ރާއްޖޭގެ ޚަބަރު އިސްލާމްދީނާއި ޤައުމީ ރޫޙް ވަރުގަދަ ދަރިވަރުން ތަކެއް އުފައްދައި ދިނުމަށް މުދައްރިސުންނަށް ގޮވާލައިފި

އިސްލާމްދީނާއި ޤައުމީ ރޫޙް ވަރުގަދަ ދަރިވަރުން ތަކެއް އުފައްދައި ދިނުމަށް މުދައްރިސުންނަށް ގޮވާލައިފި

އިސްލާމްދީނާއި ޤައުމީ ރޫޙް ވަރުގަދަ ދަރިވަރުން ތަކެއް އުފައްދައި ދިނުމަށް މުދައްރިސުންނަށް ގޮވާލައިފި

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

އިސްލާމްދީނާއި ޤައުމީ ރޫޙް ވަރުގަދަ ދަރިވަރުން ތަކެއް އުފައްދައި ދިނުމަށް މުދައްރިސުންނަށް ކޮމިޝަނަރ އޮފް ޕޮލިސް ގޮވާލައިފި އެވެ.

މިއަދު މުޅި ދުނިޔޭގައި ފާހަގަކުރަމުންދާ މުދައްރިސުންގެ ދުވަހުގެ ތަހުނިޔާ އާއި ހެޔޮ އެދުންތައް ދިވެހި ހުރިހާ މުދައްރިސުންނަށާއި، ޕްރިންސިޕަލުންނަށާއި ސްކޫލުތަކުގެ ވެރިންނަށް އަދި ތަޢުލީމީ ދާއިރާގައި މަސައްކަތްކުރައްވާ ހުރިހާ ބޭފުޅުންނަށް ދިވެހި ފުލުހުންނާ ފުލުހުންގެ މުއައްސަސާގައި މަސައްކަތްކުރާ މުވައްޒަފުންނާ ފުލުހުންގެ ޢާއިލާތަކުގެ ނަމުގައި އަރިސްކުރައްވަމުން ކޮމިޝަނަރ އޮފް ޕޮލިސް ޙުޟައިން ވަޙީދު ވިދާޅުވީ، މުދައްރިސުންނަކީ ޤަައުމު ބިނާކުރުމުގައި އެންމެ އިސްދައުރެއް އަދާކުރައްވާ އެންމެ ޒިންމާދާރު އެއްބައެކެވެ. ވަކިން ޚާއްޞަކޮށް ޅަފަތުގެ ޖީލު ބިނާކުރެއްވުމަށް ވަރަށް ބުރަ މަސައްކަތްތަކެއް ކުރައްވާ ފަރާތްތައް ކަމަށެވެ.

މުދައްރިސުންނަކީ ދަރިވަރުންނަށް މަގުދައްކައިދޭ ރޯލްމޮޑެލުން ނުވަތަ މޭސްތިރިންގެ ގޮތުގައި ދަރިވަރުން އަބަދުވެސް ދެކޭ ކަމަށާއި، މުދައްރިސުންނާމެދު ދަރިވަރުންނާ ބެލެނިވެރިން އަދި މުޖުތަމަޢު ދެކޭފަދައިން ދަރިވަރުންނަށް ފުރިހަމަ މަގުދައްކައިދޭ ނަމޫނާ ބައެއްގެ ގޮތުގައި މުދައްރިސުންދެމިތިބެ މިޤައުމަށް ބޭނުންވާނެ ހުނަރުވެރި، ޤާބިލް އަދި ޒިންމާދާރު ދަރިންތަކެއް ތަރުބިއްޔަތުކޮށް ބިނާކޮށްދެއްވައި ޤައުމުގެ އިޖުތިމާޢީ ފޭރާން ވަރުގަދަކޮށްދެއްވުމުގައި މުދައްރިސުންގެ ދައުރު އިތުރުކޮށްދެއްވުމަށް މުދައްރިސުންގެ ކިބައިން ކޮމިޝަނަރ ވަނީ އެދިވަޑައިގެންފައެވެ.

