ރާއްޖޭގެ ޚަބަރު ހަނގާ ކުރުން: ދަރިވަރުންގެ މުސްތަޤުބަލަށް އެޅިފައިވާ ހުރަހެއް!

ހަނގާ ކުރުން: ދަރިވަރުންގެ މުސްތަޤުބަލަށް އެޅިފައިވާ ހުރަހެއް!

ހަނގާ ކުރުން: ދަރިވަރުންގެ މުސްތަޤުބަލަށް އެޅިފައިވާ ހުރަހެއް!

ކިޔާލަން ހޭދަވާނީ 6 މިނިޓް

ފޮންޓް ސައިޒް

ލިޔުއްވީ : ޕޮލިސް ޗީފް ސްޓޭޝަން އިންސްޕެކްޓަރ އިބްރާހީމް ޙުސައިން ދީދީ

ހަނގާ ކުރުމަކީ އެކަކު އަނެކަކަށް ނުވަތަ އެއްބަޔަކު އަނެއް ބަޔަކަށް އަނގަބަހުން ނުވަތަ ޖިސްމާނީގޮތުން ނުވަތަ މާއްދީގޮތުން ގެއްލުންދީ ގޯނާކޮށް އުދަގޫކުރުމެވެ. އަދި ބަޔަކު ލައްވައި އެފަދަ ކަމެއް ކުރުވުމަކީ ވެސް ހަނގާ ކުރުމެވެ. މިއީ އަޅުގަނޑުމެންގެ މުޖުމަތަމުގައި ހިގަމުންދާ ވަރަށް ނުރަގަޅު އާދައެކެވެ. ހަނގާ ކުރުމަކީ އެކަކު އަނެކަކުގެ މައްޗަށް ބާރުފޯރުވުމުގެ ގޮތުންނާއި މަލާމަތާއި ފުރައްސާރަ ކުރުމުގެ ގޮތުން، ޖޯކުޖަހައި، ދިމާކޮށް ކުރާ ކަންތަކާއި، ބުނާބަހަކަށް ކިޔާ ނަމެކޭވެސް ބުނެވިދާނެއެވެ.

ހަނގާ ކުރުމުގެ ގޮތުން ކުރެވޭ ކަންކަމަކީ މީހުން ނުރުހޭ ނަންނަމުން މުޚާތަބު ކުރުމާއި، މީހުނާއި ބެހޭގޮތުން ދޮގުވާހަކަޔައި ހަޑިހުތުރު އެއްޗެހި ލިޔުމާއި، ބައިވެރިވާ ހަރަކާތްތަކުން އެކަހެރިކުރުމާއި، މީހުނަށް ބިރުދެއްކުމާއި، މީހުންނަށް ހިންހަމަޖެހުން ނުލިބޭ ފަދަ ގޮތްގޮތަށް ކަންތައްކުރުމާއި، މީހުންގެ މުދާ ނެގުމާއި، މުދާ ހަލާކު ކުރުމާއި، މީހުންގައިގައި ޖެހުމާއި، މީހުންނަށް މަޖޫބޫރު ކުރުވައިގެން ކަންތައް ކުރުވުމުގެ އިތުރުން ފުރައްސާރަ ކުރުވުން ފަދަކަންކަމެވެ. ޙަޤީގަތުގައިވެސް ހަނގާކުރުމަކީ ވަރަށް ނުރަގަޅު ސިފައެކެވެ. ހަނގާ ކުރުމުގެ ސަބަބުން ހިތުތެރޭގައި ބިރުވެރިކަން އުފެދި، ހިންހަމަނުޖެހި، އަރާމާއި އުފަލުން މަޙްރޫމްވެ މާޔުސް ކަންމަތީ އުޅެންޖެހޭތަން އާދައެވެ.

