މުޙްޔިއްދީން ސްކޫލްގައި އަލިފާނުގެ ޙާދިސާއެއް ހިނގައިފި އެވެ
ފުލުސް އޮފީހުން ވިދާޅުވީ، މި ހާދިސާ ހިނގާފައި ވަނީ ވިލިމާލެ، މުޙްޔިއްދީން ސްކޫލްގެ ގޯތި ތެރޭގައި ހުރި މަރިޔާދުގޭގައި އަލިފާން ރޯވެގެން ކަމަށެވެ.
އެ ސްކޫލްގެ ގޯތި ތެރޭގައި ވަކިން ފަނުން ހަދާފައިހުރި މަރިޔާދުގޭގައި ރޯވެފައިވާކަމުގެ މަޢުލޫމާތު ފުލުހުންނަށް ލިބިފައިވަނީ ރޭ 1930 ހާއިރު ކަމަށް ފުލުހުން ވިދާޅުވިއެވެ.
އެ އަލިފާނުގެ ހާދިސާގެ މަޢުލޫމާތު ފުލުހުންނަށް ލިބުމާއެކު ވިލިމާލެ ޕޮލިސް ސްޓޭޝަންގައި މަސައްކަތްކުރާ ފުލުހުން އެ ސަރަހައްދަށް ގޮސް، ސްކޫލްގައި ހުރި އަލިފާން ނިއްވާ ފުޅި ބޭނުންކޮށްގެން އަލިފާން ނިއްވުމުގެ މަސައްކަތް ވަނީ ފަށާފައެވެ. އަދި ކުޑަ އިރުކޮޅެއްގެ ތެރޭ ވިލމާލޭގައި ހުންނަ އެމް.އެން.ޑީ.އެފްގެ ފަޔަރ އެންޑް ރެސްކިއު ސަރިވިސްއިން އެ ސަރަހައްދަށް ދިއުމާއެކު، އެމީހުންނާއި ފުލުހުން ގުޅިގެން ކުރި މަސައްކަތުން 1945 ހާއިިރު ވަނީ އަލިފާންގަނޑު އެއްކޮށް ނިއްވާލެވިފައެވެ.
މި އަލިފާނުގެ ހާދިސާގައި މުޙްޔިއްދީން ސްކޫލްގެ ގޯތިތެރޭގައި ހަދާފައިވާ މަރިޔާދުގެ އެއްކޮށް އަނދާފައިވާއިރު އެއްވެސް މިހަކަށް އަދި އިތުރު އެއްވެސް އިމާރާތަކަށް ގެއްލުންވެފައެއް ނުވެއެވެ.
މި އަލިފާނުގެ ހާދިސާ ހިނގަން މެދުވެރި ސަބަބު ހޯދުމަށް ފުލުހުން ދަނީ މި ހާދިސާ ތަޙުޤީޤު ކުރަމުންނެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...