ތަފާތު 5 މައްސަލައަކާ ގުޅިގެން މީހަކު 15 އަހަރަށް ޖަލަށްލުމަށް ތިލަދުންމަތީ ދެކުނުބުރީ ކުޅުދުއްފުށި މެޖިސްޓްރޭޓް ކޯޓުން ޙުކުމް ކޮށްފިއެވެ.
ތިލަދުންމަތީ ދެކުނުބުރީ ކުޅުދުއްފުށި މެޖިސްޓްރޭޓް ކޯޓުން 15 އަހަރު ދުވަހުގެ މުއްދަތަށް ޖަލަށްލުމަށް ޙުކުމް ކޮށްފައިވަނީ ހދ.ކުޅުދުއްފުށި ދިލާސާގެ ޢަބްދުﷲ ޢަލީ (24އ) ގެ މައްޗަށެވެ.
ޢަބްދުﷲ ޢަލީ މައްޗަށް ކޮށްފައިވާ ހުކުމްތަކުގެ ތެރެއިން މި ފެބްރުއަރީ މަހުގެ 04 ވަނަ ދުވަހު ތިލަދުންމަތީ ދެކުނުބުރީ ކުޅުދުއްފުށި މެޖިސްޓްރޭޓް ކޯޓުން އޭނާގެ މައްޗަށް 3 އަހަރު ދުވަހުގެ މުއްދަތަށް ޖަލަށްލުމަށް ހުކުމްކޮށްފައިވާއިރު އޭނާ 3 އަހަރު ދުވަހުގެ މުއްދަތަށް ޖަލަށްލުމަށް ޙުކުމް ކޮށްފައިވަނީ 2013 އޭޕްރީލް 08 ވަނަ ދުވަހުގެ 12:45 ހާއިރު ކުޅުދުއްފުށީ ގެއަކުން ޗައިނީސް ޕީއީއެލް ބްރޭންޑްގެ ފޯނެއް ވަގަށްނަގައި ކުޅުދުއްފުށީ މީހަކަށް ވިއްކާފައިވާކަން ޝަރީއަތުގެ މަޖިލީހުގައި ޢަބްދުﷲ ޢަލީ އިޢުތިރާފްވެފައިވާތީއެވެ. އަދި މިކުށުގެ އުޤޫބާތެއްގެ ގޮތުން ޤާނޫނުލް ޢުޤޫބާތުގެ 131 ވަނަ މާއްދާގެ (ހ)ގެ ދަށުން ޢަބްދުﷲ ޢަލީ 03 އަހަރު ދުވަހުގެ މުއްދަތަށް ޢަބްދުﷲ ޢަލީ ޖަލަށްލުމަށް ތިލަދުންމަތީ ދެކުނުބުރީ ކުޅުދުއްފުށި މެޖިސްޓްރޭޓް ކޯޓުން އިއްވި ހުކުމްގައިވެއެވެ.
މި ޙުކުމްގެ އިތުރުން މި މަހުގެ 13 ވަނަ ދުވަހު ތިލަދުންމަތީ ދެކުނުބުރީ ކުޅުދުއްފުށި މެޖިސްޓްރޭޓް ކޯޓުން ވަނީ ތަފާތު 4 މައްސަލައަކާއި ގުޅިގެން 12 އަހަރުގެ މުއްދަތަށް ޢަބްދުﷲ ޢަލީ ޖަލަށްލުމަށް ޙުކުމް ކޮށްފައެވެ.
އެގޮތުން ޢަބްދުﷲ ޢަލީގެ މައްޗަށް ކޮށްފައިވާ ހުކުމްތަކުގެ ތެރޭގައި 2013 ފެބްރުއަރީ 28 ވަނަ ދުވަހުގެ 21:45 ހާއިރު ޢަބްދުﷲ ޢަލީއާއި އޭނާގެ އެއްބަނޑު އެއްބަފާ ދައްތަ އާއި ދެމެދު ހިންގި ހަމަނުޖެހުމެއްގައި ޢަބްދުﷲ ޢަލީގެ ފައިން އޭނާގެ ދައްތަގެ ބޮލުގައި ޖަހާ މާރާމާރީ ހިންގާފައިވާކަން އޭނާގެ އަމިއްލަ އިޢްތިރާފުން ޝަރީޢަތަށް ސާބިތުވެފައިވާތީ، މިކުށުގެ އަދަބެއްގެ ގޮތުން ޤާނޫނުލްޢުޤޫބާތުގެ 126 ވަނަ މާއްދާގެ ދަށުން ޢަބްދުﷲ ޢަލީ 06 މަސް ދުވަހުގެ މުއްދަތަށް ޖަލަށްލުމަށް ވަނީ ހުކުމްކޮށްފައެވެ.
