ރާއްޖޭގެ ޚަބަރު ކޮންމެ ކަމެއްގައި ފައިސާގެ ނުފޫޒު ބޭނުންކުރާނަމަ ފެތުރޭނީ ފަސާދަ: ނައިބުރައީސް

ކޮންމެ ކަމެއްގައި ފައިސާގެ ނުފޫޒު ބޭނުންކުރާނަމަ ފެތުރޭނީ ފަސާދަ: ނައިބުރައީސް

ކޮންމެ ކަމެއްގައި ފައިސާގެ ނުފޫޒު ބޭނުންކުރާނަމަ ފެތުރޭނީ ފަސާދަ: ނައިބުރައީސް

ކިޔާލަން ހޭދަވާނީ 3 މިނިޓް

ފޮންޓް ސައިޒް

ތިމާގެ ހަޔާތުގެ މަންޒިލަކީ، ނުވަތަ ތިމާ ކުރާ ކޮންމެ މަސައްކަތެއްގައި ބޭނުންކުރާ ވާސްޠާއަކީ ފައިސާކަމަށްވެއްޖެ މުޖުތަމަޢެއްގައި ފެތުރިގެންދާނީ ފަސާދަ ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޑޮކްޓަރ މުޙައްމަދު ޖަމީލް އަޙްމަދު ވިދާޅުވެއްޖެއެވެ. ‏ރައީސުލްޖުމްހޫރިއްޔާގެ ނައިބު‏ މިހެން ވިދާޅުވީ، ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅު ތަޢުލީމީ މަރުކަޒުގެ 2013 ވަނަ އަހަރުގެ އަހަރީ އިނާމު ދިނުމުގެ ޖަލްސާގައި މިރޭ ވާހަކަފުޅު ދައްކަވަމުންނެވެ. އެމަނިކުފާނުގެ ވާހަކަފުޅުގައި، އެފަދަ މުޖުތަމަޢެއް ފަސާދައިގެ ބަލިމަޑުކަމުގެ ސަބަބުން ނެތިގެންގޮސް، އެމުޖުތަމަޢަކަށް ވީރާނާކަން ވެރިވެގެންދާނެ ކަމުގައިވެސް ވިދާޅުވިއެވެ.

‏ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ ވާހަކަފުޅުގައި، ތަޢުލީމީ ގޮތުން ރަން ވަނަތައް ހާސިލުކުރަނީ ހަމައެކަނި މާއްދީ ފައިދާއެއް ހޯދަންތޯ، މިއީ ކޮންމެ ދަރިވަރަކުވެސް، އަދި ކޮންމެ ބެލެނިވެރިޔަކުވެސް އަމިއްލަ ނަފްސާ ކުރަންޖެހޭ ސުވާލެއް ކަމުގައި ވިދާޅުވިއެވެ. މިރޮނގުން ވާހަކަފުޅު ކުރިއަށް ގެންދަވަމުން، އަޅުގަނޑުމެންގެ ޢަޤީދާއާއި، މުޖުތަމަޢުން ނެތިގެންދާ އަޚްލާޤީ މިންގަނޑު ދެމެހެއްޓުމަކީ، ތަޢުލީމީ ގޮތުން މަތީ ފާސްތަކެއް ހޯދުމަށްވުރެ މުހިންމުކަން ބޮޑު މަޤްޞަދެއް ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. އަދި، އަޅުގަނޑުމެންގެ އާންމު ދިރިއުޅުމުގައި މިއަދު ފެނިގެންދަނީ، ކޮންމެ ކަމެއްގެ އެންމެ ފަހު މަރުހަލާއަކީ، އެމީހެއްގެ ޖީބަށް ވަންނަ ފައިސާ ފޮއްޗެއް، ނުވަތަ ހާސިލްވާ މާއްދީ ބޭނުމެއް ކަމުގައި ވެގެންދާ ތަންކަން އެމަނިކުފާނު ހިތާމައާއެކު ފާހަގަ ކުރެއްވިއެވެ.