ހަނގާ ކުރުމުގެ ހާދިސާތައް ދިވެހިރާއްޖޭގައިވެސް ހިގައެވެ. ސްކޫލު މަދްރަސާ ތަކުގައާއި އޮފީސް މާޙައުލުގައި އަދި އެނޫންވެސް ބައެއް ތަންތަނުގައެވެ. ދޭދޭ ފަރުދުންގެ މެދުގައާއި އެކުގައި އުޅޭ ގުރޫޕްތަކުގެ މެދުގައިވެސް މެއެވެ. ކަންމިހެން ހުރުމާއެކު މިކަން ސީރިއަސް މައްސަލައެއްގެ ގޮތުގައި ނަގަން އެބަޖެހެއެވެ. ހަނގާ ކުރުމުގެ ސަބަބުން، ހީނުކުރާ ވަރުގެ ބޮޑެތި ގެއްލުން އެމީހެއްގެ ނުވަތަ ބައެއްގެ ދިރިއުޅުމުގައި ލިބެއެވެ. ހަނގާ ކުރުމުގެ ސަބަބުން ބައެއް ޙާލަތްތަކުގައި ކުދިންނާއި މީހުންގެ ފުރާނައަށް ގެއްލުން ލިބިފައިހުރިކަން ފާހަގަ ކުރަންޖެހެއެވެ.
ހަނގާކުރަނީ ކީއްވެ؟

ހަނގާ ކުރާ ވަރަށް ގިނަ ސަބަބުތަކެއް ހުންނާނެއެވެ. މީގެތެރެއިން ކުޑަ މިންވަރެއް ހިމަނާލަން ގަސްދު ކުރަމެއެވެ. މިގޮތުން ހަނގާ ކުރާ މީހުން ދެކޭގޮތުގައި އެމީހުންނަކީ އެހެން މީހުންގެ ކުރިމަތީގައި ވަރަށް ގަދަ މީހަކަށް ވެފަ، އެތަނެއްގައި ތިބޭ ބަޔަކުގެ ތެރޭގައި ބަރާއި ނުފޫޒްގެ ގޮތުން އަރައި ހުންނަމީހަކަށްވެއެވެ. އެމީހަކީ ކުރީގައި ހަނގާކުރުމުގެ ސަބަބުން ހަނގާގެ ޝިކާރައަކަށްވެ އެކަމުގެ ސަބަބުން އަސަރު ކޮށްފައިވާ މީހަކަށްވެސް ބައެއް ފަހަރު ވެފައި ހުރެއެވެ. ހަނގާ ކުރުމުގެ ސަބަބުން އެހެންމީހުންގެ ކުރިމަތީގައި މަޝްހޫރުވެ އެވާހަކަ އަޑު އިވި ފެންނާތީއެވެ.
ދިރާސާތަކުން ދައްކާގޮތުގައި ބައެއްމީހުން ހަނގާ ކުރަނީ އެހެންމީހުންގެ ސަމާލުކަން އެމީހަކަށް ލިބިގަތުމަށެވެ. އަނެއްބައެއްގެ މަޤްސަދަކަށް ވަނީ އެހެން މީހުން އޭނާދެކެ ޖެހިލުންވެ ބިރުގަންނަ މީހަކަށްވުމެވެ. މީގެއިތުރުން އެމީހުނަށް މިކުރެވެނީ ކީއްކަމެއް އަދި އެމީހުންގެ އުޅުމާއި އަޚްލާޤްގެ ސަބަބުން ތިމާފަދަ އަނެކާއަށް ކުރާނެ އިހްސާސްތައް ނޭނގޭ ނުވަތަ ނުވިސްނޭހާލު ގައިވެސް ހަނގާ ކުރެއެވެ. މިކަންކަމަކީ ވަރަށް ހިތާމަހުރިކަންކަމެވެ.
ހަނގާކުރާ ބައެއް ޒުވާނުން ހަނގާ ކުރަނީ ވަކި ޚާއްޞަ ސަބަބެއް އޮވެގެން ނޫންކަން ފާހަގަކުރެވެއެވެ. އެކަމަކު ފާހަގަ ކުރެވިފައިވަނީ އެފަދަ ކުދިންނަކީ ކޮންމެވެސް ގޮތަކުން ތަފާތުކަމެއް ހުންނަ ކުދިންނަށްވެފަ، ފަހަރުގައި އެކުދިންގެ ހަށިގަނޑު ކުލައިގެ ސަބަބުން، އެކުދިންގެ އިސްކޮޅުގެ ނުވަތަ ހަށިގަނޑު ބައްޓަމުގެ ސަބަބުން އެކުދިންގެ، ނަމުގެ ސަބަބުން ނުވަތަ ކުދިންގެ ވާހަކަ ދެއްކުމުގެ ވައްޓަފާޅި ހުންނަ ގޮތުން ހަނގާކުރަނީ ކަމަށެވެ.

