ފުލުހުން ޓޯކޮށްފައިވާ ގިނަ ޢަދަދެއްގެ ވެހިކަލް ތަކެއް ނައްތާލައިފިއެވެ.
އެއް ނަންބަރު ކުނި ކޮށީގައި އިއްޔެ ނައްތާލާފައިވަނީ 36 ސައިކަލަކާއި ފަސް ކާރާއި ޕިކަޕެކެވެ.
ނޫސްވެރިންގެވެސް ކުރިމަތީގައި މި ވެހިކަލްތައް ހަލާކުކޮށް ނައްތާލާފައިވަނީ ހައިމާކެއް ބޭނުން ކޮށްގެންނެވެ.
ފުލުހުން ވިދާޅުވީ ނައްތާލާފައި ވަނީ އެއްގަމު ދަތުރުފަތުރުގެ ޤާނޫނާ ޚިލާފަށް މަގުމަތީގައި ދުއްވައި، ޕާކުކޮށްފައި ހުރުމުގެ ސަބަބުން މަގުމަތީގައި ހިނގައި ބިނގާވާ މީހުންނަށާއި ދުއްވާ ތަކެއްޗަށް އުނދަގޫވެ، އެއްގަމު ދަތުރުފަތުރުގެ ނިޒާމުގައި ދުއްވުން ހުއްދަނުވާ އުޅަނދު ތަކުގެތެރެއިން އެކި ދުވަސްވަރު ޓޯވކޮށްފައިވާ އުޅަނދުތައް ކަމަށެވެ.
މާލޭ އެއް ނަމްބަރު ކުނިކޮށީގައި އުޅަނދުތައް ނައްތާލާފައިވަނީ އެއްގަމު ދަތުރުފަތުރުގެ ޤާނޫނުން ބާރުލިބިގެން ހަދާފައިވާ ޤަވާއިދުގެ ދަށުން ޓޯވ ކުރާ އުޅަނދުތައް ނައްތާލުމަށް އެކުލަވާލާފައިވާ ކޮމިޓީއާއި ނޫސްވެރިންގެ ހާޒިރުގައެވެ. މި ކޮމިޓީގައި ހިމެނެނީ މާލޭ ސިޓީ ކައުންސިލާ ފުލުހުންގެ އިތުރުން ޓްރާންސްޕޯޓް އޮތޯރިޓީ އާއި މީޑިއާ ކައުންސިލްއެވެ. މިމަސައްކަތް ކުރިޔަށް ގެންދަނީ މިކޮމިޓީގެ ބެލުމުގެދަށުން ފުލުހުންނާ މާލޭ ސިޓީ ކައުންސިލުންނެވެ.
މި އުޅަނދުތައް ނައްތާލުމަށްފަހު ނޫސްވެރިންނަށް މަޢުލޫމާތު ދެއްވަމުން ކޮމިޓީގެ ޗެއާމަން މާލޭ ސީޓީކައުނސިލްގެ ޑިރެކްޓަރ ޖެނެރަލް ޢަބްދުލް ހަމީދު ވިދާޅުވީ އިއްޔެ ނައްތާލެވުނު އުޅަނދުތަކަކީ އެއްގަމު ދަތުރު ފަތުރުގެ ޤާނޫނާއި އެޤާނޫނުގެ ދަށުން ހެދިފައިވާ ޤަވާއިދުތަކުގެ ތެރެއިން ފުރިހަމަ ކުރަންޖެހޭ ހުރިހާ އިޖުރާތުތަކެއް ފުރިހަމަކުރުމަށް ފަހު ނައްތާލި އުޅަނދުތަކެއް ކަމަށެވެ. އަދި ކުރިއަށް އޮތްތަނުގައިވެސް މާލޭގެ މަގުތަކުގައި ހުރި ގިނަދުވަސްވީ އުޅަނދުތައް ނެގުމުގެ މަސައްކަތްތާއި އުޅަނދުތައް ނައްތާލުމުގެ މަސައްކަތް ކުރިއަށް ގެންދިޔުމަށް ކޮމިޓީން ނިންމާފައިވާކަމަށް އޭނާ ވިދާޅުވިއެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...