ފަލަސްތީނުގެ ޣައްޒާގައި ހާލުގައި ޖެހިފައިވާ ރައްޔިތުންނަށް މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީގެ ދަށުގައިވާ މުއައްސަސާތަކުގެ މުވައްޒަފުންގެ މުސާރައިން އެއްދުވަހުގެ މުސާރަ ޣައްޒާ ފަންޑަށް ހަދިޔާ ކުރަން ނިންމަވައިފިއެވެ.
ޢައްޒާގެ ރައްޔިތުންނަށް އެހީވުމަށް މީޑއާތަށް ގުޅިގެން ކުރިއަށް ގެންދިއުމަށް ރާވާފައިވާ ''ހެލްޕް ޣައްޒާ ޓެެލެތޯން'' ގެ ސްޓިއަރިންގ ކޮމެޓީއާއެކު ބަންޑާރަކޮށީގައި އިއްޔެ ހަވީރު ބޭއްވި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީ ކާނަލް (ރިޓަޔަރޑް) މުޙައްމަދު ނާޒިމް ވިދާޅުވީ، ޑިފެންސް މިނިސްޓްރީ އާއި ޑިފެންސް މިނިސްޓްރީގެ ދަށުން ހިނގަމުންދާ މުއައްސަސާތަކާއި ޑިފެންސް މިނިސްޓަރުގެ ބެއްލެވުމުގެ ދަށުން ހިންގަމުންދާ މުއައްސަސާތަކުގެ މުވައްޒަފުން އެއްދުވަހުގެ މުސާރަ ޣައްޒާ ފަންޑަށް ހަދިޔާ ކުރާގޮތަށް ނިންމާފައިވާ ކަމަށާއި، ''ހެލްޕް ޣައްޒާ ޓެލެތޯން'' ސްޓިއަރިންގ ކޮމެޓީން ކުރައްވަމުން ގެންދަވާ މަސައްކަތުގައި އެހީތެރިވެދެއްވާނެ ކަމަށެވެ.
މިބައްދަލުވުމުގައި އެމްބީސީގެ ޗެއަރމަން އިބްރާހީމް ޢުމަރުމަނިކު ވަނީ ޑިފެންސް މިނިސްޓަރުގެ ނިންމެވުމަށް، ސްޓިއަރިންގ ކޮމެޓީގެ ފަރާތުންނާއި ހުރިހާ މީޑއާގެ ފަރާތުން ވަރަށް ބޮޑަށް ޝުކުރު އަދާކުރައްވާފައެވެ.
މިބައްދަލުވުމުގައި މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްގެ ފަރާތުން، ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަޙްމަދު ޝިޔާމާއި ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް ސެންޓަރގެ ފަރާތުން ޑިފެންސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަލްފާޟިލް މުޙައްމަދު ޒުހެއިރާއި ލޯކަލް ގަވަރމެންޓް އޮތޯރިޓީގެ ފަރާތުން ޗީފް އެގްޒެކްޓިވް އޮފިސަރ އަލްފާޟިލް އަޙްމަދު ޝުކުރީ ޙުސައިނާއި ޑިޕާޓްމަންޓް އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަންގެ ފަރާތުން ޑެޕިއުޓީ ޗީފް އެގްޒެކްޓިވް އޮފިސަރ އަލްފާޟިލް ޢަބްދުﷲ މުނާޒާއި، އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑްގެ ކޮމާންޑަރ، ލެފްޓިނަންޓް ކާނަލް އިބްރާހީމް ޙިލްމީ ބައިވެރިވެ ވަޑައިގެންނެވިއެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...