ފަލަސްޠީނުގެ ޣައްޒާގައި އެމެރިކާގެ އެހީތެރި ކަމާއި އެކު ހައްދުފަހަނަ އަޅާފައިވާ ޔަހޫދީން ހިންގި ޤަޠުލު ޢާއްމުގައި އަނިޔާލިބުނު ފަރާތްތަކަށް އެހީތެރިވުމަށް ޢަދާލަތު ޕާޓީން ހުޅުވި ފަންޑާއި ގުޅިގެން ކުރިޔަށް ދިޔުމަށް މީޑިޔާގެ ފަރާތްތަކުން ނިންމައިފިއެވެ.
ޢަދާލަތުގެ ފަންޑާއި ވަކިން 33.3 ގަޑިއިރަށް ކުރިޔަށް ގެންދިޔުމަށް ކުރިން ނިންމާފައިވާ މީޑިޔާގެ ފަރާތްތަކުން ރާވާ ޓެލެތޯން ޢަދާލަތުގެ ފަންޑާއި ގުޅުވާލިކަން ހާމަ ކުރައްވައި އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން ޢަދާލަތު ޕާޓީގެ ރައީސް އައްޝައިޚް ޢިމްރާން ޢަބްދުﷲ ވިދާޅުވީ މީގެ ސަބަބުން ދިވެހިންގެ އުޚުއްވަތްތެރި ކަމާއި އެއްބައިވަންތަކަން އިތުރަށް ހާމަވެގެން ގޮސްފައި ވާކަމަށެވެ.
ދައުލަތުގެ ބައެއް ބޮޑެތި ކުންފުނިތަކާއި އަމިއްލަ ބައެއް ކުންފުނި އަދި ޖަމާއަތްތަކުން ވެސް މީޑިއާތަކުން އިސްނަގައިގެން ބާއްވާ ޣައްޒާފަންޑު ޓެލެތޯނަށް އެހީތެރިވާނެ ކަން ހާމަކޮށްފައި ވާއިރު، ބައެއް ކުންފުނި ތަކުން ވަނީ އެ ކުންފުނި ތަކުގެ މުވައްޒަފުންގެ އެއް ދުވަހުގެ މުސާރަ ޣައްޒާ ފަންޑަށް ހަދިޔާ ކުރުމަށް ނިންމާފައެވެ. އަދި ޢަދާލަތު ޕާޓީން އިސްނަގައިގެން ހުޅުވި ޣައްޒާ ފަންޑަށް އެހީތެރި ވާނެ ކަމަށް ހާމަކުރި ފުރަތަމަ ސިޔާސީ ޕާޓީއަށް ޖުމްހޫރީ ޕާޓީވަނީ ވެފައެވެ.
އެގޮތުން ޖުމްހޫރީ ޕާޓީން ރޭ ނެރުނު ބަޔާނެއްގައި ބުނީ ޣައްޒާ ފަންޑަށް އެއްބާރުލުން ދިނުމުގެ ގޮތުން ރާއްޖޭގެ މީޑިއާތަކުން އިސްނަގައިގެން ބާއްވާ ހާއްސަ ޓެލެތޯން އިންވެންޓުގައި އެ ޕާޓީން ބައިވެރިވާނެ ކަމަށާއި މި ޓެލެތޯން ކުރިއަށް ގެންދިއުމުގައި އެ ޕާޓީގެ ފަރާތުން ދެވެން އޮތް ކޮންމެ އެހީތެރިކަމަކާއި އެއްބާރުލުމެއް ދޭނެކަމަށެވެ.
އަންނަ ހުކުރު ދުވަހު މެންދުރު ފަހު 2:30 އިން ފެށިގެން ކުރިއަށް ގެންދާ މީޑިޔާ ޓެލެތޯން ޖެހިގެން އަންނަ ހޮނިހިރު ދުވަހުގެ ރޭ 12:00 ހަމައަށް ކުރިއަށް ގެންދިޔުމަށް ނިންމާފައި ވާކަމަށާއި، މި ޓެލެޠޯނުގައި މީޑިޔާ ތަކުން ބައިވެރިވަނީ ހިލޭ ސާބަހަށް ކަމުގައިވެސް އެފަރާތުން ވަނީ ހާމަކޮށްފައެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...