މާލެ، ހުޅުމާލެ އަދި އައްޑޫގައި “އެހީ ޖަމްޢިއްޔާ”ގެ ފަރާތުން ފިޠުރު ޒަކާތް ބަލައިގަންނަމުންދާ ކަމަށް އެޖަމިއްޔާއިން ހާމަކޮށްފިއެވެ.
ދިއިސްލާމްއަށް ހާމަކުރައްވަމުން “އެހީ ޖަމްޢިއްޔާ” ގެ އޮފިޝަލަކު ވިދާޅުވީ "މިއަހަރު ފިޠުރުޒަކާތް ބަލައިގަތުމުގެ ކަންތައް އިތުރަށް ފުޅާކޮށް މާލެ އިން ބޭރުންވެސް ޒަކާތް ބަލައިގަތުމުގެ އިންތިޒާމް ހަމަޖައްސާފައިވާނެ"ކަމަށާއި "މާލެ، ހުޅުމާލެ އަދި އައްޑޫ އިން ފިޠުރު ޒަކާތް ބަލައިގަންނަމުންދާނެ"ކަމަށެވެ.
އެހީ ޖަމިއްޔާއިން އިތުރަށް ހާމަކުރި ގޮތުގައި "ފިޠުރު ޒަކާތް ބަލައިގަތުން ކުރިއަށްދާނެ މާލެއިން ޢިމާދުއްދީން ސްކޫލުގައި. ހުޅުމާލެއިން އެންލައިޓްން ޕްރީ ސްކޫލްގައި. އައްޑޫ ސިޓީ އިން ނޫރުލް އިސްލާމް އޮފީހުގައި." ކަމަށެވެ.
"ހުރިހާ ސެންޓަރަކުންވެސް ފިޠުރު ޒަކާތް ބަލައިގަންނަމުން މިދަނީ މެންދުރު 13:30އިން 15:15އަށް، ހަވީރު 16:15އިން 17:30އަށް އަދި ރޭގަނޑު 21:00އިން 23:00އަށް"ކަމަށް އެހީ ޖަމިއްޔާއިން ހާމަކުރެއެވެ.
އެހީ ޖަމިއްޔާއިން އިތުރަށް ހާމަކުރި ގޮތުގައި "ތައިލޭން ހަނޑޫ އިން ނަމަ 40 ރުފިޔާ، ބާސްމަތީ އިން ނަމަ 70 ރުފިޔާ، ގޮދަން ފުށް އިން ނަމަ 8 ރުފިޔާ އަދި އާދައިގެ ހަނޑޫ އިން ނަމަ 10 ރުފިޔާ ޒަކާތުގެ ގޮތުގައި ބަލައިގަންނަމުންދާ"ކަމަށެވެ.
ޒަކާތް ބަލައިގަތުމާއި ބެހޭ ގޮތުން އިތުރު މައުލޫމާތު ހޯދުމަށް އެދޭ ފަރާތްތަކުން މާލޭއިން ނަމަ އެޖަމިއްޔާގެ ހޮޓްލައިން 7803433 އަށް ގުޅުއްވުމަށާއި އައްޑޫއިން ނަމަ 7676446 ނަންބަރަށް ގުޅުއްވުމަށް އިލްތިމާސް ކުރެއެވެ. އަދި ހުޅުމާލެއިން 7772906 ނުވަތަ 7782778 ނަންބަރަށް ގުޅުއްވައިގެން މައުލޫމާތު ލިބޭނެކަމަށެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...