ރާއްޖޭގެ ޚަބަރު މި ސަރުކާރުން ޢަރަބި އިސްލާމީ ތައުލީމް މުޅިޤައުމަށް ފަތުރާ ރަނގަޅު ޖީލެއް އުފައްދާނެ: ނައިބު ރައީސް

މި ސަރުކާރުން ޢަރަބި އިސްލާމީ ތައުލީމް މުޅިޤައުމަށް ފަތުރާ ރަނގަޅު ޖީލެއް އުފައްދާނެ: ނައިބު ރައީސް

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

މިއަދުގެ ސަރުކާރަކީ އިސްލާމީ ތަޢުލީމަށް ޚާއްޞަ ސަމާލުކަމެއްދޭނެ އަދި ‏‏ކީރިތި ޤުރްއާނުގެ ތަޢުލީމު މުޅި ރާއްޖޭގައި ޢާންމު ކުރުމަށްޓަކައި ކުރެވެންހުރި ހުރިހާ ‏‏މަސައްކަތްތަކެއް ކުރާނެ ސަރުކާރެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޑރ މުޙަންމަދު ‏‏ޖަމީލް އަޙްމަދު ވިދާޅުވެއްޖެއެވެ.
ރައީސުލް ޖުމްހޫރިއްޔާގެ ނައިބު މިހެން ވިދާޅުވީ، ރާއްޖޭގެ ‏‏ސްކޫލްތަކުގައި ޢަރަބިބަސް ކިޔަވައިދިނުން ފެށުމަށްޓަކައި މިއަދު ހަވީރު ހިރިޔާ ސްކޫލްގައި ‏‏ބޭއްވެވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޑރ ޖަމީލް ވިދާޅުވީ، މިއަދުގެ ސަރުކާރަކީ ރާއްޖޭގައި ‏‏ޢަރަބި ތަޢުލީމު ޢާންމުކުރާނެ ސަރުކާރެއް ކަމަށާއި، ކޮންމެ ދަރިވަރަކީވެސް ރިވެތި އަޚްލާޤެއްގެ ‏‏ތެރެއިން ތަރުބިއްޔަތުވެގެން ނިކުންނަ ދަރިވަރަކަށް ހެދުމަކީ، ސަރުކާރުގެ އަމާޒެއް ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވިދާޅުވީ، ކީރިތި ޤުރްއާނުގެ ތަޢުލީމު ‏‏އިތުރަށް ފުޅާކުރުމަށްޓަކައި ރާއްޖޭގެ ސްކޫލްތަކުގައި އިސްލާމީ އަޚްލާޤިއްޔާތާއި، ‏‏އިސްލާމްދީނުގެ މަތިވެރި އުޞޫލުތަކުގެ ތަޢުލީމް ފުޅާކުރުމުގެ ޕްރޮގްރާމެއްވެސް މިއަހަރު ‏‏ފަށާފައިވާ ކަމަށެވެ. މީގެ އިތުރުން ރާއްޖޭގެ ހުރިހާ ސްކޫލްތަކެއްގައި މިއަހަރުގެ ތެރޭ ‏‏ހިންގޭ ޕްރޮގްރާމްތަކުގައި އަޚްލާޤިއްޔާތު ތަޢާރުފްކުރުމުގެ ޚާއްޞަ މަސައްކަތްތަކެއް ކުރުމަށް ‏‏ނިންމަވާފައިވާ ކަމަށާއި، އަދި ވަރަށް ގިނަ ސްކޫލްތަކުގައި އެމަސައްކަތް މިހާރު ފެށިގެން ‏‏ހިނގަމުންދާ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

ރާއްޖޭގެ ކާމިޔާބާއި، މުޖްތަމަޢުގެ ހަމަޖެހުމާއި، ‏‏ރާއްޖޭގެ ޞުލްޙަ މަސަލަސްކަން ޤާއިމުވުން ބިނާވެފައިވަނީ ރަނގަޅު ތަރުބިއްޔަތަކާއި، ރިވެތި ‏‏އަޚްލާޤެއްގެ ތެރޭގައި ދިރިއުޅޭ ވެށްޓަކަށް ރާއްޖެ ވެގެންކަމަށާއި އެކަން އެގޮތަށް ގެންދިޔުމަށްޓަކައި، ތަޢުލީމީ ނިޒާމުގެ ތެރެއަށް އިތުރު ވިސްނުންތަކެއް މިއަދު ތަޢާރުފް ކުރަން ‏‏ޖެހިފައިވާ ކަމަށް ނައިބު ރައީސް ވިދާޅުވިއެވެ.
މިއަދުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެޑިއުކޭޝަން މިނިސްޓަރ ޑރ އައިޝަތު ޝިހާމު ވިދާޅުވީ، ރާއްޖެ ފަަދަ އިސްލާމީ ޤައުމެއްގައި ޢަރަބި ކިޔަވައިދިނުމަކީ ވަރަށް މުހިއްމު ކަމެއް ކަަމަށާއި، ރާއްޖޭގެ ސްކޫލުތަކުގައި އަަރަބި ބަސް ކިޔަވާ ދެން ފެށުމަކީ އެޑިއުކޭޝަން މިނިސްޓްރީން، މި ސަރުކާރުގެ ފުރަތަމަ ސަތޭކަ ދުވަހުގެ ތެރޭޭގައި ކުރުމަށް ކަނޑައަޅާފައިވާ ކަމެއް ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

އަދި ސަރުކާރުގެ ސަތޭކަ ދުވަހުގެ ސިޔާސަތުގެ ދަށުން އެޑިއުކޭޝަން މިނިސްޓްރީން ކުރުމަށް ކަނޑައަޅާފައިވާ ގިނަ މަސައްކަތްތައް މިހާރު ފަށާފައިވާކަންވެސް މިނިސްޓަރ ފާހަގަ ކުރެއްވިއެވެ.

މި ރަސްމިއްޔާތަށްފަހު، ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޑރ ޖަމީލާއި، އިސްލާމިކް މިނިސްޓަރ ޑރ މުހައްމަދު ޝަހީމް އަލީ ސައީދު ވަނީ، މިއަދު ފެށި ކްލާސްތަކުގެ ތެރެއިން އެއް ކްލާހުގައި ޢަރަބި ބަހުގެ ނަމޫނާ ‏‏ފިލާވަޅެއް ނަންގަވައިދެއްވާފައި ވެއެވެ.

މިއަދު އަރަބިބަސް ކިޔަވައިދޭން ފަށާފައިވާ ސްކޫލްތަކުގެ ތެރޭގައި ހިރިޔާ ސްކޫލާއި، މަޖީދިއްޔާ ސްކޫލާއި، އަމީނިއްޔާ ސްކޫލާއި ތާޖުއްދީން ސްކޫލުގެ އިތުރުން ވިލިމާލޭގައި ހުންނަ މުހްޔިއްދީން ސްކޫލު ހިމެނެއެވެ.
މީގެ އިތުރުން އަތޮޅު ތެރޭގެ ބައެއް ރަށްތަކުގައިވެސް މިއަދު ވަނީ އަރަބި ބަސް ކިޔަވައިދޭން ފަށާފައި ވެއެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.