އެމްޑީޕީގެ އޮފީހުގައި ރޯކޮށްލި ފަރާތްތަކަށް އަވަސް ފިޔަވަޅު އެޅުމަށް ޕީޕީއެމުން ގޮވާލައިފިއެވެ.
އައްޑޫ ސިޓީގެ ހިތަދޫ ދެކުނު ދާއިރާގައި ހުންނަ އެމްޑީޕީ އޮފީހުގައި ހުޅުޖަހައި ރޯކޮށްލި މައްސަލަ ވީއެންމެ އަވަހަކަށް ބަލައި އަވަސް ފިޔަވަޅު އެޅުމަށް ގޮވާލައި ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އިން ނެރުނު ނޫސް ބަޔާނެއްގައި ބުނެފައި ވަނީ، ކޮންމެ ބަޔަކު ކުރި ކަމުގައިވީ ނަމަވެސް އެފަދަ އަމަލުތަކަށް އެ ޕާޓީން ތާއީދު ނުކުރާނެ ކަމަށެވެ.
ޕީޕީއެމުން ވަނީ މިފަދަ ނާތަހުޒީބު އަމަލުތައް ހިންގަމުން ގެންދާ ބަޔަކު އިންސާފުގެ ކުރިމައްޗަށް ގެނައުމަށް ޓަކައި ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރުމަށް ސަރުކާރަށް ގޮވާޅާފައެވެ.
މީގެ އިތުރުން، ސިޔާސީ ހަރަކާތްތައް ހިންގުމުގެ ފުރުސަތަކީ ކޮންމެ ޕާޓީއަކަށް ވެސް ލިބެން ޖެހޭނެ ފުރުސަތެއް ކަމަށާއި ސިޔާސީ ޕާޓީތަކާއި އާންމުންގެ މުދަލަށާއި ފުރާނައަށް ގެއްލުންވާ އެފަދަ އަމަލުތަކާ މެދު އެ ޕާޓީން ކަންބޮޑުވާ ކަމަށް ވެސް އެ ޕާޓީގެ ބަޔާނުގައި ބުނެފައިވެ އެވެ.
މި މައްސަލާގައި ޕީޕީއެމްގެ ރައީސް އަދި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވެސް ކުއްވެރި ކުރައްވާފައި ވާއިރު، ޕީޕީއެމް ކޯލިޝަނުގައި ހިމެނޭ އެމްޑީއޭ އިން ވެސް ވަނީ މިކަން ކުއްވެރި ކޮށްފައެވެ.
އެމްޑީޕީގެ ފަރާތުން އައްޑޫގައި ބޭއްވި ޖަލްސާއަށް ފަހު ހިނގި އެ ހާދިސާގައި އެ އޮފީސް އެއްކޮން އަނދައި ހުލިވެފައިވާ އިރު، އަލިފާންގަނޑުގެ ސަބަބުން އޮފީހާ ޖެހިގެން ހުރި "ހައްޓި ހިތްވަރު" ނަމަކަށް ކިޔާ ފިހާރައިގައި ވެސް ވަނީ ރޯވެފަ ބޮޑެތި ގެއްލުންތައް ލިބިފައެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...