ރާއްޖޭގެ ޚަބަރު ފުލުހުންގެ ހަވާލުގައިވާ މަޢުލޫމާތަށް ޚިޔާނާތްތެރި ނުވުމަށް ޕޮލިސް ކޮމިޝަނަރ ގޮވާލައްވައިފި

ފުލުހުންގެ ހަވާލުގައިވާ މަޢުލޫމާތަށް ޚިޔާނާތްތެރި ނުވުމަށް ޕޮލިސް ކޮމިޝަނަރ ގޮވާލައްވައިފި

ފުލުހުންގެ ހަވާލުގައިވާ މަޢުލޫމާތަށް ޚިޔާނާތްތެރި ނުވުމަށް ޕޮލިސް ކޮމިޝަނަރ ގޮވާލައްވައިފި

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

ފުލުހުންގެ ހަވާލުގައިވާ ފަރުދީ އަދި އިޖުތިމާޢީ މަޢުލޫމާތު ތަކަކީ ﷲގެ އަމާނާތެއް ކަމަށާއި އެތަކެއްޗަށް ޚިޔާނާތްތެރި ނުވުމަށް ޕޮލިސް ކޮމިޝަނަރ ފުލުހުންނަށް ގޮވާލައްވައިފިއެވެ.

ޕޮލިސް މެމޯރިއަލްޑޭ ފާހަގަ ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ކޮމިޝަނަރ އޮފް ޕޮލިސް ޙުބައިން ވަޙީދު ވިދާޅުވީ، " ފުލުހުންގެ މުއައްސަސާއަކީ މަޢުލޫމާތުގެ ޚަޒާނާއެއް ކަމަށާއި، އެތައް ބައެއްގެ ޒާތީ މަޢުލޫމާތުތަކާ ފޮޓޯތަކާއި ވީޑިއޯތައް ފުލުހުންގެ އަތުގައި ހުރި ކަމަށެވެ.

މީގެއިތުރުން އިންސާނީ ޙައްޤުތަކާ ގުޅި ލާމެހިފައިވާ އެތައް އެތައް ލިޔެކިޔުމެއް ފުލުހުންގެ މުއައްސަސާގައި ހުރި އިރު، ފުލުހުންގެ މުއައްސަސާގައި ރައްޔިތުންގެ އެތައްބައެއްގެ ތަޙްޤީޤުތައް ކޮންމެ ދުވަހަކު ކުރިޔަށްދާ ކަމަށާއި، ވިޔަފާރީގެ މުޢާމަލާތް ތަކާއި ޢާއިލީ މައްސަލަތަކާއި، ޖިންސީ މައްސަލަތަކާއި އެކިއެކި ޖިނާޢީ ކުށްތަކުގެ މައްސަލަތަކާ، ސިޔާސީ މައްސަލަތަކުގެ އިތުރުން ޤައުމީ ސަލާމަތާ ގުޅުންހުރި މައްސަލަތައް ކޮންމެ ދުވަހަކު ވެސް ތަޙުޤީޤު ކުރަމުން ގެންދާ ކަމަށް ކޮމިޝަނަރ ވިދާޅުވިއެވެ.

އެހެން ކަމުން މިފަދަ މުހިއްމު މަޢުލޫމާތުތަކާއި ތަކެއްޗަކީ ދިވެހި ދައުލަތުގެ މިލްކަކަށް ވާއިރު މި ތަކެއްޗަކީ ދައުލަތުގެ ދެމިއޮތުމާއި ސަލާމަތާ ގުޅިފައިވާ، ޤައުމުގެ ހަމަޖެހުމާ ޞުލްޙަ މަސަލަސްކަން ދެމިއޮތުމާއި ގުޅިފައިވާ ތަކެތި ކަމަށާއި މި ތަކެއްޗަކީ ރައްޔިތުންގެ އަބުރު ސަލާމަތް ކުރެވި އިންސާނީ ކަރާމާތް ދެމިއޮތުމަށް ބާރުދެވޭ ތަކެއްޗަށް ވާތީ މިތަކެއްޗަށް ޚިޔާނާތްތެރި ނުވުމަށް ކޮމިޝަނަރ ވަނީ ފުލުހުންނަށް ގޮވާލައްވާފައެވެ.

ކޮމިޝަނަރ ވިދާޅުވީ މިފަދަ އެއްޗަކީ ފުލުހުންގެ މުއައްސަސާގައި މަސައްކަތްކުރާ ނުވަތަ ކުރި މީހެއްގެ އަމިއްލަ ތަކެތި ނޫން ކަމަށާއި، މި ތަކެއްޗަކީ އެމުވައްޒަފަކާ ކީރިތިﷲ އާދެމެދުގައިވާ ވަރުގަދަ އަމާނާތަކަށް ވާއިރު، އެއްވެސް ފުލުހަކު އެހެން ވަޒީފާއަކަށް ބަދަލުވުމުން، ނުވަތަ ވަޒީފާ ދޫކޮށް ސިޔާސީ ފިކުރެއް އިޚްތިޔާރު ކުރުމުން، އެފަދަ މަޢުލޫމާތުތައް ޢާއްމު ފަރާތްތަކާ ނުވަތަ މީޑިއާފަދަ ވަޞީލަތްތަކަށް ޙިއްސާ ކުރުމަކީ ޚިޔާނާތްތެރި ވުން ކަމަށެވެ.

ކޮމިޝަނަރ ވިދާޅުވީ އެއްވެސް ފުލުހަކު އެފަދަ ކަމެއް ކޮށްގެން ނުވާނެ ކަމަށާއި، އެފަދަ ޢަމަލެއް ކުރި މީހަކު އެކަމަކަށް ޒިންމާ ވާންޖެހޭނެ ކަމަށެވެ.

އަދި އެފަދަ ކަންކަމަކީ ފުލުހުން މާތްﷲ ގަންދީ ކޮށްގެންތިބޭ ހުވަޔާވެސް ޚިލާފު ކަންތައް ތައް ކަން ކޮމިޝަނަރ ފާހަގަ ކުރެއްވި އެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.