ބޮޑެތި ކުށްތައް ހުއްޓުވުމުގައި ޤައުމުތައް ގުޅިގެން އަޅާނެ ފިޔަވަޅު ތަކެއް ކަނޑައަޅައިފިއެވެ.
ރާއްޖޭގެވެސް ބައިވެރި ވުމާއި އެކު ބޭއްވި އިންޓަރޕޯލްގެ 83 ވަނަ ޖެނެރަލް އެސެމްބްލީގައި ބައިވެރިވި މެމްބަރު ޤައުމުތަކުން އެ ޤައުމުތަކުގައި ސަލާމަތީ ޚިދުމަތްދޭ ފަރާތްތަކާ ޢާއްމު ފަރުދުންނާ އެހެނިހެން ޖަމާޢަތްތައް ގުޅިގެން ކުށްމަދު ވެއްޓެއް ޤާއިމް ކުރުމަށް ކުރެވެން ހުރި ކަންކަމާ ބެހޭގޮތުން މަޝްވަރާ ކޮށްފައިވެއެވެ. މީގެ އިތުރުން ޤާނޫނު ތަންފީޒް ކުރުމުގެ މަސައްކަތް ހަރުދަނާ ކުރުމާއި އެކަމަށް ބޭނުންވާ އެކިއެކި ސްޓްރެޓެޖީތައް އެކަށައެޅުމާއި ޓެކްނޮލިޖީގެ އެހީތެރިކަން ބޭނުންކޮށްގެން ބޮޑެތި ކުށްތައް ހުއްޓުވުމަށް ޤައުމުތައް ގުޅިގެން ކުރެވޭނެ ކަންކަމާމެދުވެސް ފުޅާ ދާއިރާއެއްގައި މަޝްވަރާ ކޮށްފައިވެއެވެ.
މީގެ އިތުރުން ޤައުމުތަކުގައި ހިނގާ ބޮޑެތި ކުށްތައް ހުއްޓުވުމުގައި ބައިނަލްއަޤުވާމީ މުޖުތަމަޢު ގުޅިގެން މިހާރަށްވުރެ ހަރުދަނާ ކަމާއެކު ކުރެވޭނެ ކަންކަމާމެދު މަޝްވަރާކޮށް އެފަދަ މަސައްކަތްތައް ގެންދެވޭނެ ގޮތުގެ އުޞޫލުތަކެއްވެސް މިއަހަރުގެ އެމްބެލީގައި ވަނީ ކަނޑައަޅާފައެވެ.
މި ނޮވެމްބަރު މަހުގެ 3 ން 7 އަށް މޮނާކޯގައި ބޭއްވި އިންޓަރޕޯލްގެ ޖެނެރަލް އެސެމްބްލީގައި މިއަހަރު އެންމެ މުހިއްމު ކަމެއްގެ ގޮތުގައި މަޝްވަރާ ކުރައްވާގައިވަނީ އިންޓަރނޭޝަނަލް ޕޮލިސް ކްރައިމް ކޯޕަރޭޝަނަށް 100 އަހަރު ފުރުމުގެ މުނާސަބަތުގައި ޤައުމުތަކުން ގުޅިގެން ކުރާނެ ކަންކަމާ ބެހޭގޮތުންނެވެ. މިގޮތުން މިއަހަރުގެ ޝިޢާރު ކަމުގައިވާ، “ޓާން ބެކް ކްރައިމް” ގެ ދަށުން ޤައުމު ތަކުގައި ރާވައި ހިންގާނެ ޙަރަކާތްތަކާ ގުޅޭ ގޮތުންވެސް ފުޅާ ދާއިރާއެއްގައި މަޝްވަރާ ކޮށްފައިވެއެވެ.
މޮނާކޯގައި ބޭއްވި މިއެސެމްބަލީގައި އިންޓަރޕޯލްގެ މެމްބަރު ޤައުމުތަކުގެ ދާޚިލީ ވަޒީރުންނާ ޕޮލިސް ފޯސްތަކުގެ އެންމެ އިސްވެރިންނާއި އިންޓެލިޖެސް ޑިޕާޓްމަންޓުތަކުގެ ވެރިން ބައިވެރިވެވަޑައިގއެވެ.
ރާއްޖޭގެ ފަރާތުން ބައިވެރިވެ ވަޑައިގަތީ މިޝަނަރ އޮފް ޕޮލިސް ޙުސައިން ވަޙީދު އާއި އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު ޢަރީފެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...