ތޫނު ހަތިޔާރާއި މަސްތުވާ ތަކެއްޗާއި އެކު ފުލުހުން 4 މީހަކު ހައްޔަރު ކޮށްފިއެވެ.
މިކަން ކަށަވަރު ކޮށްދެއްވަމުން ފުލުހުން ވިދާޅުވީ، ނިމިގެންދިޔަ ޖުލައި މަހުގެ 28 ވަނަ ދުވަހުން ފެށިގެން މާލޭގައި ހިނގަމުންދާ މާރާމާރީ ތަކާ ގުޅިގެން އެ މާރާމާރީތައް ހުއްޓުވުމަށް ފުލުހުން ކުރަމުންދާ ޚާއްޞަ މަސައްކަތްތަކުގެ ތެރެއިން މާފަންނު ބަނގުފަޑިއްގޭގެ ފުރަތަމަ ފަންގިފިލާ ބަލައި ފާސްކޮށް ތޫނު ހަތިޔާރާއި މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއް އަޅާފައިހުރި ޕެކެޓަކާއެކު 4 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައި ވާކަމަށެވެ.
ފުލުހުންގެ އިންޓެލިޖެންސާއި ސީރިއަސް އެންޑް އޯގަނައިޒްޑް ކްރައިމް ޑިޕާރޓްމަންޓާއި ޑްރަގް އެންފޯސްމަންޓް ޑިޕާރޓްމަންޓް ގުޅިގެން ހިންގި އޮޕަރޭޝަންގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ ދިވެހި ހަތަރު ފިރިހެނުންނެވެ. އެ އެންމެންނަކީވެސް ތަފާތު މައްސަލަތަކުގެ ރެކޯޑް އޮންނަ މީހުންނެވެ.
ކޯޓް އަމުރެއްގެ ދަށުން ރޭ 23:00 ހާއިރު އެ ގެއަށް ވަދެ ބަލައި ފާސްކުރިއިރު މަސްތުވާތަކެތި ކަމަށްބެލެވޭ އެއްޗެއް ހުރި ރަބަރު ޕެކެޓަކާއި ބޮޑު 2 ކަތިވަޅިއާއި މޫނު ނިވާކުރަން ބޭނުންކުރާ 4 ހުޑް ފެނިފައިވެއެވެ.
މީގެ އިތުރުން މިދިޔަ ޖުލައި މަހުގެ 28 ވަނަ ދުވަހު ހިންގި މާރާމާރީގެ ތުހުމަތުގައި ފުލުހުން ހޯދަމުންދިޔަ މީހާވެސް ވަނީ ރޭ އިރާކޮޅު ކޯޓު އަމުރެއްގެ ދަށުން އެހެން ގެއެއް ބަލައި ފާސްކޮށް މަސްތުވާތަކެއްޗާއި ތޫނު ހަތިޔާރާއެކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައެވެ.
މި މައްސަލަތައް ފުލުހުންގެ ސީރިއަސް އެންޑް އޯގަނައިޒްޑް ކްރައިމް ޑިޕާރޓްމަންޓާއި ޑްރަގް އެންފޯސްމަންޓް ޑިޕާރޓްމަންޓުން ދަނީ ތަޙުޤީޤު ކުރަމުންނެވެ.
މާލޭގައި ހިނގަމުންދާ މާރާމާރީތަކާ ގުޅިގެން ރައްޔިތުންގެ ހިތްތަކުގައި އުފެދިފައިވާ ކަންބޮޑުވުމާއި ނުތަނަވަސްކަން ނައްތާލައި މާރާމާރީތައް ހުއްޓުވުމަށް މިހާރު މާލޭގައި ފަށާފައިވާ ޚާއްޞަ މަސައްކަތްތަކުގެ ދަށުން ރޭގަނޑާއި ދުވާލުގެ ވަގުތުތަކުގައި ކަމެއްނެތި މަގުމަތީގައި ތިބޭ ބައެއް މީހުންނާ ސުވާލުކޮށް ބަލައި ފާސްކުރަންޖެހޭ ތަންތަން ބަލައި ފާސްކުރުމުގެ މަސައްކަތް ސްޕެޝަލިސްޓް އޮޕަރޭޝަން ޑިޕާޓްމަންޓުގެ ފުލުހުންނާއި މާލޭ ސިޓީގެ ފުލުހުންނާއި ޓްރެފިކް ޕޮލިސް ޑިޕާޓްމަންޓުގެ ފުލުހުން ގުޅިގެންމަސައްކަތް ކުރަމުން ގެންދާނެ ކަމަށް ފުލުހުން ވިދާޅުވެއެވެ.
މިއާއެކު މާލޭގެ އިތުރުން ވިލިމާލެ އާއި ހުޅުމާލެތެރެ ބެލެހެއްޓުމުގެ މަސައްކަތްވެސް އިތުރު ކުރެވިފައި ވާކަމަށް ވެސް ފުލުހުން ހާމަ ކުރައްވާފައި ވެއެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...