"އެއްވެސް މުޖުތަމަޢެއް، އެއްވެސް ޤައުމެއް، އެއްވެސް އުއްމަތެއް، ކުރިއަކަށް ނާރާނެ، އެއުންމަތަކީ، އެއުންމަތުގެ ކުރިއެރުމަކީ، އަޚުލާޤާއި، ރިވެތި ހަމަތަކާއި، ޢިލްމުގެ ތެރެއިން ކުރިއަށްދާ މުޖުތަމަޢަކަށް ނުހަދައިފިނަމަ"، އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ނާއިބުގެ ވާހަކަފުޅުގައި، މިރޭގެ ޖަލްސާގައި ވަނަތައް ހާސިލްކުރި ދަރިވަރުންނަށް މި ލިބުނު ކާމިޔާބުގެ ހަގީގީ ޙައްޤުދާރުންނަކީ، ނިކަމެތި ވަގުތުގައި ތިމާގެ އުފަލަކީ ދަރިންގެ އުފާކަމުގައި ދެކި، މުޖުތަމަޢުން ތިމާއަށް ހޯދައިނުގަނެވުނު މަޤާމު ތިމާގެ ދަރިން ފުރާތަން ދެކެން ކެތްމަދުވެފައި ތިއްބެވި މައިންބަފައިންކަން، އެ ދަރިވަރުންނަށް ހަނދާން ކޮށްދެއްވިއެވެ.

މިއަދު ރާއްޖެއަށް ބޭނުންވަނީ ރާއްޖޭގެ ތަރައްޤީއައިގެން ކުރިއަށް ދިއުމަށްޓަކައި ތަޢުލީމު ލިބިފައި ތިބި ޤާބިލް، ހީވާގި ޒުވާނުންކަން ފާހަގަ ކުރައްވަމުން، ސަރުކާރުގެ މާލިއްޔަތުގެ ޚަރަދުގެ ތެރެއިން ބޮޑު ބައެއް މިއަދު މި ހޭދަކުރައްވަނީ ރާއްޖޭގެ ތަޢުލީމީ ނިޒާމު ރަނގަޅު ކުރެއްވުމަށްޓަކައިކަން ރައީސުލްޖުމްހޫރިއްޔާގެ ނާއިބުގެ ވާހަކަފުޅުގައި ފާހަގަ ކުރެއްވިއެވެ. މިގޮތުން، މަތީ ތަޢުލީމު ހޯދުމަށް ބޭނުންވާ ދަރިވަރުންނަށް ލޯން ލިބޭނެ ސްކީމެއް ސަރުކާރުން މިހާރު ތަޢާރަފްކުރައްވާފައިވާ ކަމަށާއި، ރާއްޖެއިން ބޭރުން ތަފާތު ސްކޮލަޝިޕްގެ ފުރުޞަތުތައްވެސް ސަރުކާރުން ހޯއްދަވައިދެއްވަމުން ގެންދަވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ވިދާޅުވިއެވެ. އަދި، ދަރިވަރުންގެ ސުލޫކާއި، އަޚުލާޤާއި، އުޅުން ބައްޓަން ކުރުމަށްޓަކައި، ރާއްޖޭގެ ތަޢުލީމީ ނިޒާމުގެ ތެރެއަށް އިސްލާމީ ތަޢުލީމާއި، އަޚުލާޤިއްޔާތު މިހާރު ތަޢާރަފުކޮށްފައިވާކަންވެސް، އެމަނިކުފާނު ފާހަގަ ކުރެއްވިއެވެ.

މީގެ އިތުރުން ފ ފީއައްޔަށް ވަޑައިގެން އެރަށު ރައްޔިތުންނާ ބައްދަލު ކުރައްވަމުން ނައިބު ރައީސް ވިދާޅުވީ، ސަރުކާރުން އެންމެ ބޮޑު އިސްކަމެއް ދެއްވާނީ ރާއްޖޭގެ ރައްޔިތުންނަށް ‏‏ދިމާވެފައިވާ އިޖްތިމާޢީ އަސާސީ ޚިދުމަތްތައް ފޯރުކޮށްދެއްވުމަށް ކަމަށެވެ.
ސަރުކާރުގެ ފަރާތުން ރާއްޖޭގެ ރަށްރަށަށް ދަތުރު ކުރެއްވުމުގެ ބޭނުންފުޅަކީ، ރައްޔިތުންގެ ‏އިހުސާސްތައް އަޑުއައްސެވުން ކަމަށާއި، ‏ސަރުކާރުގެ އެންމެ އިސް ވާޖިބަކީ ރައްޔިތުން ބޭނުންވާ ކަންތައްތަކަކީ ކޮބައިކަން ‏‏ދެނެވަޑައިގަތުންކަމުގައި ވިދާޅުވިއެވެ.

