މުސާރައިގެ މައްސަލައަށް އަދިވެސް ޙައްލެއް ލިބިފައި ނުވާތީ އަނެއްކާވެސް އިހުތިޖާޖު ކުރުމަށް ޓީޗާސް އެސޯސިއޭޝަނުން ނިންމައިފިއެވެ.
އެ ޖަމިއްޔާއިން މިގޮތަށް ނިންމީ ރޭ ބޭއްވި ބައްދަލުވުމެއްގައި ގިނަ ޢަދަދެއްގެ ޓީޗަރުން އެކަމަށް ތާއީދުކުރައްވައި ވޯޓު ދެއްވުމާއި ގުޅިގެންނެވެ.
މި މައްސަލާާގައި ޓީޗާސް އެސޯސިއޭޝަނުން ބުނީ ޓީޗަރުންނަކީ މުޅި ރާއްޖޭގައި ވެސް ޕްރޮފެޝަނަލް ދާއިރާއެއްގައި މަސައްކަތް ކުރާ އެންމެ ކުޑަ މުސާރައެއް ލިބޭ މަދަނީ މަސައްކަތްތެރިން ކަމަށާއި، ޓީޗަރުންގެ ތެރޭގައި ނަސްލީ ތަފާތުކުރުން ވެސް ބޮޑުކަމަށެވެ.
އެގޮތުން ރާއްޖެއިން ބޭރުން ގެންނަ ޓީޗަރުންނަށް ލިވިން އެލަވަންސްދީ ޑޮލަރުން މުސާރަ ދޭއިރު، ޗުއްޓީ އާއި އެހެނިހެން ކަންކަމުގައި ބޮޑެތި ޢިނާޔަތް ތައް ލިބޭ ކަމަށާއި، ރަށުން ބޭރުގައި މަސައްކަތް ކުރިޔަސް ދިވެއްސަކަށް މިއިން ޢިނާޔަތެއް ނުލިބޭ ކަމަށް ޓީޝަރުންގެ ޖަމިއްޔާއިން ކުރިން ވަނީ ބުނެފައެވެ.
މީގެ އިތުރުން ބައެއް މިނިވަން މުއައްސަސާ ތަކުގެ މަސައްކަތު މީހަކަށް ވުރެވެސް ޑިގްރީ ފެންވަރުގެ ޕްރޮފެޝަނަލް ޓީޗަރެއްގެ މުސާރަ ކުޑަވުމަކީވެސް ޓީޗަރުންގެ ކަންބޮޑުވުމެކެވެ.
ޓީޗަރުންގެ މުސާރައިގެ މައްސަލަ ތަކުގައި ޙައްލެއް ނުލިބުމުން މިދިޔަ އޭޕްރިލް މަހުވެސް، ޓީޗަރުން ވަނީ ކަޅު ހެދުމުގައި ސުކޫލަށް ނިކުމެ އިހުތިޖާޖު ކޮށްފައެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...