ތިބާ މަރާކުރިމަތިލާނެކަން ހަނދާންކުރާނަމަ ކޮފީއާއި އެހެނިހެން ކަންކަމުގައު ހަޔާތުގެ ވަގުތުތައް ބޭކާރުނުކުރާނެ ކަމަށް އަލް އަޚް އަބްދުއް ސަލާމް ދާއޫދު (ސަލާމްބެ) ވިދާޅުވެއްޖެއެވެ.
ޖަމިއްޔަތުއް ސަލަފްއިން ބުރާސްފަތި ދުވަހުގެރޭ ބޭއްވި ސަލަފް ޓޯކް ގައި ވާހަކަދައްކަވަމުން އަބްދުއް ސަލާމް ވިދާޅުވީ އިންސާނުން އުފާކޮށް ޕާޓީ ބާއްވާ ކަންކަން ކުރަމުންދަނީ އެމީހުންގެ އުމުރުން ބައެއް ފަނާވެގެން ދިޔުމުންކަމަށާއި ނަމަވެސް މުސްލިމުންގެ ހަޔާތުން އެންމެ ދުވަހެއްވެސް ފަނާވެގެން ދިޔުމަކީ ހިތާމަ ކުރަންޖެހޭ ކަމެއްކަމަށެވެ. އަދި ޒަމާނާއި ވަގުތާއި ވަކިވެވެން ނެތްކަމަށާއި ކޮންމެ މީހެއްގެ އުމުރަކީވެސް ވަގުތު ކަމަށް ސަލާމްބެ ވިދާޅުވިއެވެ.
ސަލާމްބެ އިތުރަށް ވިދާޅުވީ ކޮންމެ ކަމެއްވެސް އޭގެ ވަގުތުގައި ކުރުމަށް ސަމާލުވާން ޖެހޭކަމަށާއި އަހަރުމެންނީ މުސްލިމުންނަށް ވީހިނދު ކޮންމެ ދުވަހެއްގެ ވަގުތުތައް އިންތިޒާމް ކުރަންޖެހޭ ކަމަށެވެ. އަދި މުސްލިމުންގެ ހައިސިއްޔަތުން ކޮންމެ ކަމެއް ކުރިމަތިވުމުން އެއިން އުޚުރަވީ ފައިދައެއް އޮތްތޯ ބެލުމުގެ މުހިއްމުކަން ފާހަގަކުރެއްވިއެވެ.
ވަގުތުގެ މުހިއްމު ކަމުގެ މައްޗަށް ވާހަކަދައްކަވަމުން ސަލާމްބެ ވިދާޅުވީ ހަޔާތުގެ ކޮންމެ ވަގުތެއްގެވެސް ބޭނުން ހިފަން ޖެހޭކަމަށާއި އެގޮތުން މިސާލު ދައްކަވަމުން ވިދާޅުވީ ފަތިހުގެވަގުތުގައި ނިދާފައި އޮންނަ މީހަކަށްވުރެ އެވަގުތުގައި ހޭލާ އުޅޭ މީހާ މާގިނައިން ކަންތައްތައްކޮށް ނިންމާފަ ހުންނާނެ ކަމަށެވެ.
ވަގުތަށް ރައްކާތެރިވުމުގެ ގޮތުން ކުރެވިދާނެ ކަންކަން ބަޔާން ކޮށްދެއްވަމުން ސަލާމްބެ ވިދާޅުވީ ކޮންމެދުވަހަކުވެސް ނަފުސު ހިސާބުކުރުމާއި، ވަގުތަށް ރައްކާތެރިވާ މީހުންނާއިއެކު އުޅުމާއި، ނަފުސްު ތަރުބިއްޔަތު ކުރުމުގެ އިތުރުން ސަލަފުއް ޞާލިހުންގެ ހާލު އެނގުމަކީ ވަގުތަށް ރައްކާތެރިވުމުގެ ގޮތުން ކުރެވިދާނެ ކަންކަން ކަމަށެވެ.
މިފަހަރު ބެއްވި ސަލަފް ޓޯކްގެ މަޢުޟޫއަކީ "ޒަމާން" އެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...