ﷲ ސުބުޙާނަހޫ ވަތަޢާލާގެ ކައުނީ އާޔަތްތަކާއި ދޭތެރޭގައި ވިސްނައި ފިކުރު ކުރުމަކީ ވަރަށް ގިނަ ބަޔަކު އެ އަޅުކަމެއްގެ މަތިން ޣާފިލުވެފައިވާ މުހިއްމު މަތިވެރި އަޅުކަމެއްކަމަށް އައްޝައިޚް ނިމާލް މުޙައްމަދު ވިދާޅުވެއްޖެއެވެ.
ޖަމްޢިއްޔަތުއްސަލަފުގެ "ހަފްތާ ނަޞޭޙަތް" ގެ 53 ވަނަ އެޕިސޯޑުގައި ވާހަކަފުޅު ދައްކަވަމުން ޝައިޚް ނިމާލު ވިދާޅުވެފައިވަނީ، ﷲ ގެ އާޔަތްތަކާއި ދޭތެރޭގައި ވިސްނައި ފިކުރު ކުރުމަށް ކީރިތި ޤުރުއާނުގައި އެތައް ތަނެއްގައި ﷲ ވަޙީ ކުރައްވައި އަންގަވާފައިވާކަމަށާއި އެއީ އަޅުގަނޑުމެން އެކަންކަމާއި ދޭތެރޭގައި ވިސްނައި ފިކުރުކޮށް، އަޅުގަނޑުމެން އޭގެން ޢިބްރަތް ޙާޞިލުކޮށް، އަޅުގަނޑުމެންގެ އީމާންތެރިކަން އިތުރު ކުރުމަށްޓަކައިކަމަށެވެ.
"ﷲގެ އާޔަތްތަކާއިމެދު ފިކުރު ކުރުން" މި މައުޟޫއުގައި ޝައިޚް ނިމާލް އިތުރަށް ވިދާޅުވެފައިވަނީ ﷲ ސުބުޙާނަހޫ ވަތަޢާލާ މިވަނީ އަޅުގަނޑުމެންނަށް އަޅުގަނޑުމެންގެ ވަށައިގެންވާ ކައުނީ އާޔަތްތަކާއިދޭތެރޭގައި ވިސްނައި ފިކުރު ކުރުމަށް އަޅުގަނޑުމެންނަށް އަމުރު ކުރައްވައި އަންގަވާފައިކަމަށާއި މި މަތިވެރި އަޅުކަމަކީ އެ އަޅުކަން އަދާކުރުމުން އަޅުގަނޑުމެންގެ ދަރަޖަ މަތިވެރިވެގެންދާ ކަމެއްކަމަށެވެ.
"އަޅުގަނޑުމެންގެ މާ ކަނޑަށް ވިސްނާލައިފިކަމުގައިވާނަމަ އެއީވެސް ﷲ ސުބުޙާނަހޫ ވަތަޢާލާގެ އާޔަތެއް. އެތަނުގައި ﷲ ސުބުޙާނަހޫ ވަތަޢާލާ އަޅުގަނޑުމެންނަށްޓަކައި ލައްވާފައިވާ ނިޢުމަތްތަކާއި ދޭތެރޭގައި އަޅުގަނޑުމެން ވިސްނާލައިފިކަމުގައިވާނަމަ އަޅުގަނޑުމެންނަށް އޭގެން ޢިބްރަތް ޙާޞިލް ވެގެން ދާނެ. އަޅުގަނޑުމެންގެ ހިތަށް އީމާންތެރިކަން އިތުރުވެގެން ދާނެ. ﷲ ސުބުޙާނަހޫ ވަތަޢާލާ މިވަނީ އަޅުގަނޑުމެންނަށް އަޅުގަނޑުމެންގެ ވަށައިގެންވާ ކައުނީ އާޔަތްތަކާއިދޭތެރޭގައި ވިސްނައި ފިކުރު ކުރުމަށް އަޅުގަނޑުމެންނަށް އަމުރު ކުރައްވައި އަންގަވާފައި. މި މަތިވެރި އަޅުކަމަކީ މިއީ އަޅުގަނޑުމެން އެ އަޅުކަން އަދާކުރުމުން އަޅުގަނޑުމެންގެ ދަރަޖަ މަތިވެރިވެގެންދާ ކަމެއް" ޝައިޚް ނިމާލް ވިދާޅުވެފައިވެއެވެ.
ޖަމްޢިއްޔަތުއްސަލަފުގެ ވެބްސައިޓުގައި ކޮންމެ ބުރާސްފަތި ދުވަހަކު ސިލްސިލާކޮށް ޝާއިޢު ކުރަމުންގެންދާ ކުރު ވީޑިއޯ ނަޞޭޙަތްތަކަކީ ތަފާތު އެތައް ޢިލްމުވެރިންތަކެއްގެ ބައިވެރިވުން ހިމެނިގެން ކުރިއަށްގެންދާ ނަޞޭޙަތުގެ ޕްރޮގްރާމެކެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...