ލ. އިސްދޫއަށް މަސްތުވާތަކެތި އެތެރެކޮށް އެތަކެތީގެ ވިޔަފާރި ކުރާ ކަމަށް ތުހުމަތު ކުރެވޭ މީހަކު ފުލުހުން ހައްޔަރު ކޮށްފިއެވެ.
މި މައްސަލާގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައި ވަނީ 22 އަހަރުގެ ފިރިހެނެއް ކަމަށާއި، އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ މާލެއިން އިސްދޫއަށް އަންނަ ބޯޓަކުން މަސްތުވާތަކެތި އެތެރެކުރާކަމަށް އިސްދޫ ޕޮޮލިސް ސްޓޭޝަނަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން މިއަދު އިސްދޫއިން ކަމަށް ފުލުހުން މަޢުލޫމާތު ދީފައި ވެއެވެ.
ފުލުހުން ކުރަމުންދިޔަ މަސައްކަތުން އޭނާ އަތުލައި ގެންފައިވަނީ އިސްދޫއަށް އައި ބޯޓަށް އެރުމަށްފަހު އެ ބޯޓުން ފައިބައިގެން ގޮސް ސައިކަލަކަށް އަރާ ނައްޓާލި ފަހުން ކަމަށާއި، އޭނާ ހުއްޓުވި ވަގުތު އޭނާގެ އަތުގައި އޮތް ފިލްމް ހުސްކުރި ދަޅެއް އެއްލާލާފައި ވާކަމަށް ފުލުހުން މަޢުލޫމާތު ދީފައި ވެއެވެ.
ރަތްކުލައިގެ އިންސުލޭޝަން ޓޭޕް އޮޅާފައިވާ މި ދަޅު ފުލުހުން ނަގައި ބަލައި ފާސްކުރުމުން އެދަޅުގައި މަސްތުވާ ތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރިއިރު މަސްތުވާ ތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ސެލޯފިން ކޮޅެއްވެސް އޭނާގެ އަތުން ފެނިފައި ވާކަމަށް ފުލުހުން މަޢުލޫމާތު ދީފައި ވެއެވެ.
މި މައްސަލަ ލ. އިސްދޫ ޕޮލިސް ސްޓޭޝަނުން އިތުރަށް ތަހުޤީޤު ކުރަމުން ގެންދާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
އިސްދުއަށް މަސްތުވާ ތަކެތި އެތެރެކޮށް އޭގެ ވިޔަފާރި ކުރާ މީހަކު ހައްޔަރު ކޮށްފި
ކޮމެންޓް (0)
ލޯޑް ކުރަމުން...