އިނގިރޭސި ނޫހުގައި ނަޝީދު ދެއްކެވި ވާހަކަ ތަކުން ޤައުމީ މަސްލަޙަތަށް ބުރޫ އަރައި، ރައްޔިތުންގެ ހިތްތަކުގައި ބިރުވެރިކަން އުފެދި ރާއްޖޭގެ އިޤުތިޞާދަށް އޭގެ ނޭދެވޭ އަސަރު ފޯރާނެ ކަމަށް ފުލުސް އޮފީހުން ވިދާޅުވެއްޖެއެވެ.
އިނގިރޭސި ވިލާތުގެ ދި އިންޑިޕެންޑެންޓަށް ނަޝީދު ދެއްވި ބަސްދީގަތުމުގައިވާ ވާހަކަ ތަކާއި ގުޅިގެން ފުލުސް އޮފީހުން ނެރުއްވި ބަޔާނެއްގައި ވިދާޅުވީ، ރާއްޖޭގެ ސަލާމަތީ ބާރުތަކުގެ ތެރެއިން އިސްމަޤާމުތަކުގައި ތިބި ފުލުހުންނާއި ސިފައިންނާއި ސަލާމަތީ ޚިދުމަތްތަކުގައި އުޅޭ މީހުންނާ އެކިއެކި ޖިހާދީ ޖަމާޢަތްތަކާއި ދެމެދު ވަރުގަދަ ގާތް ގުޅުމެއް އޮންނަކަމަށް އިނގިރޭސި ވިލާތުގައި ނުކުންނަ ދަ އިންޑިޕެންޑެންޓް ނޫހަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ދެއްވި ބަސްދީގަތުމުގައި ވިދާޅުވެފައިވާ ވާހަކަފުޅުތަކަކީ އެއްވެސް ޙަޤީޤަތެއް އޮތް ވާހަކަތަކެއް ނޫން ކަމަށެވެ.
ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މަސައްކަތްކުރާ ޖިހާދީ ގުރޫޕްތަކާއި ރާއްޖޭގެ ސަލާމަތީ ބާރުތަކާދެމެދު ގުޅުން އޮންނަކަމަށް ވިދާޅުވެ ކުރީގެ ރައީސް މުޙައްމަދު ނަޝީދު ދައްކަވާފައިވާ ވާހަކަފުޅުތަކާއި ގުޅިގެން ބެލިބެލުމުން ރާއްޖޭގައި އެފަދަ ޖަމާޢަތްތަކާއި ގުޅުންހުރި ސައުވީހަކަށް މީހުން އުޅެދާނެ ކަމަށް ލަފާކުރެވުނު ނަމަވެސް އޭގެތެރޭގައި އެއްވެސް ފުލުހަކު ހުރިކަން އެނގެން ނެތް ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ. އަދި އެފަދަ ބަޔަކު ފުލުހުންގެ ތެރޭގައި އުފެދިގެންދިޔަ ނުދިނުމަށް ފުލުހުންގެ ލީޑަރޝިޕުން އަބަދުވެސް މަސައްކަތް ކުރަމުން ގެންދަވާ ކަމަށް ވެސް ފުލުސް އޮފީހުން ވިދާޅުވިއެވެ.
ރާއްޖޭގެ ސަލާމަތީ ބާރުތަކާ ގުޅޭގޮތުން ރާއްޖޭގެ ކުރީގެ ރައީސްކަން ކުރެއްވި ބޭފުޅަކު ރާއްޖެއިން ބޭރުގައި އަދި ރާއްޖޭގައިވެސް މިގޮތަށް ވާހަކަދައްކަވާފައިވުމަކީ ރާއްޖޭގެ ޢާއްމު މަޞްލަޙަތަށް ބުރޫއަރައި ރައްޔިތުންގެ ހިތްތަކުގައި ބިރުވެރިކަން އުފެދި އެކަމުގެ ސަބަބުން ރާއްޖޭގެ އިޤުތިޞާދަށްވެސް ނޭދެވޭ އަސަރުތަކެއް ކުރާނެކަމަކަށްވާތީ، ރައްޔިތުންގެ ތާއީދު ހޯދުމަށް ނުވަތަ ސިޔާސީ މަޤްޞަދެއް ޙާޞިލްކުރުމަށް ނޫންނަމަ ބޭރު ޤައުމުތަކުގެ ރުހުން ހޯދުމަށްނަމަވެސް ޙަޤީޤަތެއްނެތް އެފަދަ ވާހަކަތައް ނުދެއްކެވުމަށް ހުރިހާ ފަރާތްތަކަށް ފުލުހުން ވަނީ އިލްތިމާސް ކުރައްވާފައެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...