ރާއްޖޭގެ ޚަބަރު ރިލުވާނު ގެއްލުނު ޙާދިސާ އާއި އޭނާގެ ފްލެޓު ކައިރިން ކާރަކަށް މީހަކު އެރުވުމާއި ގުޅުން ހުރިކަން އެނގެން ނެތް

ރިލުވާނު ގެއްލުނު ޙާދިސާ އާއި އޭނާގެ ފްލެޓު ކައިރިން ކާރަކަށް މީހަކު އެރުވުމާއި ގުޅުން ހުރިކަން އެނގެން ނެތް

ރިލުވާނު ގެއްލުނު ޙާދިސާ އާއި އޭނާގެ ފްލެޓު ކައިރިން ކާރަކަށް މީހަކު އެރުވުމާއި ގުޅުން ހުރިކަން އެނގެން ނެތް

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

ރިލުވާނު ގެއްލުނު ޙާދިސާ އާއި އޭނާގެ ފްލެޓު ކައިރިން ކާރަކަށް މީހަކު އެރުވުމާއި ގުޅުން ހުރިކަން އެނގެން ނެތްކަމަށް ފުލުހުން ހާމަކޮށްފިއެވެ.

ރިލުވާނު ދިރިއުޅޭ ފްލެޓު ކައިރިން އޭނާ ގެއްލުނުރޭ ވަޅިއަކުން ބިރުދައްކައި ގަދަކަމުން މީހަކު ކާރަކަށް އަރުވާ މަންޒަރު ފެނުނު ކަމަށް ބުނެ ފުލުހުންނަށް ރިޕޯޓު ކޮށްފައި ވާކަމަށް މީޑިޔާގައި ޚަބަރު ފެތުރުނު ނަމަވެސް މި ޙާދިސާ އާއި ރިލުވާނު ގެއްލުނު މައްސަލަ އާއި ގުޅުންހުރިކަމުގެ ސާބިތު އެއްވެސް ހެއްކެއް މިހާތަނަށް ފުލުހުންގެ ތަޙުޤީޤަށް ލިބިފައި ނުވާކަމަށް ފުލުސް އޮފީހުން ވިދާޅުވިއެވެ. މީގެ އިތުރުން 2014 އޮގަސްޓް 15 ވަނަދުވަހު ހުޅުމާލޭގައި ހިނގި އަލިފާނުގެ ޙާދިސާއާ އަޙްމަދު ރިޟްވާން ޢަބްދުﷲ ގެއްލުނު ޙާދިސާއާ ގުޅުމެއް ނެތްކަން ތަޙުޤީޤަށް މިހާތަނަށް ލިބުނު މަޢުލޫމާތުން އެނގިފައި ވާކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ.

މީގެ އިތުރުން 2014 އޮގަސްޓް 7 ވަނަ ދުވަހުގެރޭ މާލެ، ހުޅުމާލެ ފެރީޓާމިނަލްގައި ރިޟްވާން ޢަބްދުﷲ ހަރަކާތްތެރިވަނިކޮށް ފެންނަ ސީސީ ޓީވީ ފުޓޭޖު ބަލައި ދިރާސާކޮށް، އެ ފުޓޭޖުން ފެންނަ ބައެއް މީހުން ހާޒިރުކޮށް މަޢުލޫމާތު ސާފު ކުރެވިފައި ވާކަމަށާއި، އަޙްމަދު ރިޟުވާން ޢަބްދުﷲ ހޯދުމަށް މިހާތަނަށް 79 ތަނަކުން 157 ކެމެރާއިން 1235 ގަޑިއިރުގެ ވީޑިއޯ ފުޓޭޖް އެއްކޮށް އެތަކެތި ދިރާސާ ކުރުމުގެ މަސައްކަތް ކުރަމުން ގެންދާ ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ. އަދި މިފުޓޭޖުތަކުން ކަށަވަރުވާގޮތުގައި އެންމެ ފަހުން އޭނާ ފެނިފައިވަނީ ހުޅުމާލޭ ފެރީ ޓާރމިނަލްއިން 2014 އޮގަސްޓް 08 ވަނަދުވަހުގެ 00:55 ހާއިރު ކަމަށް ފުލުހުން ވަނީ ހާމަ ކޮށްފައެވެ.