‏މިރޮނގުން ވާހަކަފުޅު ކުރިއަށް ގެންދަވަމުން، ‏ފީއަލީގެ ރައްޔިތުންގެ އިތުރުން، މި ޤައުމުގެ ހުރިހާ ރައްޔިތުންގެވެސް އެންމެ ބޮޑު ކެކުޅުމަކަށް ވެފައި މިއޮތީ، ރައްޔިތުންނަށް ލިބިދޭންޖެހޭ ޞިއްޙީ ޚިދުމަތްތައް އެދެވޭ ގޮތެއްގައި ލިބެމުން ނުދިއުންކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވިދާޅުވިއެވެ. އަދި، ރައީސް ޔާމީންގެ ސަރުކާރު ވެރިކަމާ ހަވާލުވެވަޑައިގަތުމަށްފަހު މިވީ މުއްދަތުގެ ތެރޭގައި، ރައްޔިތުންނަށް ބޭސްފަރުވާގެ ލުއިފަސޭހަކަން ހޯއްދަވައި ދެއްވުމަށްޓަކައި ސަރުކާރުން އަޅުއްވާފައިވާ ފިޔަވަޅުތަކުގެ މައްޗަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލިއަޅުއްވައިލެއްވިއެވެ. މިގޮތުން، ހުސްނުވާ އާސަންދަ ތަޢާރަފުކުރައްވައި، މިއަދާ ހަމައަށް 500 ‏‏މިލިޔަން ރުފިޔާ އަށްވުރެ ގިނަ އަދަދަކަށް، ހުސްނުވާ އާސަންދައަށް ޚަރަދުކުރައްވާފައިވާކަން އެމަނިކުފާނު ފާހަގަ ކުރެއްވިއެވެ.

ފީއަލީ ރައްޔިތުންނާ ބައްދަލުކުރައްވައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ދެއްކެވި ވާހަކަފުޅުގައި، ރައްޔިތުންނަށް ބޭނުންވާ ޚިދުމަތްތައް ފޯރުކޮށްދެއްވުމަކީ މިސަރުކާރުގެ ކޮނޑުގައި އެޅިފައިވާ ވަރަށް ބޮޑު މަސްޢޫލިއްޔަތެއްކަން ބަޔާންކުރެއްވިއެވެ. އަދި، ސަރުކާރުން ފޯރުކޮށްދެއްވާ ޚިދުމަތްތައް ފޯރުކޮށްދެއްވުމުގައި، އެއްވެސް ރައްޔިތެއްގެ ސިޔާސީ ފިކުރަކަށް ނުބައްލަވާނެކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ދެއްވިއެވެ. ‏

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ނިލަންދެއަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، މިއަދު ހެނދުނު ވަނީ އެއަތޮޅު ނިލަންދުއަށް ވަޑައިގެން، އެރަށު ހޮސްޕިޓަލުގެ އިސްވެރިންނާ ބައްދަލުކުރައްވާފައެވެ. މިބައްދަލުކުރެއްވުމުގައި، ހޮސްޕިޓަލަށް ‏މިހާރު އެންމެ ބޮޑަށް ދަތިވެފައިވާ ކަންކަން އޮޅުންފިލުއްވައި، އެކަންކަން ޙައްލު ކުރެއްވުމަށްޓަކައި ‏‏އެޅުއްވިދާނެ ފިޔަވަޅުތަކާ ބެހޭގޮތުން މަޝްވަރާ ކުރެއްވިއެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.