މާލޭގެ މަގުތަކާއި ގޯޅިތައް މިހާރަށްވުރެ އަލިކޮށް މަގުމަތީގައި ހިނގާ ކަންކަން ފަސޭހައިން ދެނެގަނެވޭނެ ގޮތްހެދުމުގެގޮތުން މާލޭ ސިޓީ ކައުންސިލާއި ހައުސިންގ މިނިސްޓްރީގެ ބޭފުޅުންނާ ފުލުހުން ބައްދަލުކޮށް މަޝްވަރާކޮށްފިއެވެ.
މިބައްދަލުވުމުގެ މައިގަނޑުގޮތެއްގައި މަޝްވަރާ ކޮށްފައިވަނީ މާލޭގައި އާންމުކޮށް އަނދިރިކޮށް އޮންނަ މަގުތަކާ ގޯޅިތަކާއި ސަރަހައްދުތައް އަލިކުރުމަށް ކުރެވިދާނެ ކަންތައްތަކާ ބެހޭ ގޮތުންނެވެ. މިގޮތުން މިހާރު ހުރި އަލި މަޑު ހޮޅިބުރިތަކާއި ލައިޓްފަދަ ތަކެތީގެ ބަދަލުގައި ރަނގަޅު ތަކެތި ހަރުކޮށް ލައިޓް މަދުކަމަށް ފާހަގަކުރެވޭޢ އަދި މާލޭގައި އަނދިރިކޮށް ހުންނަ މިފަދަ ތަންތަނުގެ ބޭނުން ކުށްވެރިން ކުށް ކުރުމަށް ބޭނުން ކުރާތީ މިފަދަ ތަންތަނަކީ ރައްޔިތުންނަށް އަމާން ރައްކާތެރި ތަންތަނަށް ހެދުމަށާއި ވީހާވެސް އަވަހަކަށް މިފަދަ ތަންތަން އަލިކުރެވޭނެ ގޮތްތަކާ ބެހޭ ގޮތުން މިބައްދަލުވުމުގައި މަޝްވަރާ ކުރެވުނެވެ.
މާލެއަކީ ރައްޔިތުންނަށް ރައްކާތެރި ތަނަކަށް ހެދުމަށްޓަކާ ފުލުހުންގެ އިންފޮމޭޝަން ކޮމިއުނިކޭޝަން ޓެކްނޮލޮޖީ ޑިޕާޓްމެންޓުގެ މެމްބަރުންނާއި ސިޓީ ކައުންސިލް އަދި ހައުސިންގ މިނިސްޓްރީއިން ގުޅިގެން މިމަސައްކަތް ވީހާ އަވަހަކަށް ނިންމުމަށް މިބައްދަލުވުމުގައި ވަނީ ނިންމާފައެވެ.
މިބައްދަލުވުމުގައި ސެންޓްރަލް އޮޕަރޭޝަން ކޮމާންޑްގެ ހެޑް ޗީފް ސުޕްރިންޓެންޑެންޓު އޮފް ޕޮލިސް އިސްމާއިލް ނަވީންގެ އިތުރުން އެކޮމާންޑުގެ ޑެޕިއުޓީ ހެޑް ސުޕުރިންޓެންޑެންޓު އޮފް ޕޮލިސް އަބްދުﷲ ޝަރީފާއި މާޅޭ ސިޓީ ޕޮލިސްގެ ހެޑް ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް ފަތުހުﷲ ވަޙީދާއި ޓްރެފިކް ޕޮލިސްގެ ހެޑް ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް މުޙަންމަދު ދާވޫދާއި މާފަންނު ޕޮލިސްޓޭޝަންގެ ހެޑް ސަބް އިންސްޕެކްޓަރ އޮފް ޕޮލިސް އަބްދުލް މަތީން އަބްދުލް ކަރީމާއި ގަލޮޅު ޕޮލިސްޓޭޝަންގެ ހެޑް އިންސްޕެކްޓަރ އޮފް ޕޮލިސް އަހުމަދު އިގުބާލާއި އައި.ސީ.ޓީ.ޑީ ގެ ހެޑް އިންސްޕެކްޓަރ އޮފް ޕޮލިސް އަލީޝަރީފު ބައިވެރިވެ ވަޑައިގަތެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...