މި މައްސަލަ އާއި ގުޅިގެން ފުލުހުން ހާމަ ކުރައްވާފައިވާ އިތުރު މަޢުލޫމާތަށް ބަލާއިރު، އަޙްމަދު ރިޟްވާން ޢަބްދުﷲ ހޯދުމަށް، ހުޅުމާލޭ ކައިރި ސަރަހައްދުތަކުގެ 521 މިނިޓްގެ ޑައިވް ކުރެވިފައިވެއެވެ. މިޑައިވްތަކާއި ފީނުންތަކުގައި ޖުމްލަ 267197.5 އަކަމީޓަރުގެ މޫދުގެ ސަރަހައްދެއް ވަނީ ބެލިފައެވެ. މީގެ އިތުރުން، މިމައްސަލައާ ގުޅިގެން 84 އުޅަނދެއްމިހާތަނަށް ވަނީ ބަލައި ފާސްކުރެވިފައެވެ.
މިމައްސަލާގައި މިހާތަނަށް މާލެއިން 9 ގެއެއް ބަލައި ފާސްކުރެވިފައިވެއެވެ. ހުޅުމާލޭގެ ގޭގެއާއި ގުދަންތަކާއި ގަރާޖްތައް ހިމެނޭގޮތުން 139 އަށް ވުރެ ގިނަ ތަން ބަލައި ފާސްކުރެވިފައިވެއެވެ. ހަމައެއާއެކު މިމައްސަލައާ ގުޅިގެން ބައެއް ރަށްރަށުގެ ގެސްޓްހައުސްތަކާއި ގޭގެ މިހާރުވެސް ބަލައި ފާސްކުރެވެމުން ދެއެވެ.

ރިޟްވާން ޢަބްދުﷲ ހޯދުމަށް ކުރެވޭ ތަޙުޤީޤުގެ މަސައްކަތުގައި މިހާތަނަށް 128 މީހުންނާ ސުވާލުކޮށް ބަޔާން ނެގިފައިވާއިރު 387 މީހަކާ ސުވާލުކޮށް މަޢުލޫމާތު ނެގިފައިވެއެވެ. އަދި ހުޅުމާލޭގައި މީހުން ދިރިއުޅޭ 77 އެޕަޓްމަންޓަކުން 192 މީހުންނާ ސުވާލުކުރެވި މަޢުލޫމާތު އެއްކުރެވިފައި ވެއެވެ.

މިމައްސަލައާ ގުޅޭގޮތުން އެއްވެސް މަޢުލޫމާތެއް ލިބިފައިވާ ފަރާތެއް ވާނަމަ 3322111 ނުވަތަ 119 އަށް ނުވަތަ ސީރިއަސް އެންޑް އޮގަނައިޒްޑް ޑިޕާޓްމަންޓުގެ 9911099 އަށް ގުޅުއްވައި އެފަދަ މަޢުލޫމާތު ޙިއްސާކުރެއްވުމަށާއި، 2014 އޮގަސްޓް 7 ވަނަ ދުވަހުގެރޭ، މާލޭގައި ހުންނަ ހުޅުމާލޭ ފެރީޓާމިނަލްއާއި، ހުޅުމާލޭއަށް ދަތުރުކުރި ފެރީއާއި ހުޅުމާލޭގެ ފެރީޓާމިނަލް އަދި ހުޅުމާލޭގެ އެއްވެސް ތަނަކުން އަޙްމަދު ރިޟުވާން ޢަބްދުﷲ ފެނިފައިވާ ފަރާތެއް ވާނަމަ އެ މަޢުލޫމާތު ފުލުހުންނާ ހިއްސާކުރުމަށް ފުލުހުން ވަނީ ޢާއްމު ރައްޔިތުންނަށްއިލްތިމާސްކުރައްވާފައެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.