އަޅުގަނޑުމެން ނިދަން އޮށޯންނައިރު އާޔަތުލް ކުރުސި ކިޔައިގެން އޮވެއްޖެކަމުގައިވަނީ ނަމަ އަޅުގަނޑުމެންނަށް ﷲ ގެ ޚާއްޞަ ރައްކާތެރިކަމެއް ލިބިގެން ދާނެކަމަށާއި މިއީ އަޅުގަނޑުމެން ދުނިޔޭގައި އުޅޭ އުޅުމުގައި އަޅުގަނޑުމެންނަށް ލިބިގެންދާ ވަރަށްވެސް ބޮޑު ހިތްހަމަ ޖެހުމަކާއި ވަރަށްވެސް ބޮޑު އަމާންކަމެއްކަމަށް އައްޝައިޚް ޢަޡްމަތު ޖަމީލު ވިދާޅުވެއްޖެއެވެ.
ޖަމްޢިއްޔަތުއްސަލަފުގެ "ހަފްތާ ނަޞޭޙަތް" ގެ 54 ވަނަ ޢަދަދުގައި ވާހަކަފުޅު ދައްކަވަމުން ޝައިޚް ޢަޡްމަތު ވިދާޅުވީ އަޅުގަނޑުމެން ނިދަން އޮށޯންނައިރު އާޔަތުލް ކުރުސި ކިޔައިގެން އޮވެއްޖެކަމުގައިވަނީ އެހިނދުން ﷲ ސުބުޙާނަހޫ ވަތަޢާލާ އެކަލާންގެ މަލާއިކަތްބޭކަލުން ކުރެ މަލާއިކަތްބޭކަލަކު އެމީހަކު ބެލެހެއްޓުމަށްޓަކައި ފަތިސްވެއްޖައުމަށް ދާންދެން އެބަ ލައްވާކަމުގައެވެ.
"އަޅުގަނޑުމެން ނިދަން އޮށޯންނަކަމުގައި ވަނީނަމަ އާޔަތުލް ކުރުސި ކިޔައިގެން އޮވެއްޖެކަމުގައިވަނީ ނަމަ އަޅުގަނޑުމެންނަށް ﷲ ގެ ޚާއްޞަ ރައްކާތެރިކަމެއް ލިބިގެން ދާނެ. މިއީ އަޅުގަނޑުމެން ދުނިޔޭގައި އުޅޭ އުޅުމުގައި އަޅުގަނޑުމެންނަށް ލިބިގެންދާ ވަރަށްވެސް ބޮޑު ހިތްހަމަ ޖެހުމެއް. ވަރަށްވެސް ބޮޑު އަމާންކަމެއް. އެއީ އާޔަތުލް ކުރުސި ކިޔުމަށް އަޅުގަނޑުމެން ހޭދަކޮށްލަން ޖެހެނީ ކުޑަކުޑަ ވަގުތު ކޮޅެއް. އެހިނދުން ﷲ ސުބުޙާނަހޫ ވަތަޢާލާ އެކަލާންގެ މަލާއިކަތްބޭކަލުން ކުރެ މަލާއިކަތްބޭކަލަކު އެމީހަކު ބެލެހެއްޓުމަށްޓަކައި ފަތިސްވެއްޖައުމަށް ދާންދެން އެބަ ލައްވާ. ފަތިސްވެއްޖައުމަށް ދާންދެން ޖިންނި ޝައިޠާނެއްގެ އުނދަގުލެއް އެމީހަކަށް ނުފޯރާނެ" ޝައިޚް ވިދާޅުވިއެވެ.
ފަސް މިނެޓްގެ މި ކުރު ނަސޭޙަތުގެ ވީޑިއޯކޮޅު ނިންމާލައްވަމުން ޝައިޚް ޢަޡްމަތު ވިދާޅުވީ އަޅުގަނޑުމެން އަޅުގަނޑުމެންގެ އަމިއްލަ ނަފްސަށް މި ރައްކާތެރިކަން ލިބިގަންނަ ފަދައިން އަޅުގަނޑުމެންގެ ދަރިންނަށާއި އަދި އަޅުގަނޑުމެންގެ ޢާއިލާއަށްވެސް މި ރައްކާތެރިކަން ހޯދައިދޭން މަސައްކަތް ކުރަން އެބަޖެހޭކަމަށެވެ.
"މިއީ އަޅުގަނޑުމެން އަޅުގަނޑުމެންގެ އަމިއްލަ ނަފްސަށް މި ރައްކާތެރިކަން ލިބިގަންނަ ފަދައިން އަޅުގަނޑުމެންގެ ދަރިންނަށާއި އަދި އަޅުގަނޑުމެންގެ ޢާއިލާއަށްވެސް މި ރައްކާތެރިކަން ހޯދައިދޭން މަސައްކަތް ކުރަން އެބަޖެހޭ. އެކުދިންނަށް މިކަންތައްތައް އުނގަންނައިދޭން އެބަޖެހޭ. މިއީ މިދުނިޔެމަތީގައި އަޅުގަނޑުމެން އުފާވެރި، ބާއްޖަވެރި ދިރިއުޅުމެއް އުޅުމަށްޓަކައި ﷲ ސުބުޙާނަހޫ ވަތަޢާލާ އަޅުގަނޑުމެންނަށް ދެއްވާފައިވާ ވަރަށްވެސް މަތިވެރި ފުރުޝަތެއް. މި ފުރުޞަތުގެ ބޭނުން އަޅުގަނޑުމެން ހިފަން ޖެހޭ. ﷲ ގެ ރައްޖާތެރިކަމާއި ޢިނާޔަތާއި އަދި އެކަލާނގެ ޚާއްޞަ ރައްކާތެރިކަން އަޅުގަނޑުމެންނަށް ލިބޭނީ އޭރުން" ޝައިޚް ވިދާޅުވިއެވެ.
"ހަފްތާ ނަޞޭޙަތް" އަކީ ތަފާތު ގިނަ ދީނީ ޢިލްމުވެރިން ހިމަނައިގެން ޖަމްޢިއްޔަތުއްސަލަފުގެ ފަރާތުން ސިލްސިލާކޮށް ކޮންމެ ބުރާސްފަތި ދުވަހަކު ނެރެމުންގެންދާ ކުރު ވީޑިއޯ ނަޞޭޙަތެކެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...