންސާނީ ޙައްޤުތަކާއި ހަމަހަމަ ވަންތަކަމަށް ދައުވާ ކުރަމުން ދިޔަ މިބާރުތަކުގެ ލޯތައް ކަނުވެގެން ދިޔަ ކަހަލައެވެ. އިސްރާއިލުން ޣައްޒާގެ ސަރަހައްދަށް ވައިގެ މަގުންނާއި އެއްގަމު މަގުން ދެމުން ގެންދިޔަ ޙަމަލާތަކުގައި އެތަށް ކުޑަކުދިންނަކާއި އަންހެނުންނަކާއި މުސްކުޅިންނެއް ދިޔައީ ޝަހީދުވަމުންނެވެ. އދ އާއި އެޖަމާޢަތުގެ ބާރުގަދަ ޤައުމުތަކަށް ކަހާތަންވެސް ހިރުވާ ނުލާކަހަލައެވެ.

މިހަނގުރާމައިގައި އިސްރާއީލުން ފަނާކުރުވަނިވި ނިއުކުލިއަ އަދި ބައިލޮޖިކަލް ހަތިޔާރު ބޭނުން ކުރަމުންދާކަން ދުނިޔޭގެ މީޑިއާތަކުން ގޮވަމުން ދިޔައިރު އެއްކަލަ އެމަރިކާއާއި އދ އަކަށް މިއަޑުތަކެއް ނީވުނެވެ. އެޖާހިލުންގެ ކަންފަތަކަށް ރީ އެޅި ބައްވަފެވާ ކަހަލައެވެ. މިފަހަރު  މިފަދަ ހަތިޔާރުތައް ގެންގުޅުން ހުއްދަވީ ތޯއްޗެކެވެ. ނަމަވެސް ހުދު ތިމަތިމާމެންގެ އަތުން ލިޔުނު ބައިނަލްއަޤުވާމީ ޤަރާރުތަކުގައި އެކަންއޮތީ ބޮޑުވެގެންވާ ކުށެއްގެގޮތުގައި ލިޔެ ނިންމާފައެވެ.

މީގެކުރިން އެފަދަ ހަތިޔާރުތައް ބޭނުން ކުރި ކަމަށް ތުހުމަތުކޮށް ބައެއް ޤައުމުތަކަށް ވޭންދެނިވި ބޮޑެތި ފިޔަވަޅުތައް އަޅައިފައިވެއެވެ.

ދެންއޮތީ ޣައްޒާގެ ހަނގުރާމައިގެ ވާހަކައެވެ. ބައިނަލްޢަޤުވާމީ ޤަރާރުތަކުގައި ހަނގުރާމަޔާއި ނުބެހޭ މީހުން މެރުމަކީ ބޮޑުވެގެންވާ ޖަރީމާއެކެވެ. ނަމަވެސް ހައްދުފަހަނައަޅާފައިވާ ހަރުކަށި އިސްރާއިލްގެ ޙަމަލާތަކުގެ ތެރެއިން 98 އިންސައްތަ އަމާޒުވީ ޣައްޒާގެ ނިކަމެތި ރައްޔިތުން ދިރިއުޅޭ އާބަން އެރިއާތަކަށެވެ. ހަނގުރާމައިގައި އެތަށް ކުޑަކުދިންނަކާ އަންހެނުނެއް ޝަހީދުވެ މަރުވެފައިވާއިރު އެތަށް ހާސް ބަޔަކުވަނީ ޒަހަމްވެފައެވެ. އެތަށް ކުޑަކުދިންނެއް މައިބަފައިންގެ ކުރިމަތީގައި މަރުވަމުން ދިޔައެވެ. އެމައިންނާއި ބަފައިން އަޑުން އަޑުނަގައި ރޮމުން ދިޔައެވެ. ތުއްތު ތުއްތު ދަރިން މައިންބަފައިންގެ ފުރާނަނެއް މަސްގަނޑު މަތީގައި ރޮއިހޭރެމުން ދިޔައެވެ.  ޒަހަމްވެފައިވާ ހަށިތަކުން ޣައްޒާގެ ހަސްފަތާލްތައް ލެއިން ތަތްތެޅެމުން ދިޔައިރުވެސް އިންސާނީ ޙައްޤުތަކާއި ހަމަހަމަ ކަމަށް ގޮވަމުން ދިޔަ ބާރު ހުރި ޤައުމުތަކަށް އެމަންޒަރެއް ނުފެނުނެވެ. އެތުއްތު ތުއްތު ދަރިންނާއި މައިންބަފައިންގެ ރޯ ރުއިމުގެ އަޑެއް ނީވުނެވެ.