މުދައްރިސުންގެ ދުވަސް ފާހަގަކުރާ މިމުނާސަބަތުގައި ކޮމިޝަނަރ އޮފް ޕޮލިސް ވިދާޅުވީ މުދައްރިސުން ތަރުބިއްޔަތު ކޮށް މުޖުތަމަޢަށް ނެރޭ ދަރިވަރުންނަކީ ކުށުގެ ވެށިން ދުރުކުރެވިފައިވާ ބަޔަކަށް ހައްދަވައި ދެއްވައި ދަރިވަރުންގެ ހިތްތަކުގައި މާތްވެގެންވާ އިސްލާމްދީނާއި ޤައުމީ ރޫޙް ވަރުގަދަ ވެގެންދާނެ ދަރިވަރުންތަކެއްގެ ގޮތުގައި ތަރުބިއްޔަތު ކޮށްދެއްވުމަށް މިހާރަށްވުރެވެސް ބޮޑު އަދި ޒިންމާދާރު މަސައްކަތްތަކެއް އިޚްލާޞްތެރި ކަމާއެކު ކޮށްދެއްވުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.

މިއަދު ޤަބޫލު ކުރަން ބޭނުން ނުވިނަމަވެސް ސްކޫލު މަދްރަސާތަކުގެ ބައެއް ދަރިވަރުން ކުށުގެ ތުހުމަތުގައި ހައްޔަރުކުރެވި އެކުދިންގެ މުސްތަޤުބަލަށް އެކަމުގެ ނުރަނގަޅު އަސަރު ކުރަމުން ދާކަމަށާއި، މުޖުތަމަޢުގައި ހިނގާ ބޮޑެތި ބައެއް ކުށްތަކުގައި ފުރާވަރުގެ ކުދިން ބައިވެރިވަމުން ދާ ކަމަށްވެސް ކޮމިޝަނަރ ވިދާޅުވިއެވެ.

މީގެ އިތުރުން ޅަޢުމުރުގައި ޢާއިލާގެ ފަރާތުންނާއި އެހެނިހެން ގޮތްގޮތުން ކުދިންނަށް ކުރިމަތިވެގެން ނުވާނެފަދަ ނޭދެވޭ ބައެއް ކަންކަން ކުރިމަތިވެ އެކުދިންނަށް އެޢުމުރުގައި އެކިއެކި ހިތާމަތައްވެސް ކުރިމަތިވަމުން ދާކަމަށާއި، މިކަންކަމަށް ވިސްނަވައި އަޅުގަނޑުމެންގެ ޅަޖީލު އަދި ފުރާވަރުގެ ކުދިންނާ ޒުވާނުން މާދަމާ މިޤައުމުގެ އެންމެ އިސް ސަފުގައި ޒިންމާދާރު ބައެއްގެ ގޮތުގައި ތަރުބިއްޔަތު ކުރުމަށް ހުރިހާ ފަރާތަކުން މަސައްކަތް ކޮށްދެއްވުމަށް ކޮމިޝަނަރ އެދިވަޑައިގެންނެވިއެވެ.

އަދި ދިވެހި ފުލުހުންގެ މުއައްސަސާއިން އިސްނަގައިގެން ރާއްޖޭގެ އެކިސަރަޙައްދުތަކުގައި ސްކޫލުތަކުގެ ދަރިވަރުންނަށް ތަފާތު ޙަރަކާތްތައް ހިންގައި ފުރާވަރުގެ ކުދިންނާ ޒުވާނުންގެ ލާބައާއި މަންފާއަށް މުދައްރިސުން ކުރައްވާ މަސައްކަތުގައި އެހީތެރިވެދެމުންދާ ކަމަށްވެސް ކޮމިޝަނަރ އޮފް ޕޮލިސް ވިދާޅުވިއެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.