ކުރީގެ ރައީސް ނަޝީދަށް މަރުގެ އިންޒާރުދިން މައްސަލައެއް އިނގިރޭސި ފުލުހުންނަށް ހުށަހަޅައިފި އެވެ.
ކުރީގެ ރައީސް ނަޝީދުގެ ވެބްސައިޓްގައި ބުނެފައި ވަނީ އިނގިރޭސި ވިލާރުގެ ކޮންޒަވޭޓިވް ޕާޓީގެ ކޮންފަރެންސްގައި ބައިވެރިވެވަޑައިގަތުމަށް އިނގިރޭސިވިލާތުގައި ހުންނަވަނިކޮށް ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ފޯނަށް ފޮނުވި މަރުގެ އިންޒާރުގެ މައްސަލަ އިނގިރޭސިވިލާތުގެ މެޓްރޯޕޮލިޓަން ޕޮލިސް ސާވިސްގެ ކައުންޓާ ޓެރަރިޒަމް ކޮމާންޑަށް ހުށަހަޅާފައި ވާކަމަށެވެ.
ރައީސް ނަޝީދު ވިދާޅުވީ މި އިންޒާރުގެ އެސްއެމްއެސް އަކީ ދީނީގޮތުން ހައްދުފަހަނަޅާފައިވާ ފަރާތްތަކުން އެމަނިކުފާނަށް ފޮނުވާފައިވާ މެސެޖެއް ކަމަށެވެ.
މީގެއިތުރުން ރާއްޖޭގައި ދީނީގޮތުން ހައްދުފަހަނަޅާފައިވާ މީހުން އިތުރުވަމުންދާ މައްސަލަ އާއި ކުށް ކުރުމަށް ހައްދުފަހަނަޅާފައިވާ ފަރާތްތަކުން ގޭންގުތައް ބޭނުންކުރާ މައްސަލައިގައި ތަފާތު އެކިފަހަރު މަތިން ކަންބޮޑުވުން ފާޅުކުރައްވާފައިވާނެ ކަމަށާއި އެކަންކަން ބެލުމުގައި ދިވެހި ފުލުހުން ނުކުޅެދިފައިވާ ކަމަށް ވެސް ރައީސް ނަޝީދު ވަނީ ވިދާޅުވެފައެވެ.
މީގެ ދެތިން ދުވަހެއް ކުރިންވެސް އިނގިރޭސި ވިލާތަށް ފުރާވަޑައިގަތުމުގެ ކުރިން ނަޝީދު ވަނީ ރާއްޖޭގައި ޙައްދު ފަހަނަ އަޅާފައިވާ ޓެރަރިސްޓުން އިތުރުވަމުން އަންނާތީ ކަންބޮޑުވުން ފާޅު ކުރައްވާފައެވެ.
އަދި އެފަދަ ފަރާތްތައް އުފައްދަނީ ދިވެހި ފުލުހުންނާއި ސިފައިންގެ ތެރެއިން ކަމަށް ތުހުމަތު ކުރައްވައި ރައީސް ނަޝީދު ވަނީ ބައިނަލް އަޤްވާމީ މީޑިޔާ ތަކަށް ބަސްދީގަތުންތައް ދެއްވާފައެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...