ރައްކާތެރި މާޙައުލެއް ކަށަރުކޮށް، މުޖުތަމަޢުގެ އަމާންކަން ދެމެހެއްޓުމަށް ކުރެވިދާނެ ކަންތައްތަކާ ބެހޭގޮތުން ޕްރޮސެކިއުޓަރ ޖެނެރަލް އަލްއުސްތާޛް މުހުތާޒް މުހުސިން އާއި ކޮމިޝަނަރ އޮފް ޕޮލިސް ޙުސައިން ވަޙީދު އަދި ތަޙުޤީޤު ކުރުމުގައި ޙަރަކާތްތެރިވާ އިސްފަރާތްތަކުން ބައްދަލު ކޮށް މަޝްވަރާ ކުރައްވައިފިއެވެ.
އިއްޔެ އިސްކަންދަރު ކޮށީގައިއޮތް ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާ ކުރައްވާފައިވަނީ މުޖުތަމަޢުގައި ހިނގައި ބޮޑެތި ކުށުގެ މައްސަލަތަކުގެ ތަޙުޤީޤުގެ މަސައްކަތްތައް ދެ ފަރާތް ގުޅިގެން މިހާރަށް ވުރެ އަވަހަށް ނިންމައި ޕްރޮސެކިއުޓަރ ޖެނެރަލް މެދުވެރިވެގެން ޝަރީޢަތަށް ހުށަހަޅުއްވައި އަދި މައްސަލަތަކުގެ ޝަރީޢަތްވެސް އަވަސް ކުރެެއްވުމަށް ދެ ފަރާތްގުޅިގެން ކުރެއްވެންހުރި ކަންތައްތަކާ ގުޅޭގޮތުންނެވެ.
ހަމަ އެއާއެކު، ފުލުހުންނަށް ހުށަހެޅި ތަޙުޤީޤު ކުރެވޭ ބޮޑެތި މައްސަލަތައް ޝަރީޢަތުން ސާބިތު ކުރެއްވުމަށްޓަކައި މިހާރަށް ވުރެ ހަރުދަނާގޮތެއްގައި ހެއްކާއި ޤަރީނާ ހޯއްދެވުމާއި ހެއްކާއި ޤަރީނާ އެއްކުރެއްވުމުގެ ކަންތައްތައް ކުރިއަށް ގެންދެވުމަށް ކުރެވެންހުރި ބައެއް ކަންތައްތަކާ ގުޅޭގޮތުންވެސް މަޝްވަރާ ކުރައްވާފައިވެއެވެ.
މީގެ އިތުރުން ހެއްކާއި ޤަރީނާ ހޯއްދެވުމުގައި ޤާނޫނީ ގޮތުން ހުރިކަންކަން ޙައްލު ކުރުމަށް އަވަސް ފިޔަވަޅުތަކެއް އެޅުއްވުމާއި ބެހޭގޮތުންވެސް ދެބޭފުޅުން ވަނީ މަޝްވަރާ ކުރައްވާފައެވެ.
އަދި، މިހާރު މާލޭގައި ތޫނު ހަތިޔާރު ބޭނުންކޮށްގެން ހިންގަމުންދާ މާރާމާރީ ތަކުގައި ޝާމިލްވާ ފަރާތްތަކުގެ އިތުރު މައްސަލަތަކެއް ވާނަމަ ވީހާވެސް އަވަހަށް އެ މައްސަލަތައް ޝަރީޢަތަށް ފޮނުއްވުމާއި ބެހޭ ގޮތުންވެސް މި ބައްދަލުވުމުގައި މަޝްވަރާ ކުރެއްވިއެވެ.
ހަމަ އެއާއެކު، ފުލުހުންނަށް ހުށަހެޅޭ ކުދި މައްސަލަތަކުގެ ތަޙުޤީޤު މިހާރަށް ވުރެ އަވަހަށް ނިންމަވައި، ދެ ފަރާތްގުޅިގެން މައްސަލަތައް ޝަރީޢަތަށް ހުށަހެޅުން އަވަސްކުރެއްވުމާއި ގުޅޭގޮތުންވެސް ދެބޭފުޅުން މަޝްވަރާ ކުރެއްވިއެވެ.
މި ބައްދަލުވުމުގައި ފުލުހުންގެ ތަޙުޤީޤު ދާއިރާގައި މަސައްކަތްކުރާ ހުރިހާ އިސް އޮފިސަރުންގެ އިތުރުން އޮޕަރޭޝަން ދާއިރާގައި މަސައްކަތްކުރާ އިސް އޮފިސަރުންނާއި ފުލުހުންގެ އެގްޒެކެޓިވް ބޯޑުގެ މެމްބަރުން ބައިވެރިވެ ވަޑައިގެންނެވިއެވެ.
ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށް ރައްޔިތުންނަށް މިހާރު ކުރިމަތި ވެފައިވާ ނުތަނަވަސްކަމަށް އަވަސް ހައްލެއް ހޯއްދަވައި މުޖުތަމަޢު އަމާންކަންމަތީ ދެމެހެއްޓެވުމަށް ދާޢިމީ ގޮތެއްގައި ދެ ފަރާތުން ގުޅިގެން މަސައްކަތް ކުރެއްވުމަށް ވެސް މި ބައްދަލުވުމުގައި ވަނީ ނިންމަވާފައެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...