މާލޭގައި 2 ދަރުސް އަދި ހުޅުމާލޭގައި 1 ދަރުސް މިރޭ ބާއްވާނެކަމަށް ދަރުސް އިންތިޒާމްކުރާ ފަރާތްތަކުން ހާމަކޮށްފިއެވެ.
ދިއިސްލާމް އަށް މައުޟޫމާތު ލިބިފައިވާ ގޮތުގައި މިރޭ މާލޭގައި 2 ދަރުސް ބާއްވާއިރު 1 ދަރުސް ހުޅުމާލޭގައި ބާއްވާ ގޮތަށް ވަނީ ހަމަޖެހިފައެވެ. އުޚްތުންނަށް ހާއްސަކޮށްގެން ޖަމިއްޔަތުލް އަޚްވާތުން ބާއްވާ ދަރުސް އަކާއި އިސްލާމިކް މިނިސްޓްރީއިން ބާއްވާ ދަރުސް މާލޭގައި އޮންނާނެއެވެ. އަދި ހުޅުމާލޭގެ ޒުވާނުން ބާއްވާ ދަރުސް މިރޭ އޮންނާނީ ހުޅުމާލޭގައެވެ.
އުޚްތުންނަށް ހާއްސަކޮށްގެން އައްޝައިޚް ހަސަން މޫސާ ފިކްރީ ދެއްވާ ދަރުސް އޮންނާނީ މިރޭ 20:45 ގައި ހިރިޔާ ސްކޫލްގައެވެ. ޖަމިއްޔަތުލް އަޚްވާތުން އިންތިޒާމްކުރާ މިދަރުސްގެ މަޢުޟޫއަކީ “ތިޔަބައި މީހުން ތަޤްވާވެރިވުމަށް ޓަކައެވެ.”
އިސްލާމިކް އެފެއަރޒް މިނިސްޓްރީއިން އިންތިޒާމް ކުރާ ދަރުސްގެ މައުޟޫއަކީ ކީރިތި ޤުރުޢާނާއި ސައިންސް އެވެ. މިދަރުސް ދެއްވާނީ އެމިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ ކަމުގެ މަޤާމުގައި ހުންނެވި ޑރ މުހައްމަދު އަލީ އެވެ. މިދަރުސް އޮންނާނި އެރޭ 20:45 ގައި ފެކަލްޓީ އޮފް އެޑިއުކޭޝަންގެ އޮޑިޓޯރިއަމް ގައެވެ.
ހުޅުމާލެ ޒުވާނުން އިންތިޒާމްކުރާ ދަރުސް ދެއްވާނީ އައްޝައިޚް އަހުމަދު ސަމީރު ބިން އިބްރާހިމް އެވެ. “ރޯދައަކީ އައްޑަނައެކެވެ” މިމައުޟޫއަށް ބާއްވާ މިދަރުސް އޮންނާނީ މިރޭ ހުޅުމާލެ ޤާޒީ ސްކޫލްގައި ރޭގަނޑު 20:45 ގައެވެ.
މިދަރުސްތަކަށް ވީހާވެސް ގިނަ ބަޔަކު ވަޑައިގަތުމަށް ދަރުސް އިންތިޒާމްކުރާ ފަރާތްތަކުން އެދިލައްވައެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...