ދީނީ ޤަބޫލު ކުރުންތަކުގެ ސަބަބުން ރާއްޖޭގައި 400 ކުދިން ސްކޫލަށް ނުފޮނުވާ ތިބި ކަމަށް އެޗްއާރުސީއެމުން ބުނެފިއެވެ.
އިންސާނީ ހައްގުތަކާ ގުޅުން ހުރި މައްސަލަތަކާއި ގުޅިގެން ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް، އެޗްއާރްސީއެމުން ނެރުނު ޔުނިވާސަލް ޕީރިއޮޑިކް ރިވިއު( ޔޫއާރްޕީ) ރިޕޯޓްގައި ބުނީ ދީނީ ގަބޫލުކުރުންތަކުގެ ސަބަބުން ކުދިން ސްކޫލަށް ނުފޮނުވުމުގެ އިތުރުން ކައިވެނި ކުރުމަށްފަހު ކައިވެނި ރަޖިސްޓްރީ ނުކުރުމަށް ވެސް ރާއްޖޭގައި ބައެއް އިލްމުވެރިން ހިތްވަރު ދެމުންދާ ކަމަށެވެ.
އެހެން ނަމަވެސް މި ގޮތަށް ހިއްވަރު ދެއްވަނީ ކޮން ޢިލްމުވެރިންނެއް ކަމަށާއި، ސްކޫލަށް ނުފޮނުވަނީ ކޮންރަށެއްގެ ކޮން ބައެއް ކަން ފަދަ ތަފްސީލު މަޢުލޫމާތު މި ރިޕޯޓުގައި ހިމަނާފައެއް ނުވެ އެވެ.
މީގެ އިތުރުން އެޗްއާރުސީއެމުން ބުނީ ގެވެށި އަނިޔާއާ ބެހޭ ގާނޫނު ރަނގަޅަށް ތަންފީޒު ނުކުރެވޭތީ އަންހެނުންގެ ހައްގުތައް ވެސް ރާއްޖޭގައި އެކަށީގެންވާ ގޮތުގައި ލިބެމުން ނުދާ ކަމަށެވެ.
އެޗްއާރުސީއެމްގެ ރިޕޯޓުގައި އެންމެ ކުޑަ މުސާރަ ކަނޑަނޭޅުމާއި ވަޒީފާއެއް ނުލިބޭ ދުވަސްވަރު އެހީތެރިކަން ދިނުމުގެ ގާނޫނު ނެތުމުގެ އިތުރުން ރާއްޖޭގައި ވަޒީފާ ނެތް މީހުން އިތުރުވަމުން ދިއުމާއި ގޭންގް މާރާމާރީ އާއި މީހުން މެރުން ފަދަ މައްސަލަތައް އިތުރުމުގެ މައްސަލަ ވެސް ރިޕޯޓްގައި ފާހަގަ ކޮށްފައި ވެއެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...