މެލޭޝިޔާގެ އެމްއެޗް 370 މަތިންދާބޯޓު ގެއްލިގެން ހޯދާތާ 3 ދުވަސް ވީއިރު ވެސް އެ ބޯޓަށް ވީނުވީއެއް އެއްވެސް މީހަކަށް ނޭނގެއެވެ. ބޯޓު ގެއްލުނު ހާދިސާ އާއި ގުޅުވައިގެން ތަފާތު ވާހަކަ ތައް ދެކެވެމުން ދިޔަ ނަމަވެސް ބޯޓު ގެއްލުނީ ކަން ނުވަތަ ވެއްޓުނީކަން އަދިވެސް މިއުޅެނީ ނޭނގިގެންނެވެ.
ގެއްލުނު ބޯޓު ހޯދުމުގައި ދުނިޔޭގެ 19 ޤައުމަކުން މިހާތަނަށް ބައިވެރި ވެފައި ވާއިރު ގެއްލުނު ބޯޓާއި ގުޅޭ ސައްޙަ އެއްވެސް މަޢުލޫމާތެއް މިއިން އެއްވެސް ޤައުމަކަށް ބުނެދޭން ނޭނގުމަކީ އަޖާއިބުވެ އަންތަރީސް ވާންޖެހޭ ވަރުގެ ކަމެކެވެ. އެހެނީ ތިމަންނާ މެންނަކީ ދުނިޔޭގެ އެންމެ ބާރުގަދަ މީހުންނޭ، ތިމަންނާމެންނަށް ނޭނގި ދުނިޔޭގައި އެއްވެސް ކަމެއް ނުހިނގާނޭ، ތިމަންނާމެނީ ދުނިޔޭގައި ޓެކްނޮލޮޖީގެ ރޮނގުން އެންމެ ކުރި އަރާފައިވާ މީހުންނޭ ކިޔާ މުޅި ދުނިޔެއަށް އެމީހުންގެ ބޮޑާކަން ދައްކަމުން ދުވި މީހުންނަކީ އެއްވެސް ބައެއް ނޫން ކަން މިއަދު މުޅި ދުނިޔެއަށް މިވަނީ ސާބިތު ވެފައެވެ. މިމީހުންގެ މިހާ މޮޅެތި ޓެކްނޮލޮޖީ ތަކުގެ ބޭނުން ކޮށްގެން ތިން ދުވަސް ވީއިރު މަތިން ދަނިކޮށް ގެއްލުނު ބޯޓެއްގެ އެއްވެސް ޚަބަރެއް ހޯދިފައި ނުވާއިރު، މި މީހުންގެ ޓެކްނޮލޮޖީ ތަކަކީ ދުނިޔެ އެއަށް ބަރޯސާވުން އެކަށީގެންވާ އެއްޗެއްތޯ ނުވަތަ ކިހާ އިތުބާރު ހިފޭ އެއްޗެއްތޯ މިއަދު މިވަނީ ސުވާލު އުފައްދާން ޖެހިފައެވެ.
ގެއްލުނު މެލޭޝިޔާގެ ބޯޓާއި ގުޅޭ ގޮތުން ރަސްމީ އެއްވެސް ފަރާތަކުން މިހާތަނަށް ދުނިޔެ ހިތްހަމަ ޖެހޭފަދަ އެއްވެސް މަޢުލޫމާތެއް ހާމަ ކޮށްފައި ނުވާއިރު، ދުނިޔޭގެ އެންމެ ކުރި އަރާފައިވާ ޤައުމު ތަކުން ގެންދަނީ މި ބޯޓު ހޯދުމުގެ މަސައްކަތުގައި ބައިވެރި ވަމުން ނެވެ. އެގޮތުން މުޅި ދުނިޔޭގައި އެވަރުގެ ބަޔަކު ނެތް ކަމަށް އަމިއްލަ އަށް ދަޢުވާކުރާ އެމެރިކާ އަކީ މިކަމުގައި އެންމެ ބޮޑު ފަލީޙަތަކާއި ކުރިމަތިލާން ޖެހިފައިވާ އެއް ޤައުމަށް ވާއިރު، ގެއްލުނު މަތިންދާބޯޓު ހޯދުމުގައި ވިއެޓްނާމް ކަނޑުގެ ސަރަޙައްދުގައި ޙަރަކާތްތެރިވާ އެމެރިކާގެ ކަނޑުގެ ސިފައިންގެ މަނަވަރު ތަކާއި މިކަން އިތުރަށް ތަޙުޤީޤު ކުރުމަށް މެލޭޝިޔާއަށް ފޮނުވާފައިވާ އެމެރިކާގެ އެފްބީ އައިގެ މަތީފެންވަރުގެ ޓީމަށް ވެސް ވަނީ މި ޙާދިސާއާއި ގުޅޭ އެއްވެސް މަޢުލޫމާތެއް ހޯދުމުގައި ތިން ދުވަސް ފާއިތުވީއިރު ވެސް ނާކާމިޔާބާއި ކުރިމަތިލާން ޖެހިފައެވެ. އެހެން ކަމުން އެމެރިކާގެ ފެންވަރު ރަނގަޅު ޓެކްނޮލޮޖީ ތަކާއި، މަތީފެންވަރުގެ ތަޙުޤީޤު ޓީމު ތަކަކީ އެމައްޗަށް ދުނިޔެ ބަރޯސާވުން ކިހާ އިތުބާރު ހިފޭ ވަޞީލަތެއްތޯ މުޅި ދުނިޔެ މިއަދު ވިސްނާލަން ޖެހެއެވެ.
