މި އަހަރުގެ އަޟްޙާ ޢީދު ބަންދާއި ގުޅިގެން ރާއްޖޭގެ އެކި ކަންކޮޅުތަކަށް ދަތުރުކުރައްވާ ފަރާތްތަކުން މޫސުމާއިބެހޭ އެންމެ ފަހުގެ މަޢުލޫމާތު ހޯއްދަވައިގެން ދަތުރުތައް ރޭއްވެވުމަށް ސިފައިން އިލްތިމާސް ކުރައްވައިފިއެވެ.
މިކަމާއި ގުޅިގެން ދިވެހި ޤައުމީ ދިފާޢީ ބާރުން ނެރުނު ބަޔާނެއްގައި ވިދާޅުވީ، ޢީދު ބަންދާއި ދިމާކޮށް ދަތުރުކުރައްވާ އުޅަނދުފަހަރަކީ ދަތުރުކުރެއްވުމަށް ސަލާމަތްތެރި ރައްކާތެރި އުޅަނދެއްތޯ ބެއްލެވުމަށްފަހު ދަތުރަށް ފެއްޓެވުމަށް، ދަތުރުވެރިންގެ ސަމާލުކަމަށް ދަންނަވާ ކަމަށެވެ.
އަދި އުޅަނދުގައި ހަމަޔަށް ( ލައިފްޖެކެޓް، ދިޔަހިއްކާނެ ޕަންޕު އަދި މުޢާސަލާތީ ސެޓްތައް ) ހުރީ ބޭނުންކުރެވޭފަދަ އެންމެ ރަގަޅު ހާލަތުގައިތޯ ބެއްލެވުމަށް އުޅަނދުފަހަރުގެ ނެވިންނަށް ވެސް ސިފައިން ވަނީ އިލްތިމާސް ކުރައްވާފައެވެ.
މީގެ އިތުރުން އުޅަނދަށް ހުއްދަދެއްވާފައިވާ ވަރަށް ދަތުރުވެރިން އުފުލުމާއި މިނޫނަސް ކަނޑު ދަތުރުކުރުމުގެ ސަލާމަތާއި ރައްކާތެރި ކަމަށްޓަކައި ހެދިފައިވާ އެންމެހާ ގަވާޢިދުތަކަށް ޙުރުމަތްތެރިކޮށް ހިއްތެވުމާއިއެކު ދަތުރުތައް ރޭއްވެވުމަށް، ޚާއްޞަކޮށް އެންމެހާ ނެވިންނަށް ދިވެހި ސިފައިިން ވަނީ އިލްތިމާސް ކުރައްވާފައެވެ.
މިފަދަ އިލްތިމާސެއް ސިފައިން މި ކުރެއްވީ އިއްޔެވެސް އިންޖީނު ހުއްޓުނު ދޯންޏަކަށް ސިފައިންގެ އެހީތެރިކަން ދީފައިވާ ދަނޑިވަޅެއްގައެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...