ޕީޕީއެމުން ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާޞިމް އިބުރާހީމް ކުއްވެރި ކުރައްވައި ބަޔާނެއް ނެރެފި އެވެ.
އެޕާޓީން ރޭ ބޭއްވި ޤައުމީ މަޖިލީހުގެ ބައްދަލުވުމަށްފަހު ނެރުނު ބަޔާނެއްގައި ބުނީ ދާދި ފަހުން ޖުމްހޫރީ ޕާޓީއަށް މެންބަރަކު ސޮއިކުރުމުގެ ރަސްމިއްޔާތުގައި ޖޭޕީގެ ވެރިން ސަރުކާރު ބަދުނާމު ކޮށް ވާހަކަ ދައްކާފައި ވާކަމަށާއި އެއީ ޙަޤީޤަތާއި ޚިލާފު ވާހަކަ ތަކެއް ކަމަށެވެ.
އަދި ރައްޔިތުންނަށް ކަމުގެ ޙަޤީޤަތް އޮޅޭގޮތަށް ޖޭޕީގެ ލީޑަރުން ދެއްކި ވާހަކަތައް ކުއްވެރި ކުރާކަމަށާއި، މި ސަރުކާރާއި އެކު ބޭރު ދުނިޔެ އިން ވަރަށް ގާތް ގުޅުންތަކެއް ބާއްވަމުން ގެންދަވާ ކަމަށްވެސް ޕީޕީއެމުން ވަނީ ބުނެފަ އެވެ.
ޖުމްހޫރީ ޕާޓީއަށް ރައްޔިތުންގެ މަޖިލީހުގައި ހުންނެވި ހަމައެކަނި މިނިވަން މެންބަރު ސޮއިކުރެއްވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޖޭޕީގެ ލީޑަރު ޤާޞިމް އިބުރާހީމް ވިދާޅުވެފައި ވަނީ ބައިނަލްއަގުވާމީ ޖަމާއަތްތަކުން ރާއްޖޭގެ އަދުލުއިންސާފުގެ ދާއިރާއާމެދު ތަފާތު ނަޒަރަކުން ދެކެން ފަށާފައި ވާކަމަށެވެ.
މީގެ ސަަބަބުން ބޭރު ދުނިޔޭގައި ރާއްޖެއަށް ލިބެމުން އައި ތައުރީފުގެ ބަދަލުގައި ނަފްރަތާއި ހިތްހަމަނުޖެހުމުގެ ބަސްތައް ލިބެން ފަށާފައި ވާކަމަށްވެސް ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެމްބަރުކަން ވެސް ކުރައްވަމުން ގެންދަވާ ގާސިމް އިބްރާހިމް ވަނީ ވިދާޅުވެފަ އެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...