މޯލްޑިވްސް މީޑިޔާ ކައުންސިލްގެ ރައީސް މަޤާމުން އިސްތިއުފާ ދެއްވައިފިއެވެ.
ބައެއް މީޑިޔާ ތަކުގައި މިކަން ކަށަވަރު ކޮށްދެއްވަމުން މޯލްޑިވްސް މީޑިޔާ ކައުންސިލްގެ ރައީސް ހުޝާމް މުޙައްމަދު ( ހިރިގާ ހުޝާމް ) ވިދާޅުވީ އޭނާ މަޤާމުން އިސްތިއުފާ ދެއްވާފައި ވާކަމަށާއި، މަޤާމުން އިސްތިއުފާ ދެއްވީ މޯލްޑިވްސް މީޑިޔާ ކައުންސިލްގެ ޤާނޫނީ ޒިންމާ އަދާކުރުމުގައި ހުރަސްތަކާއި ކުރިމަތި ވަމުން ދާތީ ކަމަށެވެ.
އެގޮތުން މޯލްޑިވްސް މީޑިޔާ ކައުންސިލުގެ ޤާނޫނުން އެ ކައުންސިލަށް މިހާރު ލިބިދީފައިވާ ބާރުތައް ވެސް އެކަށީގެންވާ ގޮތެއްގައި ތަންފީޒު ކުރުމުގައި ތަފާތު ހުރަސްތަކާއި ކުރިމަތި ވަމުން ދާކަމަށާއި، މީޑިޔާ ކައުންސިލްގެ ޤާނޫނަށް ވެސް އިސްލާޙު ތަކެއް އަންނަން ޖެހޭ ކަމަށް ހުޝާމް ވިދާޅުވިއެވެ.
ހުޝާމް ވިދާޅުވީ ދައުލަތުގެ ފަރާތުން ވެސް މީޑިޔާ ކައުންސިލްގެ ޤާނޫނު ތަންފީޒު ކުރުމަށް ހުރަސް ތަކާއި ކުރިމަތި ވަމުން ދާކަމަށާއި އެކަމަކީ ޤަބޫލު ކުރެވޭނެ ކަމެއް ނޫން ކަމަށެވެ.
އެގޮތުން ރައީސުލް ޖުމްހޫރިއްޔާ އާއި މީޑިޔާ ކައުންސިލްގެ މެންބަރުން ބައްދަލު ކުރެއްވުމަށް އެދިވަޑައިގަތުމުން ހަތްދިހަ ހަތް ދުވަސް ފަހުން އެ ފުރުޞަތު ލިބެން ނެތް ކަމަށް ރައީސް އޮފީހުން އެންގެވުމަކީ ޤަބޫލު ކުރެވޭނެ ކަމެއް ނޫން ކަމަށް ހުޝާމް ވިދާޅުވެފައިވެއެވެ.
މޯލްޑިވްސް މީޑިޔާ ކައުންސިލުގެ ރައީސް ކަމުން އިސްތިއުފާ ދެއްވި ނަމަވެސް އެ ކައުންސިލްގެ މެންބަރު ކަމުން ހުޝާމް އިސްތިއުފާ ދެއްވާފައެއް ނުވެއެވެ. މޯލްޑިވްސް މީޑިޔާ ކައުންސިލް ގައި މިހާރުވެސް ފަނަރަ މެންބަރަކު ތިއްބަވައެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...