ސުކޫލަށް ދާ ޢުމުރުގެ ކުދިން ތަޢުލީމުން މަހުރޫމު ކުރުމަކީ ބައިނަލްޢަޤުވާމީ ޤަރާރުތަކުގައި ކުށަކަށްވާއިރު ޣައްޒާ ހަނގުރާމައިގެ ތެރޭގައި ޣައްޒާގެ 232 ސުކޫލަކަށް ހަމަލާދީ ބޮޑެތި ގެއްލުންތަކެއް ވަނީ ދީފައެވެ. މީގެއިތުރުންވެސް ޣައްޒާގެ 41350 ގެއަށް ޙަމަލާދީ ސުންނާފަތިކޮށްފައިވެއެވެ. މިސްކިތްތަކުގެ ތެރެއިން 152 މިސްކިތަށް ޙަމަލަދީ ގެންލުން ދީފައިވެއެވެ. ހަސްފަތާލުތަކާއި ސިއްހީ ޚިދުމަތްދޭ މަރުކަޒުތަކުގެ ތެރެއިން 33 ތަނަށް ޙަމަލާދީފައިވެއެވެ.

މަލާލާއާއި އަންހެން ކުދިންގެ ތަޢުލީމު

2014 ވަނަ އަހަރު ޕާކިސްތާނުގެ އަންހެން ކުއްޖެއް ކަމުގައިވާ މަލާލާ ޔޫސްފްޒައިގެ ވާހަކަ ފެންމަތިވެގެންދިޔައެވެ. މިވާހަކަ ފެށިފައިވަނީ ޕާކިސްތާނުގެ ޠާލިބާނުންގެ ޙަމަލާއެއްގައި މަލަލާ ޒަހަމްވުމުންނެވެ. މިޙަމަލާއާއި ގުޅިގެން އޭނާ ޒަހަމްވުމުން އިނގިރޭސި ސަރުކާރުގެ ޚާއްޞަ މަތިންދާ ބޯޓެއްގައި ލަނޑަންނަށް ގެންގޮސް ފަރުވާ ދިފައިވެއެވެ. ހީވީ އަމިއްލަ ދަރިއަކަށް ކަމެއް ވީހެންނެވެ. އދ މަޖިލީހުގައި މަލަލާ ލައްވައި ތަޤުރީރުކޮށް އަންހެނުންނަށް ތަޢުލީމު ދިނުމުގެ ޙައްޤުތަކުގައޭ ކިޔައި ވަކާލާތު ކޮށްފިއެވެ. މަލާލާއަށް ދިން ޙަމަލާއަކީ އަންހެން ކުދިންގެ ތަޢުލީމުގެ ޙައްޤުތަކަށް ދެވުނު ޙަމަލާއެއްކަމުގައި ސިފަ ކުރިއެވެ. ނަމަވެސް ފަހަތަށް މަޒންޒަރު ބަލާލާށެވެ. އަވައްޓެރި އަފުޣާނިސްތާނުގައި އެމެރިކާއާއި އިނގިރޭސިންގެ ގުޅިފައިވާ ލަޝްކަރުތަކުން ކިތައް ކުޑަކުދިން މަރާލި ހެއްޔެވެ. އެތަށް ލައްކަ ކުޑަކުދިން ޒަހަމުކޮށްލިއެވެ. އޭރު އިނގިރޭސިންގެ ޚައްޞަ މަތިންދާބޯޓަކުން އައިސް ކުޑަކުދިންތައް ނަގައިގެން ގެންގޮސް ލަންޑަންގެ ހޮސްޕިޓަލްތަކުގައި ފަރުވާ ނުދިނީ ކިއްވެހެއްޔެވެ. އދ ގެ މަޖިލީހަށް ވައްދައި އަނިޔާވެރިކަމާއި ދެކޮޅަށް ތަޤުރީރު ނުކުރުވީ ކީއްވެ ހެއްޔެވެ.

ތިމާމެންނަކީ އަންހެން ކުދިންގެ ތަޢުލީމަށް ހިތްވަރުދޭ ބައެއް ކަމަށް ދައުވާ ކުރާއިރު ޣައްޒާ ހަނގުރާމައިގެ ތެރޭގައި އެތަށް އަންހެން ކުދިނެއް ސުކޫލުތަކުގައި ކިޔަވަން ތިއްބާ ސުކޫލުތަކަށް ޙަމަލާދީ އެތަށް ކުދިންނެއް މަރައި އެތައް ކުދިންނެއް ޒަހަމްކޮށް، ސުކޫލްތައް ސުންނާފަތިކޮށްފައިވެއެވެ.  މިފަހަރު އަންހެން ކުދިންގެ ތަޢުލީމަށް އިސްކަންދޭން ނުޖެހުނީ ހެއްޔެވެ. އެޙައްޤަކީ ކޮންމެހެން ފޯރުކޮށްދޭން ޖެހޭ ޙައްޤަކަށް ނުވަނީ ހެއްޔެވެ. ފަހެ އެވަގުތުގައި އިންސާނީ ޙައްޤުތަކަށް ވަކާލާތުކުރާ އދ އާއި އެމެރިކާއާއި އިނގިރޭސިން ކޮބާ ހެއްޔެވެ.

