މެލޭޝިޔާގެ ބޯޓު ގެއްލުނު ފަހުން އެތައް ގަޑިއިރެއް ވަންދެން ބޯޓުގެ އޮޓޮމެޓިކް ޓްރާންސްމިޓިން ސިސްޓަމުން މަޢުލޫމާތު ފޮނުވި ކަމަށް އެމެރިކާއިން ހާމަ ކޮށްފިއެވެ.
ނަން ހާމަ ނުކުރުމަށް އެދި މަޢުލޫމާތު ހާމަކުރި އޮފިޝަލަކު ވިދާޅުވީ، ބޯޓު ގެއްލުނުތާ އެތައް ގަޑިއިރެއް ފަހުން ވެސް ބޯޓުގެ އިންޖީނު ތަކުން އޮޓޮމެޓިކް ޓްރާންސްމިޓިން މަޢުލޫމާތު ފޮނުވާފައި ވާކަމަށާއި، މި މަޢުލޫމާތަށް ބަރޯސާ ވާއިރު، ބޯޓުގެ މުވާސަލާތީ ނިޒާމު ތަކާއި ރާޑަރު ތަކަށް އަރާ ވަޞީލަތްތައް ނިއްވާލާފައި ވަނީ ގަސްތުގައި ކަމަށް ބެލެވޭ ކަމަށެވެ.
ގެއްލުނު މެލޭޝިޔާގެ ބޯޓު ރާޑަރު ތަކުން ގެއްލުނުތާ އެތައް އިރެއް ފަހުން ވެސް އެ ބޯޓުގެ މިސްރާބު ބަދަލު ކޮށް ބޯޓު ހުޅަނގަށް ދަތުރު ކޮށްފައި ވާކަމަށް އެމެރިކާގެ އިތުރުން ސިންގަޕޫރުގެ ބައެއް އޮފިޝަލުން ވެސް ވަނީ އެ ޤައުމުގެ މިލިޓަރީ ރާޑަރު ތަކާއި ޙަވާލާދީ ބުނެފައެވެ.
މެލޭޝިޔާގެ އެމްއެޗް 370 މަތިންދާބޯޓު ގެއްލުނުތާ މިއަދަށް ހަތް ދުވަސް ވެފައި ވާއިރު، މި ބޯޓު ހޯދުމުގެ އޮޕަރޭޝަން އިތުރަށް ވަނީ ފުޅާކޮށްފައެވެ.
އެމެރިކާ ސަރުކާރުގެ އޮފިޝަލަކު ހާމަކޮށްފައިވާ މަޢުލޫމާތު ތައް ރަސްމީ އެއްވެސް ފަރާތަކުން އަދި ހާމަ ކޮށްފައި ނުވި ނަމަވެސް އެމެރިކާއިން ވަނީ ގެއްލުނު ބޯޓު ހުޅަނގަށް ދަތުރު ކުރި ކަމަށް ދެކެވޭ ވާހަކަ ތަކަށް ބާރު ލިބޭފަދަ ވާހަކަ ގޮތަކަށް އެ ޤައުމުގެ ބަސްމަގު ބަދަލު ކޮށްފައެވެ.
އެގޮތުން އެ ބޯޓު ހުޅަނގުން އިންޑިޔާ ކަނޑާއި ދިމާއަށް ދުއްވާފައި ވާކަމަށް ބުނެ އެމެރިކާގެ އިސް އޮފިޝަލަކު މީޑިޔާ ތަކަށް މަޢުލޫމާތު ދީފައި ވަނިކޮށް އެމެރިކާއިން ބުނެފައި ވަނީ އެ ޤައުމުން ގެއްލުނު ބޯޓު ހޯދުމުގެ އޮޕަރޭޝަން އިތުރަށް ފުޅާކޮށްފައި ވާކަމަށާއި، ބޯޓު ހޯދުމުގެ މަސައްކަތަށް އިންޑިޔާ ކަނޑަށް އިތުރު އުޅަނދު ފަހަރާއި މަނަވަރު ފަހަރު ފޮނުވަން ނިންމާފައި ވާކަމަށެވެ.
މި ޚަބަރުގެ ލައިވް އަޕްޑޭޓްސް ދިއިސްލާމް ފޭސްބުކް ޕޭޖުން ލިބިވަޑައިގަންނަވާނެއެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...