މީޑިޔާ ތަކުން މީހުންގެ އަބުރު ކަތިނުލުމަށާއި، ޒިންމާދާރު ކަމާއިއެކު ހަބަރާއި މަޢުލޫމާތު ފެތުރުމަށް ވިލާ ގްރޫޕްގެ ޗެއާމަން އަދި ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް ގޮވާލައްވައިފި އެވެ.
ވީ މީޑިއާގެ ހަވަނަ އަހަރީ ދުވަސް ފާހަގަ ކުރުމަށް ރޭ ވިލާ ކޮލެޖްގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ވީމީޑިއާގެ ވެރިޔާ، ގާސިމް އިބުރާހީމް ވިދާޅުވީ ހަބަރާއި މައުލޫމާތު ފެތުރުމުގައި އާންމު ރައްޔިތުންގެ އަބުރާއި ކަރާމަތަށް އަރައިގަތުމާއި، ހަގީގަތާ ހިލާފު ދޮގު ވާހަކަތައް ވީ މީޑިއާގެ އެއްވެސް މީޑިއަމްއަކުން ފެންނަން ބޭނުން ނުވާ ކަމަށާއި އެފަދަ ކަމެއް އަދާއި ހަމައަށް ފެނިފައި ވެސް ނުވާ ކަމަށެވެ.
ޤާޞިމް ވިދާޅުވީ ނޫސްވެރިން ހިތް އެދޭ ފަދަ ސުރުހީތައް ޖަހައި ތާކުން ތާކު ނުޖެހޭ ހަބަރުތައް ފެތުރުމުން ވެސް ދުރުހެލިވާން ޖެހޭ ކަމަށެވެ. އަދި އެއީ ވަރަށް ނުރައްކާތެރި ކަމެއްގެ ގޮތުގައި ޤާޞިމް ވަނީ ސިފަކުރައްވާފައެވެ.
ރޭގެ ރަސްމީޔާތުގައި ވާހަކަ ދައްކަވަމުން ވީމީޑިއާގެ ޗީފް އެގްޒެކެޓިވް އޮފިސަ އިބްރާހިމް ހަލީލް ވިދާޅުވީ ބޭނުން ކޮށްލާފައި އެއްލާލާ އެއްޗަކަށް މީޑިއާ އާއި ނޫސްވެރިން ހެދުމުގެ ބަދަލުގައި މީޑިއާގެ ބޭނުން ދެމެހެޢްޓެނިވި ގޮތެއްގައި ހިފޭފަދަ "ސިކުނޑި ތަކެއް" ތަމްރީނު ކުރުމަށް ސަރުކާރުގެ ކިބައިން އެދިވަޑައިގަންނަވާ ކަމަށެވެ.
އެގޮތުން ސިއްހީ ދާއިރާއަށް ޑޮކްޓަރުންނާއި ތައުލީމީ ދާއިރާއަށް ޓީޗަރުން ތަމްރީނު ކުރާ ފަދައިން މައުލޫމާތު ފޯރުކޮށްދޭނެ ފަރާތްތަށް ތަމްރީން ކުރުމަށްވެސް ޚަލީލު ގޮވާލެއްވިއެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...