ބައެއްފަހަރު ޒުވާންކުދިން ހަނގާ ކުރާތަން އެބަ އާދެ، އެކުދިން ބޭނުންނުވާ ސިފައަކަށް އެކުއްޖެއްގެ ނަފްސް ހުތުރުވުން. ހަނގާ ކުރުމުގެ ސަބަބުން އިންސާނާ އަށް އިތުރު ނުތަނަވަސް ކަމާކާއި އެކަނިވެރިކަން އިޙްސާސް ވާތަން އާދެއެވެ. އުފާވެރިކަމާއި ހިންހަމަނުޖެހުމުން އެއްކިބާކޮށްލައި މީހާ މާޔޫސް ކުރުވައި ހިތުތެރޭގައި ބިރުވެރިކަން އަށަގަނުވާ ތަން އާދެއެވެ. އެފަދަ ކުދިންގެ ކިބައިގައި ކޮންމެވެސް ގޯސްކަމެއް ހުރިކަމަށް ޤަބޫލު ކުރެވޭތަން އާދެއެވެ. އަދި އަމިއްލަ ނަފްސަށް އިތުބާރު ނުކުރެވޭތަން އާދެއެވެ. މިހެން މިކަންތައް ދިމާވުމުން ސަބަބުން ކަންކަން ކުރުމަށް ޖެހިލުންވެ ކަންތައް ކުރާހިތް ކެނޑި މޮޅިވެރިކަމާއެކު އުޅޭތަން އާދެއެވެ. އަދި ގިނަގިނައިން ބަލިވާނެއެވެ. ސުކޫލަށް ދާހިތްކެޑި ކެއިންބުއިމާއި ދުރުހެލިވެ އެކަހެރިކޮށް އުޅެން ޚިޔާރުކޮށް އަބަދުވެސް ފުންވިސްނުމެއްގެ ތެރޭގައި އުޅޭތަން ފެންނާނެއެވެ.

މިހާހިސާބުން އަޅުގަނޑު ގަސްދު ކޮށްލަނީ ހަނގާ ކުރުމުން ސަލާމަތްވުމަށް ކުރެވިދާނެ ކަންތައް ތަކެއް ހިމަނާލާށެވެ. އެއްވެސް ފަރާތަކުން ހަނގާ ކުރާނަމަ ތިބާއީ އަސްލު މައްސަލަކަމަށް ނުދެކެށޭށެވެ. ތިބާއަށް ހަނގާ ކުރުމުން ސަލާމަތް ވުމުގެ ބާރުލިބިގެން ވާކަމުގެ އިހްސާސް ވެގަތުން މުހިއްމެވެ. ތިބާ ކޮންމެ ވެސް ގޮތަކަށް ތަފާތުކަން ދަނެގެން އެކަމަށް އުފާކުރާށެވެ. ތިބާ އަމިއްލައަށް ހިތްވަރު ގަދަ މީހަކަށްވެ އަމިއްލަ ނަފުސަށް އިތުބާރު ކުރާށެވެ. އެފަދަ ވަގުތުތތަކުގައި ތިބާއަށް ހެޔޮއެދޭ ރަގަޅު ރަޙްމަތްތެރިންނާއެކު ވަގުތު ހޭދަކުރުން މުހިއްމެވެ. އެއީ އެހެން މީހަކަށް ހަނގާ ކުރުމަށް ފުރުސަތު ނުދިނުމުގެ ގޮތުންނެވެ. ތިމާގެ ރަޙްމަތްތެރިންގެ ތެރޭގައި ހަނގާކުރާ މީހަކު ހުރިނަމަ އެކަން ދެނެގަންނާށެވެ.

