އިސްލާމިކް މިނިސްޓަރު ޑރ މުޙައްމަދު ޝަހީމް ސަޢޫދީ އާއި ޢުރުދުންގެ ޙައްޖު މިނިސްޓަރާއި ބައްދަލު ކުރައްވައިފިއެވެ.
އިސްލާމިކް މިނިސްޓްރީން ވިދާޅުވީ މިއަހަރު ހައްޖަށް ސައުދީ އަރަބިއްޔާއަށް ދިޔަ ޤައުމުތަކުގެ ހައްޖު މިޝަންތަކުގެ ޝަރަފުގައި، އެޤައުމުގެ ހައްޖު މިނިސްޓްރީން ޖިއްދާގެ ހިލްޓަން ހޮޓެލްގައި ބޭއްވި ހަފްލާއެއްގައި، ޢުރުދުންގެ އަވްޤާފް މިނިސްޓަރ ޑރ ހާއިލް އަބްދުލްހަފީޒާއި އެކު ބޭއްވި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާ ކުރެއްވީ އެ ޤައުމުގެ އެހީތެރި ކަމާއި އެކު ދިވެހިރާއްޖޭގެ ދީނީ ޢިލްމުވެރިން ތާޒާކުރުމާއި، އިސްލާމް ދީނުގެ މެދުމިން ރާއްޖޭގައި ފެތުރުމާއި ބެހޭގޮތުން ކަމަށެވެ.
މީގެ އިތުރުން، ސައުދީ އަރަބިއްޔާގެ ހައްޖާ ބެހޭ ވަޒީރު ޑރ ބަންދަރު ބިން މުހައްމަދު ހަމްޒާ އަލް ހައްޖާރާއި އެކު ބޭއްވި ބައްދަލުވުމުގައި ޒަމާނީ ވަސީލަތްތަކުގެ އަލީގައި ހައްޖާޖީންނަށް އިންތިޒާމްތައް ފަސޭހަ ކޮށްދިނުމަށް ސަޢޫދީން ކުރާ މަސައްކަތަށް އަލި އަޅުވާލެއްވި އިރު އިސްލާމިކް މިނިސްޓަރު ވަނީ ސަޢޫދީ ޢަރަބިއްޔާއިން ރާއްޖެއާއި މެދު ބާއްވަވާ ގާތް އުޚުއްވަތްތެރި ކަމުގެ ގުޅުމާއި، ވެދެއްވާ އެހީތެރި ކަމަށް ދިވެހިންގެ ފަރާތުން ޝުކުރ އަދާކުރައްވާފައެވެ.
މި ޙަފްލާގެ ތެރެއިން އިސްލާމިކް މިނިސްޓަރު ވަނީ ރާބިތަތުލް ޢަލަމިލް އިސްލާމީ (މުސްލިމް ވޯލްޑް ލީގް)ގެ އަމީން ޢާންމު ޑރ އަބްދުﷲ ބިން އަބްދުލްމުހްސިން ތުރުކީއާއި ވެސް ބައްދަލުކުރައްވާފަ އެވެ.
މި ބައްދަލުވުމުގައި ދިވެހިރާއްޖޭގައި އިސްލާމީ ކަންކަން ކުރިއެރުވުމަށް ރާބިޠާއިން ދެމުން ގެންދާ އެހީތެރިކަން އިތުރަށް ފުޅާކޮށ ްވަރުގަދަ ކުރުމާއި ގުޅޭގޮތުން މަޝްވަރާ ކުރެވުނު ކަމަށް އިސްލާމިކް މިނިސްޓަރު ވިދާޅުވެފައި ވެއެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...