ޖަލުން ފިލި ނުރައްކާތެރި ދެ ކުށްވެރިން ސިފަ ބަދަލު ކޮށްގެން އުޅެފާނެކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.
ފުލުސް އޮފީހުން ވިދާޅުވީ އުމުރު ދުވަހުގެ ޖަލު ޙުކުމެއް ތަންފީޒު ކުރަމުން ދިޔަ ނުރައްކާތެރި ދެ ކުށްވެރިން ކަމުގައިވާ ކ. މާލެ، ގ. ކޯޒީ އިބްރާޙީމް ޝަހްމު އާދަމް އާއި ގއ. މާމެންދޫ، ޖަވާހިރުވާދީ ފަރިޔާޝް އަޙްމަދު ޖަލުން ފިލައި ސިފަ ބަދަލުކޮށް މުޖުތަމަޢު ތެރޭގައި އުޅެދާނެތީ އެ ދެ ކުށްވެރިންނާއިމެދު ސަމާލުވުމަށް މޯލްޑިވްސް ޕޮލިސް ސާރވިސްއިން އިލްތިމާސް ކުރައްވާ ކަމަށެވެ.
އެގޮތުން މަތީގައިވާ ފޮޓޯއަކީ އެ 2 ކުށްވެރިންގެވެސް ނެގިފައިވާ އެންމެ ފަހުގެ ފޮޓޯ ނަމަވެސް އެފޮޓޯ ގައި ފެންނަ ސިފަނޫން އެހެން ސިފައެއްގައި 2 ކުށްވެރިންވެސް މުޖުތަމަޢުތެރޭގައި އުޅުމަކީ އެކަށީގެންވާ ކަމެއް ކަމަށް ފުލުހުން ވިދާޅުވިއެވެ.
ޖަލުން ފިލާފައިވާ ނުރައްކާތެރި މި ދެ ކުށްވެރިންނަކީ ތަފާތު އެކިއެކި މައްސަލަތަކުގައި މީގެ ކުރިންވެސް އެމީހުން ހޯދުމުގެ މަސައްކަތް ކުރާ ވަގުތު ތަކުގައި ސިފަ ބަދަލުކޮށްގެން މުޖުތަމަޢުތެރޭގައި އުޅެފައިވާ ބައެއްކަން ފުލުހުންގެ ތަޙުޤީޤުތަކުން އެނގޭ ކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.
ނުރައްކާތެރި މި ދެމީހުން މާފުށީ ޖަލުން ފިލާފައިވާކަމުގެ މަޢުލޫމާތު މި އޮކްޓޯބަރު މަހުގެ 17 ވަނަ ދުވަހުގެރޭ 20:30 ހާއިރު އެގުމާއެކު އެ ދެމީހުން ހޯދުމަށް މޯލްޑިވްސް ކަރެކްޝަނަލް ސާރވިސް އާއި މޯލްޑިވްސް ޕޮލިސް ސާރވިސް ގުޅިގެން މި ދަނީ ގިނަ މަސައްކަތް ތަކެއް ކުރަމުންނެވެ. މި މަސައްކަތުގައި މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސްގެ ކޯސްޓްގާޑުގެ އެހީތެރިކަންވެސް ދަނީ ހޯދަމުންނެވެ.
މުޖުތަމައަށް ނުރައްކާތެރި ކުށްވެރިންގެ ގޮތުގައި ބެލެވޭ އިބްރާޙީމް ޝަހްމު އާދަމް އަކީ ޓެރަރިޒަމްގެ މައްސަލައެއް ސާބިތުވުމާއި ގުޅިގެން 25 އަހަރު ދުވަހުގެ ޖަލުހުކުމެއް ތަންފީޒު ކުރަމުންދާ މީހެކެވެ. އަދި ފަރިޔާޝް އަޙްމަދަކީ މަރުގެ މައްސަލައެއް ސާބިތުވުމާއި ގުޅިގެން 25 އަހަރު ދުވަހުގެ ޖަލުހުކުމެއް ތަންފީޒު ކުރަމުންދާ މީހެކެވެ.
މުޖުތަމައަށް ނުރައްކާތެރި ކުށްވެރިންގެ ގޮތުގައި ބެލެވޭ މި ދެ މީހުންނާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ އެމަޢުލޫމާތެއް މޯލްޑިވްސް ޕޮލިސް ސަރވިސްގެ ހޮޓްލައިން ނަމްބަރު 3322111 އަށް ނުވަތަ ސީރިއަސް އެންޑް އޯގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓްގެ ނަމްބަރު 9911099 އަށް ގުޅުއްވައި ހިއްސާ ކުރެއްވުމަށް ފުލުހުން ވަނީ އިލްތިމާސް ކުރައްވާފައެވެ.
މީގެ އިތުރުން މި ދެ ކުށްވެރިންނާއި ބެހޭ މަޢުލޫމާތު އެނގިހުރެ މޯލްޑިވްސް ޕޮލިސް ސާރވިސްއާއި ޙިއްޞާ ނުކުރާ ފަރާތްތަކާއިމެދު ޤާނޫނީ ގޮތުން އަޅަންޖެހޭ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރުވެސް ފުލުހުން ވަނީ ދެއްވާފައެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...