ރާއްޖޭގެ ޚަބަރު އެސްއީޒެޑް ބިލަށް އެމްޑީޕީން 300 އަށްވުރެ ގިނަ އިސްލާޙް ހުށަހަޅަނީ

އެސްއީޒެޑް ބިލަށް އެމްޑީޕީން 300 އަށްވުރެ ގިނަ އިސްލާޙް ހުށަހަޅަނީ

އެސްއީޒެޑް ބިލަށް އެމްޑީޕީން 300 އަށްވުރެ ގިނަ އިސްލާޙް ހުށަހަޅަނީ

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ސްޕެޝަލް އިކޮނޮމިކް ޒޯންގެ ބިލަށް 300 އަށް ވުރެ ގިނަ އިސްލާޙު ހުށަހަޅާނެ ކަމަށް އެމްޑީޕީން ބުނެފިއެވެ.

މި މަހުގެ ސަތާރަވަނަ ދުވަހު އިދިކޮޅު އެމްޑީޕީއާއި ޖުމްހޫރީ ޕާޓީގެ މެންބަރުންގެ ދެކޮޅު ހެދުންތަކާއި ބޮއިކޮޓް ކުރުމާއި އެކުވެސް ޕީޕީއެމާއި އެ ޕާޓީއަށް ތާއީދު ކުރާ ފަރާތްތަކުގެ ވޯޓާއި އެކު ރައްޔިތުންގެ މަޖިލީހުގެ އިގްތިސޯދީ ކޮމިޓީން ފާސްކޮށްފައިވާ ހާއްސަ އިގްތިސާދީ ސަރަހައްދުތައް ގާއިމްކުރުމުގެ ބިލުގެ ރިޕޯޓް މިއަދުގެ ޖަލްސާ އަށް ހުށަހެޅުމަށް ވަނީ ނިންމާފައެވެ.

އެމްޑީޕީން ވަނީ މިބިލްގައި ހުރި ބައެއް މައްސަލަތަކާއި މެދު ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކޮށް މިބިލަކީ ޤައުމު ވިއްކާލުމުގެ ބިލެއް ކަމަށް ސިފަކޮށްފައެވެ.

މީގެ އިތުރުން އެސްއީޒެޑް ބިލަކީ ރާއްޖޭގެ އިޤްޠިސޯދު ހަލާކު ކޮށްލައި ޤައުމު ވިއްކާލާނެ ބިލެއް ކަމުގައި ރައްޔިތުމްގެ މަޖިލީހުގެ ކުރީގެ ރައީސް އަދި އެމްޑީޕީގެ ޕާލިމެންޓް މެންބަރު ޢަބްދުﷲ ޝާހިދުވެސް ވަނީ ވިދާޅުވެފައެވެ.

މި ބިލާއި ގުޅޭގޮތުން އެމްޑީޕީން ބުނެފައި ވަނީ މި ބިލުގެ ސަބަބުން ލާމަރުކަޒީ އިދާރާތަކަށް ގާނޫނު އަސާސީން ލިބިދޭ ފައިސާ ހޯދުމުގެ ބާރާއި މުދާ މިލްކުކުރުމުގެ ބާރު ކުޑަވެގެންދާކަމަށާއި ކައުންސިލުތަކުގެ ބާރު ކުޑަވެދާކަމަށެވެ. އަދި ލާމަރުކަޒީ އުސޫލުން އިދާރީ ދާއިރާތައް ހިންގުމުގެ ބޭނުންތެރިކަން މި ބިލުގެ ސަބަބުން ކެނޑިދާ ކަމަށްވެސް އެމްޑީޕީން ވަނީ ބުނެފަ އެވެ.

މި ބިލާއި ގުޅޭގޮތުން އެމްޑީޕީން ނެރުނު ބަޔާނަށް ރައްދު ދެމުން ޕީޕީއެމުން ބުނެފައި ވަނީ މި ބިލްގެ ސަބަބުން އާ އިންވެސްޓްމަންޓްތައް ރާއްޖޭގައި ގާއިމުކުރެވި، އިގްތިސޯދު އާ ހަރުފަތަކަށް ދާނެ ކަމަށެވެ. އެކަމުގެ ސަބަބުން އާންމު ރައްޔިތުންގެ ދިރިއުޅުމުގެ ހާލަތު ވެސް ރަނގަޅުވާނެ ކަމަށް ސަރުކާރުން ބުނެ އެވެ.

އެސްއޢީޒެޑް ބިލުގައި ބުނެފައި ވާގޮތުން ރާއްޖެއިން ބޭރުގެ ފަރާތްތަކަށް ވެސް 99 އަހަރަށް ބިންތައް ކުއްޔަށް ދެވިދާނެއެވެ. އަދި 10 އަހަރުވަން ދެން އެފަރާތްތަކުން ދިވެހި ދައުލަތަށް އެއްވެސް ޓެކްސް އެއް ދެއްކުމެއްނެތި ވިޔަފަރި ކުރެވޭނެ ކަމަށްވެސް މި ބިލުގައި ބުނެފައި ވެއެވެ.

ސްޕެޝަލް އިކޮނޮމިކް ޒޯންގެ ބިލު މިހާރު އޮތް ގޮތަށް ފާސްކުރުމަށް ރައްޔިތުންގެ މަޖިލީހުގެ އިޤްތިސޯދީ ކޮމެޓީން ފާސްކޮށްފައި ވަނީ ސަރުކާރު ހިންގާ ޕީޕީއެމްގެ މެމްބަރުން އިއްތިފާޤުން ނެވެ.

މި ބިލާއި މެދު އެމްޑީޕީ އާއި ޖުމްހޫރީ ޕާޓީންވެސް ވަނީ ކަންބޮޑުވުން ފާޅުކޮށް އެ ބިލު މިހާރު އޮތްގޮތަށް ފާސް ނުކުރުމަށް ސަރުކާރަށް ގޮވާލާފައެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.