ތިބާއަށް ހަނގާ ކުރެވޭނަމަ އެކަން ހުއްޓުވަން އެބަޔަކު ކައިރީ ބުނުމަށް ހިތްވަރު ލިބިގަތުމާއި އެކު އަމިއްލަ ނަފުސަށް އިތުބާރު ކުރުމީ ވަރަށް މުހިއްމުކަމެކެވެ. އަދި ހަނގާ ކުރަން ފެށުމުން އެތަނެއް ނުވަތަ އެބަޔަކު ދޫކޮށް ދިއުމަށް ހިތްވަރު ލިބިގަތުން ވަރަށް މުހިއްމެވެ. އެއީ ރުޅިއިސްވެ ކުރެވިދާނެ ކަމަކުން ސަލާމަތްވުމަށް އެޅޭފިޔަވަޅެއްގެ ގޮތުންނެވެ. ތިބާއަށް ހަނގާ ކުރާނަމަ އަބަދުވެސް ތިބާއަށް އިތުބާރު ހިފޭ ބޮޑުމީހެއްގެ ކާރީގައި ބުނުންވަރަށް މުހިއްމެވެ. ތިބާ ހަނގާކުރުމުން ސަލާމަތް ވުމުގެ ފުރިހަމަ އިޚްތިޔާރު އޮންނާނެކަން ދަނެގަތުން ވަރަށް މުހިއްމެވެ. އަދި އިތުބާރު ހިފޭ ބޮޑުމީހެއްގެ ގާތުގައި އެފަދަ ވާހަކަތައް ބުނުމުގެ ހިތްވަރު ލިބިގަތުންވެސް މުހިއްމެވެ. އިތުބާރު ހިފޭ މީހަކީ ތިބާއަށް ހެޔޮއެދޭނެ ރަގަޅު މީހެއްތޯ ބެލުމަށްފަހު ހަނގާ ކުރުން ހުއްޓުވުމަށް ހިތްވަރާއެކު، ފަސްނުޖެހި މަސައްކަތް ކުރުމީ ވަރަށް މުހިއްމު ކަމެކެވެ. ތިބާއަށްވުރެ ބޮޑަށް ތިބާގެ ހަށިގަނޑު ދެކެ ލޯބިވާނެ ދެވަނަ މީހަކު ނުހުންނާނެކަން ދަނެގަނެ އަމިއްލަ ދިފާޢުގައި ކުރިއަށް ދިއުމަށް ހިތްމަތާއެކު މަސައްކަތް ކުރުމުގެ ހިތްވަރު ލިބިގަނެ، ދިމާވާ ހުރަސްތަކާއި ކުރިމަތިލުމުގައި ފަސްނުޖެހުމީ ވަރަށް މިހިއްމު ކަމެކެވެ.

ހަނގާކުރުން ހުއްޓުވިއްޖެ ކަމަށް އަމިއްލައަށް ޤަބޫލު ކުރެވުނު ނަމަވެސް ބޮޑުމީހެއްގެ ގާތުގައި ބުނެގެން ހަނގާ ކުރުން ހުއްޓުވުމަށް މަސައްކަތް ކުރުން ވަރަށް މުހިއްމެވެ. ފަހަރުގަ އެފަދަ ކަމެއް ފަހުން ދިމާވެދާނެތީ ސަލާމަތް ވުމަށް ކުރިން ފިޔަވަޅު އެޅުމުގެގޮތުން، އިތުބާރު ހިފޭ މީހެއްގެ ގާތުގައި އެފަދަ ވާހަކައެއް ބުނުމަކީ ވަރަށް މުހިއްމުކަމެކެވެ. އިތުބާރު ހިފޭ ޓީޗަރަކަށް، ނޫންނަމަ ސުޕަވައިޒަރަކަށް ނުވަތަ ޕްރިންސްޕަލަށް އެހެން ނޫންނަމަ މައިންބަފައިންނާ އާއިލާގެ ބައެއް މެންބަރުންނަށް އެކަން އަންގަންވާނެއެވެ. ނުވަތަ ހިގަމުންދާ ހުރިހާ ކަމެއް ލިޔުމަށްފަހު އިތުބާރު ހިފޭ ބޮޑުމީހަކަށް ކިޔައިދިނުމަކީ ވަރަށް ރަގަޅު ކަމެކެވެ.

ހަނގާ ކުރެވޭ ކަމުގައި ވަނީނަމަ:

އަނިޔާ ކުރާ ކުދިންނާ ދުރުހެލިވާށެވެ. އެފަދަ ޙާލަތަކުން ލިބިދާނެ ގެއްލުމަކުން ނުވަތަ އަނިޔާއަކުން އެއްކިބާ ވުމަށް މަސައްކަތްކުރުން ވަރަށް މުހިއްމެވެ. މިގޮތުން އިތުބާރު ކުރެވޭ މީހަކަށް ނުވަތަ ކުއްޖަކަށް ލަސްނުކޮށް އެވާހަކަ ކިޔައިދިނުމީ ރަނގަޅުކަމެކެވެ. އެއީ، ތިބާގެ ސިކުނޑިއަށް ލުއިކަމެއް ހޯދައިދިނުމަށެވެ. ރުޅިކޮންޓްރޯލް ކޮށް އެކަމާމެދެ މާބޮޑަށް ވިސްނުމަކީ އަމިއްލަ ނަފްސަށް އެކިގޮތްގޮތުން ގެއްލުންވެނާނެ ކަމަކަށް ވެދާނެތީ މާބޮޑަށް ވިސްނައި މާޔޫސް ވުމަކީ އެހާ ރަނގަޅު ކަމެއްނޫނެވެ. ބަދަލު ހިފުމުގެ ރޫހް ދޫކޮށްލުން، ތިމާގެ އިޙްސާސްތައް ހަނގާ ކުރާ ކުދިންނަށް އެފަދަ މީހުންނަށް ނުދައްކާށެއެވެ. އެހެން މީހަކަށް ހަނގާ ކުރެވޭތަން ފެނިއްޖެނަމަ އަބަދުވެސް އެކަން ހުއްޓުވުމަށް މަސައްކަތް ކުރާށެވެ. އެކަން ހުއްޓުވުމަށް މަސައްކަތް ނުކޮށްފިނަމަ އަމިއްލައަށް ޤަބޫލު ކުރެވެނީ ތިބާއަށް ހަނގާކުރުމަކީ އެއްމެ ރަގަޅު ކަމެއްކަމަށެއެވެ. އަބަދުވެސް ތިމާއަށް ލިބުމަށް އެދޭ ހުރިހާ ކަމެއް އެހެން މީހުނަށް ލިބުމަށް އެދޭށެވެ. ހަނގާ ކުރެވޭ ކުއްޖަކު ފެނިއްޖެނަމަ އެފަދަ ކުއްޖަކު ގާތު އެކުއްޖަކަށް އިތުބާރު ކުރެވޭ ބޮޑު މީހަކު ގާތު ބުނުމުން ހިތްވަރުދީ އެހީތެރިކަން ފޯރުކޮށް ދިނުމަކީ ވަރަށް މުހިއްމު ކަމެކެވެ.

ގޭތެރޭގައި އުޅޭ އުޅުމުގައި އަދި ސްކޫލް މާހައުލަކީ ކުދިންނަށް އަމާން ރަތްކާތެރި ވެއްޓަކަށް ވުމީ ވަރަށް މުހިއްމު ކަމެކެއެވެ. ހަނގާ ކުރުމުން ނޭދެވޭ އަސަރު ކުއްޖަކަށް ކޮށްފައިވާކަން ފާހަގަ ކުރެވިއްޖެނަމަ އެކުއްޖެއްގެ ކިބައިން އެކަން ފިލުވަން އެބަޖެހެއެވެ. ހަނގާގެ ނޭދެވޭ އަސަރު ކޮށްފައިވާ ކުއްޖަކު ނުވަތަ މީހަކުނަމަ ނިދަން އުނދަގޫވެ ކެއުން ބުއިމާއި ދުރުހެލިވެ ވާހަކަ ނުދައްކައި މަޑުމަޑުން ހުންނާނެއެވެ. އަދި ފިކުރުބޮޑުވެ ހާސްވުމާއެކު ކަންކަމާއި ޖެހިލުންވެ، ބިރުގަނެފައި ހުންނަތަން ފެންނާނެއެވެ. މިފަދަ ކުދިން ނުވަތަ މީހުން ދެރަވެ އަވަހަށް ހިތުގަ ޖެހި ރޯތަން ފެންނާނެއެވެ. އަދި ވިސްނައި ފިކުރު ކުރުމާއި، ރަގަޅަށް ނުނިދުމުގެ ސަބަބުން ލޮލުގެ ގައިރި ކަޅުވެފައި ހުންނަކަން ފާހަގަ ކުރެވޭނެއެވެ.

އަޅުގަނޑުގެ އުއްމީދަކީ ހަނގާ ކުރުމަކީ ކޮބައިކަމާ، ހަނގާ ކުރުމުގެ ސަބަބުން ދިމާވާ ކަންކަމާ، އެއިގެ ނުބައިއަސަރުގެ އަލާމާތްތަކަކީ ކޮބާކަން އެނގި މިލިޔުމުގެ ސަބަބުން ކޮންމެވެސް ވަރެއްގެ މަޢުލޫމާތު ކޮޅެއް ކިޔުންތެރިންނަށް ލިބިގެން ދިއުމެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.