މީގެ އިތުރުން 2012 އޭޕްރީލް 17 ވަނަ ދުވަހު، ހދ.ކުޅުދުއްފުށިގައި ބިދޭސީއަކު ދިރިއުޅެމުން ދިޔަ ތަނަަކުން ނޮކިޔާ އީ 63 ބްރޭންޑްގެ ފޯނެއް ޢަބްދުﷲ ޢަލީ ވަގަށް ނަގާފައިވާކަން އޭނާގެ އިޢުތިރާފުން ޝަރީޢަތަށް ސަބިތުވެފައިވާތީ މިކުށުގެ ޢުޤޫބާތެއްގެ ގޮތުން ޤާނޫނުލްޢުޤޫބާތުގެ 131 ވަނަ މާއްދާގެ (ހ) ގެ ދަށުން ޢަބްދުﷲ ޢަލީ 05 އަހަރު ދުވަހުގެ މުއްދަތަށް ޖަލަށްލުމަށް ވަނީ ހުކުމްކޮށްފައެވެ .
2012 އޭޕްރީލް 30 ވަނަ ދުވަހުގެ 15:30 ހާއިރު ހދ.ކުޅުދުއްފުށީ ގެއެއްގެ ސިޓިންގްރޫމްގައި އޮތް ސެމްސަންގް ބްރޭންޑްގެ ފޯނެއް ވަގަށް ނަގާފައިވާކަން ހެކިބަސް ދިން ދެ ހެކިވެރިންގެ ހެކިބަހުން ޝަރީޢަތަށް ސާބިތުވާތީ މިކުށުގެ ޢުޤޫބާތެއްގެ ގޮތުން ޤާނޫނުލްޢުޤޫބާތުގެ 131 ވަނަ މާއްދާގެ (ހ) ގެ ދަށުން ޢަބްދުﷲ ޢަލީ 04 އަހަރުގެ މުއްދަތަށް ޖަލަށްލުމަށް ހުކުމް ކުރުމާއެކު ޢަބްދުﷲ ޢަލީ މި ވައްކަން ކޮށްފައިވަނީ މީހުން ދިރިއުޅޭ ގޯތި ގެދޮރުންކަމަށް ވާތީ ޤާނޫނުލް ޢުޤޫބާތުގެ 138 ވަނަ މާއްދާގެ ދަށުން 02 އަހަރު ދުވަހުގެ މުއްދަތަށް ޢަބްދުﷲ ޢަލީ ޖަލަށްލުމަށް ތިލަދުންމަތީ ދެކުނުބުރީ ކުޅުދުއްފުށި މެޖިސްޓްރޭޓް ކޯޓުން ވަނީ ޙުކުމް ކޮށްފައެވެ.
ޢަބްދުﷲ ޢަލީގެ މައްޗަށް ކޮށްފައިވާ މި ޙުކުމް ތަކުގެ އިތުރުން 2013 ޖޫން 23 ވަނަ ދުވަހުގެ 00:30 ހާއިރު ހދ.ކުޅުދުއްފުށީ ގެއަކަށް އެގޭގެ ވެރިންގެ ހުއްދަ ނެތި ވަދެފައިވާކަން ޝަރީޢަތަށް ސާބިތުވާތީ ޢަމުރަށް ނުކިޔަމަންތެރިވުމުގެ ކުށުން ޢަބްދުﷲ ޢަލީ ކުއްވެރިވެއްޖެކަމަށް ކަނޑައަޅައި، މިކުށުގެ ޢުޤޫބާތެއްގެ ގޮތުން ޤާނޫނުލް ޢުޤޫބާތުގެ 88 ވަނަ މާއްދާގެ (ހ)ގެ ދަށުން ޢަބްދުﷲ ޢަލީ 06 މަސް ދުވަހުގެ މުއްދަތަށް ޖަލަށްލުމަށް ތިލަދުންމަތީ ދެކުނުބުރީ ކުޅުދުއްފުށި މެޖިސްޓްރޭޓް ކޯޓުން ވަނީ ޙުކުމް ކޮށްފައެވެ.
ތަފާތު 5 މައްސަލައަކާ ގުޅިގެން 15 އަހަރަށް ޖަލަށް ލުމަށް ޙުކުމް ކޮށްފި
ކޮމެންޓް (0)
ލޯޑް ކުރަމުން...