ޝެއިޚް އަލްޤާރީ މުހައްމަދު ލުޙައިދާން ރާއްޖެއިން ފުރާވަޑައިގެންފިއެވެ.
މެއި 30 އިން ޖޫން 3 އަށް ޝެއިޚް ލުޙައިދާން ރާއްޖެއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރާއްޖެއިން ފުރާވަޑައިގެންފައިވަނީ މިއަދު މެންދުރު 3:00 ގައެވެ. ގިނަ ޖަމިއްޔާ ޖަމާއަތްތަކެއްގެ އެހީތެރިކަމާއި އެކު ދިއިސްލާމްއިން ޝެއިޚް ލުޙައިދާންގެ ހަރަކާތްތަކެއް ކާމިޔާބުކަމާއި އެކު ހިންގުމަށްފަހު ޝެއިޚް ލުޙައިދާން ފުރާވަޑައިގަތުމުގެ ކުރިން ވިދާޅުވެފައިވަނީ "ދަތުރާއި މެދު ވަރަށް ހިތްހަމަަޖެހޭ"ކަމަށާއި "ރާއްޖެއިން ލިބުނު މެހެމާންދާރީއަށް ހުރިހާ ފަރާތްތަކަށް ޝުކުރު ދަންނަވާ"ކަމަށެވެ.
ރާއްޖޭއަށް ޝެއިޚް ލުޙައިދާން ކުރެއްވި މިދަތުރުގައި އެންމެ ފާހަގަ ކުރެއްވި ކަންކަމުގެ ތެރޭގައި ރާއްޖޭގެ ޢިލްމުވެރިންގެ ޒުވާންކަން ފާހަގަކޮށް ރާއްޖޭގެ ޒުވާން ޢިލްމުވެރިންގެ ދައުރުފުޅާވެ ހެޔޮ ބަދަލެއް ރާއްޖެއިން ފެނިގެންދާނެކަމަށް އުންމީދު ކުރައްވާ ކަމަށާއި ރާއްޖެގެ ގިނަ ޒުވާނުންނަށް ޢަރަބި ބަސް އެނގޭކަން ޝެއިޚް ފާހަގަ ކުރެއްވިއެވެ. އަދި ރާއްޖޭގައި ދީނީ ކަންކަމަށް ހުންނަ ޖޯޝާއި ފޯރި ފާހަގަކޮށްފައިވެއެވެ. ކުރިއަށް އޮތްތަނުގައިވެސް ރާއްޖެއަށް ޒިޔާރަތްކުރުމުގެ ޝައުގުވެރިކަން ވަރަށް ބޮޑަށް ފާޅު ކުރައްވާފައިވެއެވެ.
ޝެއިޚް ލުޙައިދާން ރާއްޖެއަށް ކުރެއްވި ދަތުރުގައި ރަސްމީ ވުޒާރާތަކާއި ބައްދަލުކޮށްފައިވެއެވެ. އޭގެ ތެރޭގައި އިސްލާމިކް މިނިސްޓްރީ، ފެކަލްޓީ އޮފް އިސްލާމިކް ސްޓަޑީޒް، ކުއްލިއްޔާ، ޢަރަބިއްޔާ ސްކޫލް އަދި ޤުރުއާނާއި ބެހޭ މަރުކަޒު ހިމެނެއެވެ. މީގެ އިތުރުން ގިނަ އަދަދެއްގެ ދިވެހި ޢިލްމުވެރިންނާއި ވަނީ ބައްދަލުކުރައްވާފައެވެ.
ޝެއިޚް ލުޙައިދާން ވަނީ މާލެއާއި ހުޅުމާލެ، ވިލިގިލި އަދި ގުރައިދޫގެ މިސްކިތްތަކުގައި އިމާމްވެ ނަމާދު ކުރައްވާފައެވެ. އޭގެތެރެއިން ބައެއް މިސްކިތްތަކުގައި ދަރުސް ދެއްވާފައެވެ. ޝެއިޚް ލުޙައިދާން ދެއްވި އެންމެ ބޮޑު ދަރުހަކީ ޕީސް ފައުންޑޭޝަނާއި ދިއިސްލާމް ގުޅިގެން ބޭއްވި ދަރުހެވެ. ކުޑަކުދިންނާއި އެކު ޝެއިޚް ލުޙައިދާންގެ ނަމުގައި ކުޑަކުދިންނާއި އެކު ޖަލާލުއްދީން މިސްކިތުގައި ހަރަކާތެއް ބާއްވާފައިވާއިރު ޒުވާނުންނާއި އެކު ޝެއިޚް ލުހައިދާން ވަނީ ހުޅުމާލޭގައި ބާބަކިޔުއެއްގައި ބައިވެރިވެފައެވެ.
ޝެއިޚް ލުޙައިދާން ރާއްޖެ ވަޑައިގެން ހަރަކާތްތެރިވަނީ ދިއިސްލާމް އޮންލައިން ގެ ފަރާތުންނެވެ. ބޭއްވި އިތުރު ހަރަކާތްތަށް ކުރިއަށް ގެންގޮސްފައިވަނީ ޖަމިއްޔާ ޖަމާއަތްތަކާއި ގުޅިގެންނެވެ. އެގޮތުން އެކަންކަން އިންތިޒާމްކޮށް ކުރިއަށް ގެންގޮސްފައިވަނީ ޕީސް ފައުންޑޭޝަން، ސޯލްޖާރސް އޮފް އިސްލާމް، މޯލްޑިވްސް ޔޫތު ލީގް، ހުޅުމާލެ ޒުވާނުން އަދި ކ. ގުރައިދޫގެ ވިޔަފާރިވެރިންނާއި އާންމު ފަރުދުންނެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...