ކައުންސިލްތަކާއި ފުލުހުން ގުޅިގެން ރައްޔިތުންނަށް ދެވޭނެ ޚިދުމަތްތައް އޮޅުން ފިލުވުމަށް ސެންޓްރަލް ޕޮލިސް ޑިވިޜަން ގައި ހިމެނޭ މ. އަދި ދ އަތޮޅުގެ އަތޮޅު ކައުންސިލްތަކަށް އަމާޒުކޮށްގެން ސެންޓްރަލް ޕޮލިސް ޑިވިޝަންގެ ފަރާތުން ޚާއްސަ މަސައްކަތު ބައްދަލުވުމެއް ބާއްވައިފިއެވެ.
މި ހިނގާ އޯގަސްޓް މަހުގެ 15 ން 16 ގެ ނިޔަލަށް ދ.ކުޑަހުވަދޫގައި ބޭއްވުނު މި މަސައްކަތު ބައްދަލުވުމުގައި މ އަދި ދ އަތޮޅުގެ އަތޮޅު ކައުންސިލްތަކުގެ އިތުރުން ރަށު ކައުންސިލްތަކުން ވަނީ ބައިވެރިވެފައެވެ. މި މަސައްކަތު ބައްދަލުވުމަކީ ކައުންސިލްތަކާއި ފުލުހުންނާއި ގުޅިގެން ރައްޔިތުންނަށް ފޯރުކޮށްދެވޭނީ ކޮން ޚިދުމަތްތަކެއްތޯ ބަލައި އަދި މިހާރު ކައުންސިލްތަކާ ފުލުހުންނާ ގުޅިގެން ރައްޔިތުންނަށް ފޯރުކޮށްދެމުން އަންނަ ޚިދުމަތްތަށް އިތުރު ފުރިހަމަ ކަމާއިއެކު ފޯރުކޮށްދެވޭނީ ކޮށް ގޮތަކަށްތޯ ބެލުމުގެ މަޤްޞަދުގައި ކުރިޔަށް ގެންދިޔަ ވޯކްޝޮޕެއް ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
މި މަސައްކަތު ބައްދަލުވުމުގައި ކައުންސިލްތަކުގެ ބެލެނިވެރި ފަރާތްކަމުގައިވާ ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ ޗީފް އެގްޒެކެޓިވް އޮފިސަރ ޑރ. އަޙްމަދު ޝުކުރީ ހުސައިން އާއި، ނައިބް ރައީސް އަލްފާޟިލް މޫސާ ނަޞީރު އަހްމަދުގެ އިތުރުން އެ އޮތޯރިޓީގެ ޤާނޫނީ ވަކީލު އަލްއުސްތާޛު އަޙްމަދު ޝިހާދު ބައިވެރިވެ ވަޑައިގެންނެވިއެވެ. އަދި ފުލުހުންނާއި ކައުންސިލްތަކާއި ގުޅިގެން ހެދިދާނެ ބައެއް ޤަވާއިދުތަކުގެ މަޢުލޫމާތު ވަނީ ހިއްސާ ކުރައްވާފައެވެ. އެގޮތުން ކައުންސިލްތަކާއި ފުލުހުންނާއި ގުޅިގެން ހެދިދާނެ ޤަވާއިދެއް ކަމުގައިވާ ޢާއްމު އިޖްތިމާއި ޤަވާއިދު ވުޖޫދަށް ގެނައުމުގެ މަސައްކަތް މި މަސައްކަތު ބައްދަލުވުމުގެ ތެރެއިން ވަނީ ކުރިޔަށް ގެންގޮސްފައެވެ.
މި މަސައްކަތު ބައްދަލުވުމުގައި ކައުންސިލްތަކާއި ފުލުހުންނާއި ދެމެދު ގިނަ މަޝްވަރާތަކެއްކުރެވި، ޑިވިޜަންގެ ރަށްތަކުގައި ކުށް މަދުކުރުމަށައި، ކުށަށް އަރައިގަންނަ ޒުވާނުން އެކަމުން ދުރުކުރުމަށް ކުރިޔަށް އޮތްތާގައި ގިނަ މަސައްކަތްތަކެއް ކުރަން ވަނީ ރޭވިފައެވެ. އަދި ކުށްމަދުކުރުމުގެ ގޮތުން ވަކި ވަކި ކައުންސިލްތަކާއި ފުލުހުންނާއި ގުޅިގެން ވީކްލީ ބައްދަލުވުންތަކެއް ކުރިޔަށް ގެންދިޔުމަށް ވަނީ ނިންމާފައެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...