ޒުވާނުން ރިހެބިލިޓޭޓްކޮށް ބޭނުންތެރި ބަޔަކަށް ހެދުމަށް ފުލުހުންނާއި އެންޑީއޭ އިން މަޝްވަރާކޮށްފިއެވެ.
މިކަން ކަށަވަރު ކޮށްދެމުން ފުލުސް އޮފީހުން ބުނީ މަސްތުވާތަކެތީގެ އަވާގައި ޖެހިފައިތިބި ޒުވާނުން ރިހެބިލިޓޭޓްކޮށް މުޖުތަމަޢުއަށް ބޭނުންތެރި ބަޔަކަށް ހެދުމަށްޓަކައި ފުލުހުންނާއި ނޭޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ) ގުޅިގެން ކުރެވިދާނެ މަސައްކަތްތަކާ ބެހޭގޮތުން މަޝްވަރާ ކޮށްފައި ވާކަމަށެވެ.
ފުލުހުންނާ އެންޑީއޭ ގުޅިގެން ކުރިވިދާނެ މަސައްކަތްތަކާ ބެހޭގޮތުން މަޝްވަރާކޮށްފައިވަނީ އިއްޔެ ޝަހީދު ޙުސައިން އާދަމް ބިލްޑިންގގައި އެންޑީއޭގެ ސީއީއޯ ރިޓަޔަރޑް ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު މުނީރާއި ކޮމިޝަނަރ އޮފް ޕޮލިސް ޙުސައިން ވަޙީދާއެކު ބޭއްވި ބައްދަލުވުމުގައެވެ.
މި ބައްދަލުވުމުގައި އެންޑީއޭގެ ސީއީއޯ ދެއްކެވި ވާހަކަފުޅުގައި އެ އެޖެންސީގެ މަސައްކަތްތައް ރޭވުންތެރިކަމާއެކު ކުރިއަށްގެންދަވާކަމަށާއި މިހާރު ހުރި ރިހެބިލިޓޭޝަން ޕްރޮގްރާމްތައް ރިވައިޒްކޮށް ނަތީޖާ ނެރެވޭނެ ޕްރޮގްރާމްތަކަކަށް ހަދަންޖެހިފައިވާކަން ފާހަގަކުރެއްވިއެވެ. އަދި ބަޖެޓްގެ ދަތިކަން ހުރިނަމަވެސް މިއަދުގެ ސަރުކާރުން ކަންކަން އިސްލާޙްކޮށް ރަނގަޅަށް ހިންގުމުގެ ވިސްނުން ހުރުމުގެ ސަބަބުން މަސައްކަތްތައް ވަރަށް ބާރަށް ކުރިއަށް ގެންދޭވެނެކަމުގެ ޔަޤީންކަން އޮތްކަމަށްވެސް ވިދާޅުވިއެވެ. މީގެއިތުރުން އެންޑީއޭގެ ހިންގުން ހަރުދަނާކުރުމަށްޓަކައި ފުލުހުންގެ އެހީތެރިކަމާއި އެއްބާރުލުން ވަރަށް ރަނގަޅަށް ބޭނުންވާކަމަށާއި ފުލުހުންނާއި އެންޑީއޭ ގުޅިގެން ކުރެވިދާނެ އިތުރު މަސައްކަތްތަކާއި ބެހޭގޮތުން ވަނީ މަޝްވަރާކޮށްފައެވެ.
މި ބައްދަލުވުމުގައި ކޮމިޝަނަރ އޮފް ޕޮލިސް ޙުސައިން ވަޙީދު ދެއްކެވި ވާހަކަފުޅުގައި އެންޑީއޭއަށް ފުލުހުންގެ ފަރާތުން ފުރިހަމަ އެއްބާރުލުމާއި އެހީތެރިކަން ދެއްވާނެކަމުގެ ޔަޤީން ދެއްވިއެވެ. އަދި ފުލުހުން އަބަދުވެސް ޒުވާނުންނަށް ހެޔޮގޮތްވުމަށް އެދޭކަމަށާއި ޒުވާނުންނަކީ ޤައުމަށް ބޭނުންތެރިބަޔަކަށް ހެދުމަށް މަސައްކަތްތަކެއް ކުރަމުންދާކަމަށް ވިދާޅުވިއެވެ. މީގެއިތުރުންވެސް ރިހިބިލިޓޭޓް ވެގެން އަންނަ ޒުވާނުންނަށް ވަޒީފާގެ ފުރުސަތުތައް ހޯދައިދިނުމުގެ މުހިއްމުކަމުގެ މައްޗަށް ބައްލަވާލައްވައި މަޝްވަރާކޮށްފައިވެއެވެ.
މި ބައްދަލުވުމުގައި ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު ސައުދީއާއި އެސިސްޓެންޓް ކޮމިޝަނަރ ޙަސަން ހަބީބް ބައިވެރިވެވަޑައިގެންނެވިއެވެ.
ޒުވާނުން ރިހެބިލިޓޭޓްކޮށް ބޭނުންތެރި ބަޔަކަށް ހެދުމަށް ފުލުހުންނާއި އެންޑީއޭ އިން މަޝްވަރާކޮށްފި
ކޮމެންޓް (0)
ލޯޑް ކުރަމުން...