ޤައުމުގެ ސުލްހަވެރިކަމާއި، އެކުވެރިކަމާއި، އިޤްތިޞާދީ ތަރައްޤީ ބިނާވެފައިވަނީ ރާއްޖޭގެ ރައްޔިތުން އިސްލާމީ ޢަޤީދާގައި ހިފެހެއްޓި މިންވަރެއްގެ މައްޗަށް ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޑޮކްޓަރ މުޙައްމަދު ޖަމީލް އަޙްމަދު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާގެ ނައިބު މިހެން ވިދާޅުވީ، ނިލަންދެއަތޮޅު އުތުރުބުރީގެ ރަށްރަށަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، މިއަދު ހެނދުނު އެއަތޮޅު ދަރަނބޫދުއަށް ވަޑައިގެން، އެރަށު ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.
ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ ވާހަކަފުޅުގައި، ސަރުކާރުގެ އަމާޒަކީ ރާއްޖޭގެ ޞަޚްސިއްޔަތާއި، ގެއްލެމުންދާ އަސާސްތައް ހިފަހައްޓަވައި، ޤައުމަށް ތަރައްޤީ ގެނެސްދެއްވުމަށް މަސައްކަތްކޮށްދެއްވުން ކަމުގައި ވިދާޅުވިއެވެ. އަދި ރާއްޖޭގެ ރައްޔިތުންގެ ޢަޤީދާ ވަރުގަދަކޮށް، އަސާސްތަކުގައި ހިފެހެއްޓުމަށްޓަކައި އަޅުއްވަންޖެހޭ ކޮންމެ ފިޔަވަޅެއް އެޅުއްވުމުގައި، ސަރުކާރުން ފަސްޖެހިވަޑައިނުގަންވާނެކަމުގެ ޔަޤީންކަން ރާއްޖޭގެ ރައްޔިތުންނަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ދެއްވިއެވެ.
މިމޭރުމުން ވާހަކަފުޅު ދައްކަވަމުން، ތަޢުލީމީ ދާއިރާއާއި، ދިރިއުޅުމުގެ އާންމު އިޖްތިމާޢީ ޙާލަތާއި، ވެރިކަން ހިންގުމުގެ ދާއިރާއާއި އަދި ޤާނޫނު ހެދުމުގެ ދާއިރާ ތަރައްޤީކުރެއްވުމަށް ކުރައްވާ ކޮންމެ މަސައްކަތްޕުޅެއް ސަރުކާރުން ކުރައްވާނީ، އިސްލާމީ ޝަރީޢަތާ އެއްގޮތްވާ ގޮތުގެ މަތީން ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޑޮކްޓަރ މުޙަންމަދު ޖަމީލު އަޙްމަދު، ނިލަންދެއަތޮޅު އުތުރުބުރީގެ ރަށްތަކަށް ކުރައްވާ ދަތުރުފުޅުގެ އެންމެ ފަހު މަންޒިލެއްގެ ގޮތުން ވަޑައިގަތީ އެއަތޮޅު މަގޫދުއަށެވެ. އެރަށަށް ކުރެއްވި ޒިޔާރަތުގައި ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައި، ރާއްޖޭގެ އާމްދަނީ އިތުރު ކުރެއްވުމަށާއި، އިޖްތިމާޢީ ގޮތުން ދިމާވެފައި ހުރި ބޮޑެތި ގޮންޖެހުންތަކަކީ ކޮބައިތޯ ބައްލަވައި، އެކަންތައްތަކަށް ހައްލު ފޯރުކޮށްދެއްވުމަށްޓަކައި ބުރަ މަސައްކަތްޕުޅުތަކެއް ސަރުކާރުން ކުރައްވަމުން ގެންދަވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވިދާޅުވިއެވެ.
މިރޮނގުން ވާހަކަފުޅު ދައްކަވަމުން، މިފަދަ ކަންތައްތަކަކީ، ނަތީޖާ ނެރުމަށް ވަގުތު ބޭނުންވާނެ ކަންތައްތަކެއްކަމުގައި ވިދާޅުވެ، ރާއްޖޭގެ ރައްޔިތުންގެ ދިރިއުޅުމުގެ ހާލަތު ރަނގަޅުކުރެއްވުމަށްޓަކައި ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތަކުގެ މައްޗަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލިއަޅުއްވައިލެއްވިއެވެ. މިގޮތުން، ހުސްނުވާ އާސަންދަ ތަޢާރަފްކުރައްވައި، ރާއްޖޭގެ ރައްޔިތުންނަށް ހިލޭ ބޭސްފަރުވާ ކުރެވޭނެ ގޮތް ސަރުކާރުން ހަމަޖައްސަވާފައިވާކަން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފާހަގަ ކުރެއްވިއެވެ. އަދި، ރާއްޖޭގެ ރަށްތައް ބެހިފައިވާ ގޮތުގެ ސަބަބުން ދިމާވެފައިވާ އެކިއެކި ގޮންޖެހުންތަކާ އެކުވެސް، ރަށްރަށަށް ދިމާވެފައިވާ ޑޮކްޓަރުންގެ ދަތިކަންފަދަ މައްސަލަތަކަށް ހައްލު ހޯއްދަވައިދެއްވަމުން ގެންދަވާކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވިދާޅުވިއެވެ.
މީގެ އިތުރުން، ރައްޔިތުންގެ އިޖްތިމާޢީ ހާލަތު ރަނގަޅު ކުރަމަށްޓަކައި، އުމުރުން ދުވަސްވީ މީހުންނަށްދޭ އެލަވަންސް 5000 ރުފިޔާއަށް ބޮޑު ކުރައްވާފައިވާ ކަމާއި، ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކޮށްދެއްވަމުން ގެންދަވާކަންވެސް އެމަނިކުފާނުގެ ވާހަކަފުޅުގައި ފާހަގަ ކުރެއްވިއެވެ. އަދި، ރައްޔިތުންނަށް ފޯރުކޮށްދެއްވަން ޖެހޭ ޚިދުމަތްތައް، ރާއްޖޭގެ ތަރައްޤީއަށްޓަކައި ސަރުކާރުން ރާއްވަވާފައިވާ ކަންކަމުގެ ތެރޭގައި ހިމަނުއްވައިގެން، މި ސަރުކާރުގެ 5 އަހަރުދުވަހުގެ ތެރޭގައި ފުރިހަމަ ކޮށްދެއްވާނެކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ދެއްވިއެވެ.
ރައީސުލް ޖުމްހޫރިއްޔާގެ ނައިބު ފ އަތޮޅަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މިހާރުވަނީ އެނބުރި މާލެ ވަޑައިގެންފައެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...