އިސްލާމްދީނުގެ އަދާވާތްތެރިންގެ މަޤްޞަދަކީ، އެމީހުން ކުރަމުން ގެންދާ މަސައްކަތަކީ އިސްލާމީ ޢިލްމު ލިބޭ ދޮރުތައް ބަންދުކުރުން ކަމުގައި އައްޝައިޚް އާދަމް ޝަމީމް ވިދާޅުވެއްޖެއެވެ.
"އުއްމަތަށްޓަކައި ކަރުނައެއް 2 " ނަމުގައި އަލް އަޞްރުގެ ފަރާތުން ބުދަ ދުވަހުގެރޭ ދަރުބާރުގޭގައި ބޭއްވި ދަރުސްގައި ވާހަކަފުޅު ދައްކަވަމުން ޝައިޚް ޝަމީމް ވިދާޅުވީ އިސްލާމް ދީނާމެދު ހިތުގައި ޢަދާވާތްތެރިކަން އޮންނަ މީހުންގެ މަޤްޞަދަކީ ޢަރަބި އިސްލާމީ ތަޢުލީމް ލިބޭ ތަންތަން ނައްތާލާ މީސްތަކުން އިސްލާމް ދީނާ ދުރުކުރުން ކަމަށެވެ.
ޝައިޚް ޝަމީމް ވިދާޅުވީ ސޫރިޔާގެ ހާލުގައި ޖެހިފައިތިބި މުސްލިމުން ދިރިއުޅެމުންގެންދާ ރެފިއުޖީ ކޭމްޕްތަކުގައިވެސް ދަތިތަކާއެކުވެސް އިސްލާމީ ތައުލީމް އުނގަންނައި ދެމުން ގެންދާ ކަމަށާއި އެހާލުގައި ކިޔަވައިދެމުން ގެންދާއިރުވެސް އެމީހުން ކިޔަވައިދެމުން ގެންދަނީ ދެޖިންސް ވަކިކޮށްގެން ކަމަށެވެ. ނަމަވެސް އަޅުގަނޑުމެންނަށް ސްކޫލްތައް ހިންގަން ތަނަވަސް ޢިމާރާތްތައް ލިބިފައިވާއިރުވެސް، އަޅުގަނޑުމެންނަށް މިއުޅެނީ ދެޖިންސް ވަކިން ކިޔަވައި ނުދެވިގެންކަމުގައި ޝައިޚް ވިދާޅުވިއެވެ.
ޝައިޚް އިތުރަށް ވިދާޅުވީ މިރާއްޖޭގައިވެސް ﷲ ސުބްހާނަހޫ ވަތަޢާލާގެ ޝަރީޢަތާ ދެކޮޅަށް ފާޅުގައި ގޮންޖަހާ މީހުން އުޅޭކަމަށެވެ.
ޝައިޚް ޝަމީމްވަނީ ދާދިފަހުން ސޫރިޔާގެ ރައްޔިތުނަށް އެހީގެ ތަކެތި ހަވާލުކުރުމަށް ތުރުކީ އަދި ސޫރިޔާއަށް ދަތުރެއް ކޮށްފައެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...