މުސްލިމަކަށްވެ ހުރެ، ޖިންނި އެއީ ﷲ ތަޢާލާ އުފެއްދެވި މަޚުލޫޤެއް ނޫންކަމާއި ޖިންނިއަކީ އުޅޭ އެއްޗެއް ނޫންކަމަށް ޤަބޫލު ކުރާކަމަށްވަންޏާ އޭގެ މާނައަކީ އެއީ އެމީހަކު ކީރިތި ޤުރުއާނަށް އީމާން ނުވުންކަމަށާއި އެމީހަކީ ކީރިތި ޤުރުއާނުގެ ޞަރީޙަ ނައްސަށް ކާފަރުވާ މީހެއްކަމަށް އައްޝައިޚް އަޙްމަދު ސަމީރު ބިން އިބްރާހީމް ވިދާޅުވެއްޖެއެވެ.
ސަންޓީވީ ޕްލަސް އިން ރޭ ގެނެސްދިން "ޢިލްމީ ޚަޒާނާ" ގެ 241 ވަނަ ޕްރޮގްރާމުގައި "ޖިންނި ޝައިޠާނުންގެ ކިބައިން ރައްކާތެރިވުން" މި މައުޟޫއަށް ވާހަކަފުޅު ދައްކަވަމުން ޝައިޚް ސަމީރު ވިދާޅުވީ ކީރިތި ޤުރުއާނުގެ އެތައް އާޔަތެއްގައި ޖިންނީންގެ ވާހަކަ ﷲ ތަޢާލާ ބަޔާންކޮށްދެއްވާފައިވާކަމަށާއި ޤުރުއާނުގެ ޞަރީޙަ ނައްސުން މިކަން ސާބިތު ކޮށްދޭ ކަމަށެވެ.
"އިސްލާމީ ޢަޤީދާގެ މައިގަނޑު އަސާސް ބިނާވެފައިމިވަނީ ޣައިބު ޤަބޫލު ކުރުމުގެ މައްޗަށް. ޣައިބު ޤަބޫލު ނުކުރާ މީހަކަށް އީމާނެއް ނުވެވޭނެ. އެހެންވީމައި ޖިންނިއަކީ ވެސް ﷲ ސުބުޙާނަހޫ ވަތަޢާލާ އޭގެ ޚަބަރު އެކަލާނގެ ފޮތުގައި ދެއްވާފައިވާ، އަޅުގަނޑުމެންގެ ލޯމައްޗަށް ނުފެންނަ، ޣައިބުގެތެރޭގައި ހިމެނޭ ކަންތައްތަކެއް އޭގައި މި ހިނގަނީ. ޤުރުއާނުގެ ޞަރީޙަ ނައްސުން ފެންނާން ހުރި ޙުކުމްތަކެއް ޖިންނީންގެ ވާހަކައަކީ. އެއީ ﷲ ސުބުޙާނަހޫ ވަތަޢާލާ އުފެއްފެވި ބައެއްކަމާއި، އެއީ އުޅޭ ބައެއްކަމާއި، އެމީހުންގެ ޙަރަކާތްތަކާއި މިކަންތައްތަކަކީ ﷲ ސުބުޙާނަހޫ ވަތަޢާލާ ވަނީ ބަޔާން ކުރައްވާފައި" ޝައިޚް ސަމީރު ވިދާޅުވިއެވެ.
ރޭގެ ޕްރޮގްރާމުގައި ޝައިޚް ސަމީރުގެ އިތުރުން އައްޝައިޚް މުޙައްމަދު ސިނާން ވެސް ބައިވެރިވެވަޑައިގަތެވެ. ޝައިޚް ސިނާންގެ ވާހަކަފުޅުގައި ވިދާޅުވީ ޖިންނިއަކީ ވުޖޫދުގައި ވާއެއްޗެއްކަން ކީރިތި ޤުރުއާނުގެ އިތުރުން ރަސޫލާ صلى الله عليه وسلم ގެ ސުންނަތުންވެސް އެނގޭކަމަށެވެ.
ޢިލްމީ ޚަޒާނާ ޕްރޮގްރާމަކީ ޖަމްޢިއްޔަތުއްސަލަފާއި ސަންޓީވީ ޕްލަސް ގުޅިގެން ކޮންމެ ހޯމަ ދުވަހެއްގެ ރޭ 10 އިން 11 އަށް ގެނެސްދޭ ލައިވް ޕްރޮގްރާމެކެވެ. މި ޕްރޮގްރާމް ހުށައަޅައިދެއްވަނީ އަލް އަޚް ޢަލީ ރަމީޒު އެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...