.ކެބިނެޓް މެންބަރުންގެ ޓީމުން އެމްއެންޑީއެފް އޮފިސަރުން 7 - 6 އިން ބަލިކޮށްފިއެވެ
ވާނުން ދުޅަހެޔޮ ޞިއްޙަތެއްގައި ބޭތިއްބުމަށާއި، ކުޅިވަރުގެ ދާއިރާއިން އިތުރު ފުރުޞަތުތަކެއް ތަނަވަސް ކޮށްދިނުމަށް ޓަކައި "ޔުނިޓީ ތުރޫ ފުޓްސަލް" ޕްރޮގްރާމްގެ ދަށުން ރާއްޖޭގައި ހެދި ތިންވަނަ ފުޓްސަލް ދަނޑު މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސްއާއި ރަސްމީކޮށް ރޭ ހަވާލުކޮށްފިއެވެ.
މިކަމަށްޓަކައި ވިލިމާލޭ ފުޓްސަލް ދަނޑުގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީވެރިޔާ ޢަބްދުﷲ ޔާމިން ޢަބްދުލް ޤައްޔޫމެވެ.
ވިލިމާލެ މުޙިއްޔުއްދީން ސްކޫލް ކައިރީގައި ހަދާފައިވާ ފުޓްސަލް ދަނޑު މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯރޓްސްއާއި ރަސްމީކޮށް ހަވާލު ކޮށްދެއްވާފައިވަނީ ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަހުމަދު ޝިޔާމާއި، އެސް.ޓީ.އޯގެ މެނޭޖިންގ ޑިރެކްޓަރ އާދަމް އާޒިމެވެ. ޔޫތު މިނިސްޓްރީގެ ފަރާތުން އެދަނޑު، އެ މިނިސްޓްރީއާއި ހަވާލުކުރިކަމުގެ ލިޔުން ހަވާލުވެވަޑައިގަތީ މިނިސްޓަރ އޮފް ޔޫތު އެންޑް ސްޕޯރޓްސް މުޙައްމަދު މަލީހު ޖަމާލެވެ.
މިރަސްމިއްޔާތުގައި މިނިސްޓަރ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީ ކާނަލް (ރިޓަޔަރޑް) މުޙައްމަދު ނާޒިމާއި މިނިސްޓަރ އޮފް ޔޫތު އެންޑް ސްޕޯޓްސްވަނީ ވާހަކަފުޅުދައްކަވާފައެވެ.
ޔޫތު މިނިސްޓްރީއާއި ދަނޑު ހަވާލު ކުރުމަށް ބޭއްވި ރަސްމިއްޔާތަށްފަހު އެމްއެންޑީއެފްގެ އޮފިސަރުންގެ ޓީމަކާއި ކެބިނެޓް މެމްބަރުންގެ ޓީމަކާއިމެދުވަނީ ފުޓްބޯޅަ މެޗެއްކުޅެފައެވެ. މިމެޗުގައި ކެބިނެޓް މެމްބަރުންގެ ޓީމުގައި ހިމެނިވަޑައިގެން ސިފައިންގެ އެންމެ މަތީވެރިޔާ އަދި ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމިން ޢަބްދުލްޤައްޔޫމު ވަނީ ކުޅުއްވާފައެވެ.
މިމެޗް 6 ލަނޑު 7 ލަނޑުން ކާމިޔާބުކޮށްފައިވަނީ ކެބިނެޓް މެމްބަރުންގެ ޓީމެވެ. މި މެޗު ނިމުމުން މޮޅުވި ޓީމަށް ޓްރޮފީ ހަވާލުކޮށްދެއްވީ ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަހުމަދު ޝިޔާމެވެ. އަދި މޭން އޮފް ދަ މެޗްގެ މަޤާމަށް ހޮވުނު ފަރާތަށް އިނާމު ހަވާލުކޮށްދެއްވީ އެސް.ޓީ.އޯގެ މެނޭޖިންގ ޑިރެކްޓަރ އާދަމް އާޒިމެވެ. މި މެޗްގެ މޭން އޮފް ދަ މެޗަކަށް ހޮވިފައިވަނީ މިނިސްޓަރ އޮފް ހޯމް އެފެއާރޒް ޢުމަރު ނާޞީރެވެ.
ޔޫތު މިނިސްޓްރީއާއި މިދަނޑު ރަސްމީކޮށް ހަވާލު ކުރުމުން މިދަނޑާއިބެހޭ ހުރިހާ ކަމެއް ބަލަހައްޓާނީ މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސްއިންނެވެ. މިފުޓްސަލް ދަނޑު ހަދާފައިވަނީ ޑިފެންސް މިނިސްޓްރީއާއި ޔޫތު މިނިސްޓްރީއާއި ސިފައިންނާއި އެސްޓީއޯ އަދި އެފްއޭއެމް ގުޅިގެންނެވެ.
މި ދަނޑު ހެދުމުގެ ޢަމަލީ މަސައްކަތް ކޮށްފައިވަނީ ސިފައިންނެވެ. މިޕްރޮޖެކްޓަކީ ޒުވާނުން ހަރުދަނާ ގޮތެއްގައި ވަގުތު ހޭދަކުރުމުގެ ގޮތުންނާއި ކުޅިވަރު ކުޅުމުގެ ފުރުޞަތު ތަނަވަސް ކުރުމުގެ ގޮތުން ހިންގަމުންދާ ޕްރޮޖެކްޓެކެވެ.
ވިލިމާލޭގައި ހަދާފައިވާ ފުޓްސަލް ދަނޑަކީ ރައީސުލް ޖުމްހޫރިއްޔާގެ ރިޔާސީ އާ ދައުރުގެ ފުރަތަމަ ސަތޭކަ ދުވަހު މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްއިން ކަނޑައަޅާފައިވާ ލަނޑުދަނޑިތަކުގެ ތެރޭގައި ހިމެނޭ އެމްއެންޑީއެފްގެ ފަރާތުން އިޖްތިމާޢީ ޚިދުމަތެއްގެ ގޮތުގައި ކޮށްދިނުމަށް ނިންމަވާފައިވާ މަސައްކަތްތަކުގެ ތެރެއިން ޑިފެންސް މިނިސްޓަރ އިޢުލާނުކުރައްވާފައިވާ ކަންތައްތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...