ޒުވާނުންނަށް ވަޒީފާގެ ފުރުސަތުތައް ފަހިކޮށްދިނުމަށް ހއ. އަތޮޅުން ޕޮލިސް ރިޕޯޓް ދޫކުރަން ފަށައިފި އެވެ.
މިކަމާއި ގުޅޭ ގޮތުން ފުލުސް އޮފީހުން ވިދާޅުވީ، ފުލުހުން ހއ އަތޮޅުގައި މި މަސައްކަތް ފެށީ ޒުވާނުން ވަޒީފާގެ ފުރުސަތުތައް ހޯދައިދިނުމަށް ކުރަމުންދާ މަސައްކަތުގައި އެހީތެރިކަން ފޯރުކޮށްދީ ވަޒީފާގެ ކަންކަމަށް އަހުލުވެރިކޮށް ވަޒީފާއަށް ކުރިމަތިލުމަށް ބޭނުންވާ ކަންކަމަށް ފަސޭހަ މާޙައުލެއް ޤާއިމް ކޮށްދިނުމަށް ކަމަށެވެ.
އެގޮތުން މި މަސައްކަތުގެ ތެރެއިން ފުލުހުން ޒުވާނުންނަށް ޕޮލިސް ރިޕޯޓް ދޫކުރަން ފަށާފައި ވަނީ ހއ. ދިއްދުއާއި ހޯރަފުށްޓާއި އިހަވަންދޫ ޕޮލިސް ސްޓޭޝަނުންނެވެ.
ފުލުހުން ވިދާޅުވީ ދިއްދޫ އާއި ހޯރަފުށްޓާއި އިހަވަންދޫ ޕޮލިސް ސްޓޭޝަނުން ޕޮލިސް ރިޕޯޓް ދޫކުރަން ފަށާފައިވާއިރު މި ޚިދުމަތަކީ ފުލުހުންގެ ޚިދުމަތް ތަރައްޤީއަށް ފުލުހުންގެ ޚިދުމަތް ރައްޔިތުންނާ ވީހާވެސް ގާތުން ދިނުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ލިބިދެވޭ ޚިދުމަތެއް ކަމަށެވެ.
އެގޮތުން ދިއްދޫއާއި ހޯރަފުށި ޕޮލިސް ސްޓޭޝަނުން މިދިޔަ ހަފްތާއިން ފެށިގެން ދޫކުރަން ފަށާފައިވާއިރު އިހަވަންދޫ ޕޮލިސް ސްޓޭޝަނުން ޕޮލިސް ރިޕޯޓް ދޫކުރަން ފަށާފައިވަނީ ރެއިން ފެށިގެންނެވެ. މިގޮތަށް އެރަށްރަށުން ޚިދުމަތް ލިބެން ފެށުމުން އެރަށްރަށާ ކައިރީގައި ހުރި ރަށްރަށުގެ ރައްޔިތުންނަށްވެސް އެރަށްރަށުން ޕޮލިސް ރިޕޯޓް ލިބޭނެ އިންތިޒާމް ހަަމަޖެހިގެންދާނެ ކަމަށް ފުލުހުން ވިދާޅުވެއެވެ. މީގެ ސަބަބުން އެފަދަ ރަށްރަށުން ޕޮލިސް ރިޕޯޓް ހޯދަން މާލެ އަންނަން ނުޖެހި ފަރުިޖެހޭނެއެވެ.
ޕޮލިސް ރިޕޯޓްތައް ރާއްޖޭގެ މާލޭގެ އިތުރުން ޕޮލިސް ޑިވިޜަންތަކުގައި ހިމެނޭ އެކި ޕޮލިސް ސްޓޭޝަންތަކުން މިހާރުވެސް ގެންދަނީ ދޫކުރަމުންނެވެ.
މިއީ ޚިދުމަތުގެ ފެންވަރު މަތިކުރުމަށްޓަކައި ބިނާކުރަނިވި ގޮތްތައް ބޭނުން ކުރުމާއި ޓެކްނޮލޮޖީ އާއި ވަޞީލަތުގެ ފުރިހަމަ ބޭނުން ހިފުމަށް މިއަހަރުގެ ބިޒްނަސްޕްލޭންގައިވާ ލަނޑުދަނޑިއަށް ވާޞިލްވުމަށް ކުރެވޭ މަސައްކަތުގެ ތެރޭގައި ހިމެނޭ ކަމެއް ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...