މި ސަރުކާރުގެ އަމާޒަކީ، ދުނިޔޭގެ ފެންވަރުގެ ޞިއްޙީ، ތަޢުލީމީ އަދި ކުޅިވަރުގެ ޚިދުމަތްތައް ރައްޔިތުންނަށް ފޯރުކޮށްދެއްވުން ކަމުގައި ރައީސުލް ޖުމްހޫރިއްޔާގެ ނައިބު ޑރ މުޙައްމަދު ޖަމީލު އަޙުމަދު ވިދާޅުވެއްޖެ އެވެ.
ދުނިޔޭގެ ތައްޓަށް ކުޅޭ ހަތަރުވަނަ ކެރަމް މުބާރާތް، މުބާރާތް ހުޅުއްވައި ދެއްވުމަށް ފަހު ސަން އައިލެންޑް ރިޒޯޓުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޑޮކްޓަރ މުޙައްމަދު ޖަމީލް އަޙްމަދު ވިދާޅުވީ، މިފަދަ ބޮޑު މުބާރާތެއް ބޭއްވުމުގެ ޝަރަފު ދިވެހިރާއްޖެއަށް ދެއްވިކަމަށްޓަކައި އިންޓަރނޭޝަނަލް ކެރަމް ފެޑެރޭޝަނަށް ޝުކުރު އަދާކުރައްވާ ކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ ވާހަކަފުޅުގައި، ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމަކީ އޭޝިއަން ކެރަމް ކޮންފެޑެރޭޝަންގެ ޕެޓްރަން-އިން-ޗީފް ކަމަށް ވުމާއެކު، ކެރަމްއަކީ ދިވެހިންގެ ތެރޭގައި ޒަމާނުއްސުރެން ވަރަށް މަޤްބޫލު ކުޅިވަރެއްކަން ފާހަގަކުރެއްވިއެވެ.
ދިވެހި ސަރުކާރުން ޒުވާނުންގެ ކުރިއެރުމަށް ދެއްވަވާ އަހަންމިއްޔަތުގެ މައްޗަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ ވާހަކަފުޅުގައި ބައްލަވައިލެއްވިއެވެ. މިގޮތުން، ސަރުކާރުގެ އަމާޒަކީ، ދުނިޔޭގެ ފެންވަރުގެ ޞިއްޙީ އަދި ތަޢުލީމީ ޚިދުމަތްތައް ފޯރުކޮށްދެއްވުމުގެ އިތުރުން، ކުޅިވަރުކުޅުމުގެ ޒަމާނީ ވަސީލަތްތައްވެސް ރާއްޖޭގެ ޒުވާނުންނަށް ފޯރުކޮށްދެއްވުން ކަމުގައި ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ ވާހަކަފުޅުގައި، ކެރަމް ވަރލްޑް ކަޕް ފަދަ ބައިނަލްއަޤްވާމީ ކުޅިވަރުގެ މުބާރާތްތައް ރާއްޖޭގައި ބޭއްވުމުގެ ސަބަބުން ޒުވާނުންގެ ކުރިއެރުމާއި ޤައުމުގެ ތަރައްޤީއަށް ހެޔޮ ފައިދާތަކެއް ކުރާނެކަމުގައި ބަޔާންކުރެއްވިއެވެ. އަދި، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ އިތުރަށް ފުޅާކުރެއްވުމަށްޓަކައި، ޤައުމީ ކުޅިވަރުގެ ޖަމިއްޔާތަކަށް، ސަރުކާރުގެ ފަރާތުން ފުރިހަމަ އެއްބާރުލެއްވުން ދެއްވަމުން ގެންދަވާނެކަމުގެ ޔަޤީންކަންވެސް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ދެއްވިއެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...