އައިއެސްއައިއެސް

އިސްލާމިކް ސްޓޭޓު އެންޑު އިރާޤު އެންޑު ޝާމް ގެނަމުގައި ސިރިޔާއާއި އިރާޤުން ބައެއްގައި އިސްލާމީ ޚިލާފަތެއްގެ ނަމުގައި ޚިލާފަތެއް އިޢުލާންކޮށްފައިވާ ކަމަށް ދައުވާ ކުރާ ބަޔަކު، އިރާޤާއި ޝާމުގެ ސަރަހައްދުތަކުގައި ހިނގާފައިވާ ކަމަށް ބުނާ އަނިޔާވެރި ލާއިންސާނީ އަނިޔާ އާއި ދެކޮޅަށް އެމެރިކާއާއި އިސްލާމީ ބައެއް ޤައުމުތަކުންވެސް ނިކުތެވެ. މިހަނގުރާމަ ލީޑުކޮށް ކޮމާންޑު ކުރާނީ އެމެރިކާއެވެ. މިހާހިސާބުން އުފެދެނީ ސުވާލެކެވެ. އިސްލާމީ ޤައުމުތަކުން އެމެރިކާގެ ލީޑަރޝިޕްގެ ދަށުން ލާއިންސާނިއްޔަތާއި ދެކޮޅަށް ނިކުތީ ކީއްވެހެއްޔެވެ. އެޤައުމުތަކުން ލާއިންސާނީ ޢަމަލުތަކާއި ދެކޮޅަށް ނިކުންނައިރު އެމިޝަން ލީޑުކުރަން އޮތް އެމެރިކާގެ ފަސްބައިގައި ވަނީ އިންސާނިއްޔަތާއި ޚިލާފު ޖަރީމާތައް ހިންގުމުގެ ރެކޯޑުތަކެވެ.

ފަހަރެއްގައިވެސް އައިއެސްއައިއެސް އިން ހިންގާ ޖަރީމާތަކަށް ތާޢީދެއް ނުކުރަމެވެ. ނަމަވެސް އައިއެސްއިން ހިންގާފައިވާ ޖަރީމަތަކަށްވުރެ ތިން ހަތަރު މަސް ތެރޭގައި އެމެރިކާއިން އިސްރާއީލުން ޣައްޒާއާއި އިރާޤާއި އަފުޣާނިސްތާނުގެ ނިކަމެތި ރައްޔިތުންނާ ދެކޮޅަށް ހިންގާފައިވާ ޖަރީމާތަކާއި ނުބައްދަލެވެ. އިންސާނިއްޔަތާއި ޚިލާފަށް އިސްރާއީލު ހިންގާފައިވާ ޖަރީމަތައް ނުހުއްޓުވުނު ބަޔަކަށް އައިއެސް ހުއްޓުވޭނެ ކަމަށް ޤަބޫލުކުރޭވެނެ އެއްވެސް ފޯމިއުލާއެއް ނުފެނެއެވެ.

އިސްރާއިލާއި އެމެރިކާއާއި އެޤައުމުތަކަށް ވާގިވެރިވާ ޤައުމުތަކުން ހިންގާ އިންސާނިއްޔަތާއި ޚިލާފު ޖަރީމާ ހުއްޓުވޭނީ އިސްލާމީ އުންމަތަށެވެ. އިސްލާމް ދީނުގެ އަލީގައި ނޫނީ ދުނިޔެއަށް ދިމާވެފައިވާ މައްސަލަތައް ޙައްލެއް ނުކުރެވޭނެއެވެ. އެހެންކަމުން އިންސާނިއްޔާއި ޚިލާފު ބޮޑެތި ޖަރީމާ ހިންގާ ފަރާތްތަކުގެ ޢަމަލުތައް ހުއްޓުވޭނީ އިސްލާމް ދީން ދުނިޔޭގައި ބާރުވެރިވެގެންނެވެ.

މިއީ 2014 ވަނަ އަހަރު އިންސާނީ ޙައްޤުތަކުގެ ނަމުގައި ވަކާލާތު ކުރާ ޤައުމުތަކުން އިންސާނީ ޙައްޤުތަކުގެ ދާއިރާއިން ވެފައިވާ އިހުމާލުތަކެވެ. 2014 ފާހަގަ ކުރެވެނީ މިދެންނެވި ބާރުތަކުން ވަކާލާތު ކުރަމުން ދިޔަ އިންސާނީ ޙައްޤުތަކުގެ ދާއިރާގައި، އެބާރުތައް ފެއިލްވެފައިވާ ތަނެވެ. ދުނިޔޭގެ އެންމެނަށް އިންސާނީ ޙައްޤުތައް ފޯރުކޮށްދޭން ތިބީ ތިމަންނަމެން ކަމަށް ވަކާލަތުކުރާ މީހުންގެ ހުރި ފެންވަރު 2014 ވަނަ އަހަރު ވަނީ ހާމަވެފައެވެ. އެފަރާތްތަކުން ހިންގާފައިވާ ޖަރީމަތަކު ޙަޤީޤަތް ނިއުޅިވި މުޅި ދުނިޔެއަށް ވަނީ ބޭޒާރުވެފައެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.