ވަގަށް ނަގާފައިވާ ތިޖޫރިއެއް ހޯދައި 2 މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނީ މިކަމާއި ގުޅިގެން އދ. ދަނގެތި ސިއްޙީ މަރުކަޒުގެ ތިޖޫރި ވަގަށް ނަގާފައިވާކަން އެނގުނުތާ ދޮޅުގަޑި އެއްހާއިރު ތެރޭ ތިޖޫރި ހޯދައި، އެ މައްސަލައާ ގުޅިގެން 2 މީހަކު ހައްޔަރު ކޮށްފައި ވާކަމަށެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ 33 އަހަރުގެ ފިރިހެނަކާއި 26 އަހަރުގެ ފިހެނެކެވެ. މި އެންމެންނަކީވެސް ދިވެހިންނެވެ.
މި މީހުން ހައްޔަރުކޮށްފައިވަނީ 2014 ފެބްރުއަރީ 14 ވަނަ ދުވަހުގެ ދަންވަރު 0130 ހާއިރު ދަނގެތި ސިއްޙީ މަރުކަޒުގެ ތިޖޫރި ވަގަށް ނަގާފައިވާ މައްސަލައާ ގުޅިގެން ހަމަ އެދުވަހު ހަވީރުގެ ވަގުތެއްގައި ކޯޓު އަމުރެއްގެ ދަށުންނެވެ.
ސިއްޙީ މަރުކަޒުގެ ތިޖޫރި ވަގަށް ނަގާފައިވާކަން އެނގިފައިވަނީ އެވަގުތު ރަށުތެރެ ޕެޓްރޯލް ކުރަމުންދިޔަ ފުލުހުންނަށް ދަނގެތި ސިއްޙީ މަރުކަޒުގެ ކުޑަދޮރެއް ހުޅުވާފައިހުރިކަން ފާހަގަ ކުރެވިގެން ބެލި ބެލުމުންނެވެ. މި ވައްކަމުގެ މައްސަލަ ތަޙުޤީޤު ކުރަންފެށިތާ ދޮޅު ގަޑިއެއްހާއިރު ތެރޭ ފުލުހުންގެ ތަޙުޤީޤު ޓީމުންވަނީ އެ ތިޖޫރި އެރަށު ފަޅު ގެއެއްގައި އެއްލާލައިފާ އޮއްވާ ހޯދާފައެވެ. ތިޖޫރި ފެނުނު އިރު ތިޖޫރީގައިހުރި ފައިސާއާއި ތަކެތި ހަމައަށް ހުއްޓެވެ.
މި މައްސަލަ އދ. ދަނގެތި ޕޮލިސް ސްޓޭޝަނުން ދަނީ ތަޙުޤީޤު ކުރަމުންނެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...