މި ސަރުކާރުން މަސައްކަތްކުރައްވަމުން ގެންދަވަނީ، އިޤްތިޞާދީ ގޮތުން ރާއްޖެއަށް ބޮޑު ބަދަލެއް ގެނެސްދެއްވުމަށް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.
ރައީސުލް ޖުމްހޫރިއްޔާ ވިދާޅުވީ އިޤްތިސޯދީ ބޮޑު ބަދަލެއް ގެނެސް ދެއްވުމަށް ޓަކައި އިންވެސްޓަރުންނަށް ޤާނޫނީ ވެށްޓެއް ޤާއިމް ކޮށްދެއްވައި، ޤާނޫނުން ލިބިދޭންޖެހޭ ބާރުތައް އެފަރާތް ތަކަށް ހޯއްދަވައި ދެއްވުމަކީ ވަރަސް މުހިންމު ކަމެއް ކަމަށެވެ. އެގޮތުން ސަރުކާރުން ހުށަހަޅުއްވައި، ރައްޔިތުންގެ މަޖިލީހުން ފާސްކުރައްވާފައިވާ ސްޕެޝަލް އިކޮނޮމިކް ޒޯން ބިލްގެ މައްޗަށް ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި އަލިއަޅުއްވައިލެއްވިއެވެ.
އެމަނިކުފާނުގެ ވާހަކަފުޅުގައި، މިބިލް ތަސްދީޤު ކުރެއްވުމާ ގުޅޭގޮތުން ބަންޑާރަނައިބުގެ ލަފާފުޅަކަށް މިހާރު އެދިވަޑައިގެންފައިވާނެ ކަމަށާއި، ވީއެންމެ އަވަސް މުސްތަޤްބަލެއްގައި ސްޕެޝަލް އިކޮނޮމިކް ޒޯން ބިލް ތަސްދީޤުކުރެއްވުމަށް ސަރުކާރުން މަސައްކަތް ކުރައްވަމުން ގެންދަވާ ކަމުގައި ވިދާޅުވިއެވެ.
އަދި، ސްޕެޝަލް އިކޮނޮމިކް ޒޯން ބިލް ތަސްދީޤު ކުރެވުމުން، ސްޕެޝަލް އިކޮނޮމިކް ޒޯން ޤާނޫނުގެ ދަށުން ރާއްޖެއަށް ބޮޑެތި އިންވެސްޓްމަންޓްތައް ގެނައުމުގައި ސަރުކާރުން ރާއްވަވާފައިވާ ކަންކަމުގެ މައްޗަށްވެސް ރައީސުލްޖުމްހޫރިއްޔާ ބައްލަވައިލެއްވިއެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...