އެމެރިކާ އަށް ފަހު ގެއްލުނު މަތިންދާބޯޓު ހޯދުމުގެ ޢަމަލީ މަސައްކަތުގައި އެންމެ ބޮޑު އަދި ބުރަ މަސައްކަތެއް ކުރަމުން ގެންދާ ދުނިޔޭގެ ބޮޑު އަނެއް ބާރު ކަމަށްވާ ޗައިނާ އަށްވެސް ވަނީ މި މަސައްކަތުގައި ވަރަށް ލަދުވެތި ނާކާމިޔާބަކާއި ކުރިމަތި ވެފައެވެ. މި ޙާދިސާގައި ގެއްލުނު އެންމެ ގިނަ ބަޔަކު ނިސްބަތްވާ ޤައުމަކީ ޗައިނާ ކަމަށް ވާއިރު އެ ޤައުމުން ވެސް ވަނީ ސަލާމަތީ އޮޕަރޭޝަނަށް ގިނަ ޢަދަދެއްގެ މަތިންދާބޯޓު ތަކާއި މަނަވަރު ފަހަރު ނެރެފައެވެ. އެހެން ނަމަވެސް ޙާދިސާ އަށް ތިން ދުވަސް ވީއިރު ވެސް ބޯޓު ގެއްލުނު ޙާދިސާ އާއި ގުޅޭ އެއްވެސް މަޢުލޫމާތެއް ހޯދުމުގައި ޗައިނާ ވެސް ވަނީ ފެއިލް ވެފައެވެ.
މި ނޫނަސް ދުނިޔޭގެ ކުރިއަރާފައިވާ 19 ޤައުމަކުން މިހާތަނަށް ފަންސާހަކަށް މަނަވަރާއި ސާޅީހަކަށް މަތިންދާ ބޯޓު ނެރެގެން ގެއްލުނު ބޯޓު ހޯދުމުގެ މަސައްކަތް އިންތިހާ އަށް ފުޅާ ކޮށްފައި ވާއިރު، މި މަސައްކަތުން މިހާތަނަށް ވަނީ އަލިމަގެއް ނުފެނިފައެވެ. އަދި ގެއްލުނު ބޯޓު ވެސް ވަނީ ނުފެނިފައެވެ. އެބޯޓުން ދަތުރު ކުރި މީހަކު ވެސް ވަނީ ނުފެނިފައެވެ. އެހެންކަމުން ޖައްވާއި ފަޒާއާއި ކަނޑާއި އަޑާއި ވަޔާއި އެހެނިހެން މަގު ތަކުން މުޅި ދުނިޔެ އަށް ކަޅި އަޅައި އަބަދާއި އަބަދު ބަލަމުން ޖާސޫސް ކުރަމުން ގެންދާ ޤައުމު ތަކުގެ ފެންވަރު މިއަދު މިވަނީ ދުނިޔެ އަށް ހާމަވެފައެވެ. އެހެން ކަމުން ކުރިމަގުގައި މިވެރިންގެ ޓެކްނޮލޮޖީއަށް ބަރޯސާވެގެން އަމިއްލަ ޤައުމުގެ ސަލާމަތާއި ރައްކާތެރިކަން އޭގެ މައްޗަށް ބިނާ ކޮށްގެން ތިބި ޤައުމު ތަކުން މިކަމާއި މެދު މިއަދު މިވަނީ ފުންކޮށް ވިސްނާލަން ޖެހިފައެވެ.
ގެއްލުނު ބޯޓުގެ މައްސަލާގައި ބޮޑެތި ބާރުތައް ދުނިޔެއަށް ފަލީޙަތްވަނީ!
ކޮމެންޓް (0)
ލޯޑް ކުރަމުން...